2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީ ނުވަތަ ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ވެސް ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ބޮޑަށް ބެލެވެނީ ބޮޑު ދެ ޕާޓީ ނޫން ތިން ވަނަ ފަރާތަކުން ކަމަށެވެ.

"ދުނިޔޭގެ ސިޔާސީ މަޝްރަހުން މި ފެންނަ ހަގީގަތަކީ އެއް ފަހަރު ތަޖުރިބާ ކުރެވޭ ސިޔާސީ ވެރީންނަށް ރައްޔިތުން އަލުން ފުރުސަތު ނުދޭތަން. ވަރަށް ބޮޑު ތަފާތެއް ނޫނީ އާދަޔާ ހިލާފު ނަތީޖާތަކެއް ނެރުމުން ނޫނީ ދެވަނަ ފުރުސަތެއް ލިބޭ ތަނެއް ނުފެނޭ. ވެރީން ކަންތައްތައް ކުރާ ގޮތް ރައްޔިތުން ވަރަށް ގާތުން ބަލަމުން ދަނީ. މިއަދުގެ ރައްޔިތުން މިތިބީ ރޯފިލާފަ. ރާއްޖޭގެ ފަހުގެ މާޒީން ވެސް މި ފެންނަނީ ހަމަ އެ މަންޒަރު. އެކަކަށް ދެވަނަ ފުރުސަތެއް ނުލިބޭނޫންތޯ؟" އުމަރު ވިދާޅުވި އެވެ.

ވެރިކަން ކުރާ މައި ޕާޓީގެ ހާލަތަށް އަލި އަޅުއްވައިލައްވަމުން އުމަރު ވިދާޅުވީ އެތެރޭގެ ކޯޅުންތައް ބޮޑުވުމުގެ ސަބަބުން އެމްޑީޕީގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށެވެ. އެކަން ކުރިޔަށް އޮތް ތަނުގައިވެސް ދާނީ އިތުރަށް ގޯސްވަމުން ކަމަށެވެ. މިހާރު މިފެންނަނީ ރިޔާސީ އިންތިހާބަށް ގައުމުގެ މަޝްރަހު ދޮންވާން ފެށުމުގެ ކޮޅުމަތި ކަމަށާއި އަދި ލައްކަ މަންޒަރުތައް ފެނި ވަރަށް ގިނަ ބަދަލުތައް ފެންނަމުން ދާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

"އަދި މީ ހަމަ ފެށުމެއް އިނގޭތޯ. މި ފިލްމުގައި ވަރަށް ގިނަ ކަންކަން ހިނގާނެ. ރައީސް ނަޝީދާއި އިބޫގެ ފައިޓް، އިތުރު ޕާޓީތައް އުފެދިގެން އައުން، މިއީ އަދި ފެށުން. އަދި ހަމަ ބޮޑެތި ބަދަލުތައް ފެންނާނެ. އެންމެ ފަހު ވަގުތު ބޮލުގައި އަތް އަޅައި ގަންބާލާ މީހުންނާއި ވަގުތު ކައިރިވަމުން އަންނަ އިރު ބާރަށް ތެޅޭ މީހުންވެސް ފެންނާނެ. އެކަމަކު ދެން މާ ދުވަސްތަކެއް ނުވެ އަސްލު މަންޒަރުތައް ފެންނާން ފަށާނެ." އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމަށް ރައްޔިތުން ނޫނެކޭ ބުނެފި ކަމަށާއި އެމްޑީޕީގެ ވެރިކަމާ މެދުވެސް ރައްޔިތުން "ހެޕީ" ނޫން ކަމަށެވެ. މި ދެ ވިސްނުން ނޫން ތިން ވަނަ ފަރާތަކަށް ދާން ރައްޔިތުން ނިންމާނެ މައިގަނޑު ސަބަބަކީ އެއީ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.

އުމަރު މިމޭރުމުން ވާހަކަދެއްކެވި އިރު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ ވަނީ ބައިބައިވެފަ އެވެ. ޕާޓީގެ އެންމެ އިސް ފަރާތް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސް ވެފަ އެވެ. އެ ގޮތުން ރައީސް ނަޝީދު ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ އެމްޑީޕީގެ ޕްރާއިމަރީގައި ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވައިފަ އެވެ. އޭގެ ކުރީން އެމަނިކުފާނު ވަނީ ރާއްޖޭގައި ވެރިކަން ކުރަމުން މި އަންނަ ރިޔާސީ ނިޒާމު ބަރުލަމާނީ އަކަށް ބަދަލުކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ. އަދި 2023 ގައި ރިޔާސީ އިންތިހާބެއް ނުބާއްވާ ގޮތަށް ހަމަޖައްސައި، އެމަނިކުފާނަށް ބޮޑުވަޒީރުކަން އަދި ރައީސް ސޯލިހަށް ރައީސް ކަން ލިބޭނެ ގޮތަށް ކަންކަން އިންތިޒާމުކޮށް އެކަމަށް ބޭނުންވާ ބަދަލުތައް ގެނައުމަށް ވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ. ދާދި ފަހުން ހުށަހެޅި ނަފުރަތުގެ ބިލާ ގުޅޭ ގޮތުން ރައީސް ނަޝީދު ވަނީ އެ ބިލަށް ސަރުކާރުން ތާއީދު ނުކޮށްފި ނަމަ އެމަނިކުފާނަށް ވެސް ސަރުކާރަށް ތާއީދު ނުކުރެއްވޭނެ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން އެމަނިކުފާނާއި ރައީސް ސޯލިހާ ސިޔާސީ ފިކުރު ތަފާތު ވެއްޖެ ކަމަށާއި ރައީސް ސޯލިހާ އެކު ސިޔާސީ މަސައްކަތް ދެން ނުކުރެއްވޭނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މި ހުރިހައި ވާހަކަތަކެއް ރައީސް ނަޝީދު ދެއްކެވި ނަމަވެސް، މިއިން އެއްވެސް ވާހަކަފުޅަކަށް ރައީސް ސޯލިހު ސީދާ ކޮމެންޓެއް ކުރައްވައިފައެއް ނުވެއެވެ. ބަރުލަމާނީ ނިޒާމު ގެނައުމާ ގުޅޭ ގޮތުން ރައީސް ސޯލިހަށް ނޫސްވެރީން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވަނީ ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމަކީ ރައްޔިތުން ނިންމާފައިވާ ނިންމުމެއް ކަމަށާއި އެހެން ކަމުން އެއަށް ބަދަލެއް ވެސް ގެނެވޭނީ ރައްޔިތުންނަށް ކަމަށް ވިދާޅުވެފަ އެވެ.