މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކަންކަން ދިޔަ ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އެ އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު އުފައްދަވައިފިއެވެ.
ގައުމީ މަޖިލީހުގެ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އަސްލަމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭއްވުމަކީ އެމްޑީޕީ އުފެދުނީއްސުރެ އެންމެ ބޮޑަށް ވަކާލާތުކުރި އަސާސް ކަމަށެވެ. ނަމަވެސް، މި ފަހަރުގެ އިންތިހާބުން ފެނިގެންދިޔައީ އެއާ މުޅިން ހިލާފު، ތަފާތު މަންޒަރެއްކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރުކަންވެސް ކުރެއްވި އަސްލަމް ފާހަގަކުރެއްވިއެވެ.
"މިނިވަން އިންސާފުވެރި އިންތިހާބެއް ލިބުމުގެ ހައްގަކީ އެމްޑީޕީިއިން އެޕާޓީ އުފެދުމުގައިވެސް އެންމެ ހަރު އަޑުން ގޮވި އެއް ގޮވެލި. އެހެނަސް މިއަދުގެ ކުރެހުންތައް މަންޒަރު ކޮށްދެނީ މުޅިން އެހެން ތަސްވީރެއް" އަސްލަމް ވިދާޅުވިއެވެ.
އަސްލަމްގެ އިތުރުންވެސް އެ ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި ކެންޑިޑޭޓުން ގެންދަވަނީ އިންތިހާބުގައި މަކަރާއި އޮޅުވާލުން ހިމެނޭކަމަށް ތުހުމަތުކުރައްވަމުންނެވެ.
އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ، މާލޭގެ 16 ގޮނޑިއަށް މީހުން ވޯޓު ދިން ގޮތާއި ނެރެފައިވާ ނަތީޖާ ޝީޓްތަކާ ދިމާނުވާ ކަމަށެވެ. އަދި ބައެއް ކެންޑިޑޭޓުންނަށް 200 އެއްހާ ވޯޓު އިތުރަށް އަޅާފައިވާކަމަށް ބެލެވޭކަމަށް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ޝަމްހީދު ތުހުމަތު ކުރެއްވިއެވެ.
މީގެއިތުރުން، ވޯޓުލުން ނިމުނުތާ 40 ގަޑިއިރު ފާއިތުވެގެން ދިޔައިރުވެސް ވަގުތީ ޖުމްލަ ނަތީޖާ އިއުލާން ނުކުރެވި އޮތުމުން ގިނަ ބަޔަކުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޒުވާނުންގެ ހިތްވަރުގެ ރައީސްކަމަށް ވާދަކުރެއްވި އަރްޝަމް އަބްދުﷲ ވިދާޅުވީ ތާވަލާ އެއްގޮތަށް ހުކުރު ދުވަހު ނަތީޖާ އިއުލާން ނުކުރެވުމަކީ ހިތާމަހުރިކަމެއް ކަމަށެވެ. އަދި ވޯޓު ކަރުދާސް ހުސްވުމާއި، އޮފިޝަލުން ހަމަނުވުން ފަދަ އިންތިޒާމީ ބޮޑެތި މައްސަލަތަކެއް ހުރިކަންވެސް އާންމު މެމްބަރުން ފާހަގަކޮށްފައިވެއެވެ.
މި ތުހުމަތުތަކާ ގުޅިގެން، އިންތިހާބު ކޮމިޓީގެ މުގައްރިރު އަދި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ، ވޯޓުލީ މަރުކަޒުތަކުގައި ވަގުތީ ނަތީޖާތައް އިއުލާންކޮށްފައިވާ ކަމަށެވެ. އަދި ނަތީޖާ ޝީޓުތައް ބަލައި ޗެކްކުރުމަށް ފަހު، ޕާޓީގެ ވެބްސައިޓް މެދުވެރިކޮށް މިރޭގެ ވަގުތެއްގައި ނަތީޖާ އާންމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް