އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގެ ޖުމްލަ ވަގުތީ ނަތީޖާ އިއުލާނުކުރުން ލަސްވުމާ ގުޅިގެން ޕާޓީގެ އެތެރޭގައި ހިތްހަމަނުޖެހުންތަކެއް އުފެދިފައި ވަނިކޮށް، އިންތިހާބު ބޭއްވި މަރުކަޒުތަކުގައި މިހާރު ވަގުތީ ނަތީޖާތައް އިއުލާނުކޮށްފައިވާނެކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.

އިބުރޭ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުކުރު ދުވަހު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާތައް ވޯޓުލީ މަރުކަޒުތަކުގައި މިހާރު ހާމަކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ މަސައްކަތަކީ ނަތީޖާ ޝީޓްތައް ޗެކްކުރުމަށްފަހު އެމްޑީޕީގެ ވެބްސައިޓުގައި އާންމުކުރުމުގެ މަސައްކަތް ކަމަށާއި، މިރޭގެ ނިޔަލަށް އެކަން އެއްކޮށް ނިންމާލެވޭތޯ ބަލަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިބުރޭ މިހެން ވިދާޅުވީ، ވޯޓުލުން ނިމުނުތާ 40 ގަޑިއިރު ފާއިތުވެގެން ދިޔައިރުވެސް ރަސްމީކޮށް ވަގުތީ ނަތީޖާ އިއުލާނު ނުކުރެވޭތީ ބައެއް ކެންޑިޑޭޓުންނާއި މެންބަރުން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަން ފެށުމާ ގުޅިގެންނެވެ.

އެ ފަރާތްތަކުން ބުނާ ގޮތުގައި އިންތިހާބުގެ ތާވަލު އޮތް ގޮތުން ނޮވެމްބަރު 27 ގައި ވަގުތީ ނަތީޖާ އިއުލާނުކުރަން ޖެހެއެވެ.

މި މައްސަލައިގައި ޒުވާނުންގެ ހިތްވަރުގެ ރައީސްކަމަށް ވާދަކުރެއްވި އަރްޝަމް އަބްދުﷲ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި، 40 ގަޑިއިރު ވީއިރުވެސް ނަތީޖާ ހާމަނުކުރެވި އޮތުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން، ވޯޓުލާ މަރުކަޒުތަކުގައި އޮފިޝަލުން ނެތުމާއި ވޯޓު ކަރުދާސް މަދުވުން ފަދަ ކަންކަން ފާހަގަކޮށް، އިންތިހާބުގެ އިންތިޒާމުތައް ވަރަށް ފެންވަރު ދަށްކަމަށް ބުނެ ގިނަ ބަޔަކުވަނީ ފާޑުކިޔައިފައެވެ.

އަދި، އިންތިހާބުގެ ނަތީޖާތަކުގެ ސައްހަކަމާމެދުވެސް ވަނީ ބޮޑެތި ތުހުމަތުތަކެއް ފެންމަތިވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދު ތުހުމަތު ކުރެއްވި ގޮތުގައި، ހުޅުމާލެ ދެކުނު ދާއިރާއިން މުޅި މާލޭގެ 16 ގޮނޑިއަށް ނެރެފައިވާ ނަތީޖާ ޝީޓަކީ މީހުން ވޯޓު ދިން ގޮތާ އެއްގޮތަށް އޮތް ޝީޓެއްކަމަށް ނުބެލެވެއެވެ.

ބައެއް ކެންޑިޑޭޓުންނަށް 200 އެއްހާ ވޯޓު އިތުރަށް އަޅާފައިވާކަމަށް ޝައްކުކުރެވޭ ކަމަށްވެސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ޝަމްހީދު ވިދާޅުވިއެވެ.