ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއަށް ސިފައިން ހާޒިރުވިޔަ ނުދެއްވައި އެކަމަށް ހުރަސް އަޅުއްވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް، މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ރައީސް ސޯލިހަށް ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ.
ރައީސް ސޯލިހަށް ބޮޑު ތުހުމަތެއް ކުރައްވައި ރައީސް ނަޝީދު މި މެސެޖު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގުރޫޕަށް ފޮނުއްވެވީ، އެ ޕާޓީގެ ޗެެއާޕާސަން، ހަސަން ލަތީފު މެދުވެރިކުރައްވަ އެވެ.
މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު ގެކޮޅުން ނިކުމެވަޑައިގެން ކާރަށް އަރުއްވަން އުޅުއްވަނިކޮށް، އެއްޗެއް ގޮއްވާލައި އެމަނިކުފާނު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން ވަނީ އިންކުއަރީއެއް ފަށައިފަ އެވެ. އެ ކޮމެޓީން ބޭނުންވާ އެ ފަރާތްތައް ހާޒިރުކޮށް އަންނަނީ ސުވާލު ކުރަމުންނެވެ. ވަކި ވަކި މީހުންނާއި މުއައްސަސާތައް ވެސް ހާޒިރުކުރާން ވަނީ ނިންމައިފަ އެވެ.
މި މައްސަލައިގައި، ގައުމީ ދިފާއީ ބާރުން ވަނީ މަޖިލީހަށް ޖަވާބުދީ ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ ދިފާއީ ބާރުން ވަކިވަކި ފަރުދުން، ފަރުދީ ގޮތެއްގައި މަޖިލީހަށް ހާޒިރު ނުކުރެވޭނެ ކަމަށާއި ޖަވާބުދާރީ ވާނީ މުއައްސަސާގެ ފަރާތުން ކަމަށެވެ. އެ ގޮތުން މުއައްސަސާގެ ފަރާތުން އެ ކަމުގައި ޖަވާބުދާރީ ވެވަޑައިގަންނަވާނީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ކަމަށް ވެސް ބުނެފައިވެ އެވެ.
ދިފާއީ ބާރުގެ މި ޖަވާބާ ގުޅިގެން، އަދި އޭގެ ކުރީންވެސް މި މައްސަލައިގައި އަންނަނީ ބަހުގެ ހޫނު ހަމަލާތައް ރައްދުކުރަމުންނެވެ. މައްސަލަ ކުރިޔަށް ގެންދިއުމަށް ރައީސް ސޯލިހު ހުރަސް އަޅުއްވާ ކަމުގެ ތުހުމަތު ރައީސް ނަޝީދުގެ ސަޕޯޓަރުން އަންނަނީ ފާޅުކަން ބޮޑު ގޮތެއްގައި ކުރަމުންނެވެ.
މި މައްސަލައިގައި ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް މި ފޮނުއްވި މެސެޖަކީ އެ މަނިކުފާނު މި މައްސަލައިގައި މިހާ ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ސޯލިހަށް ތުހުމަތު ކުރައްވައި ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ. ސިފައިން ހާޒިރުކުރުމަށް ހުރަސް އަޅުއްވަނީ ރައީސް ސޯލިހު ކަމަށް ވިދާޅުވެ ކަންތައްތަކެއް ސިއްރުކުރާން ރައީސް ސޯލިހު މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ވެސް މި މެސެޖުގައި ރައީސް ނަޝީދު ވަނީ ކުރައްވައިފަ އެވެ.
"މީ ރައީސް ނަޝީދު. ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން 241 އަށް ހާޒިރުވިޔަ ނުދޭން ތިޔަ މަސައްކަތް ކުރައްވާ ސަބަބެއް އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ. ކޮން ކަމެއްތޯ ސިއްރުކުރައްވަން ތިޔަ އުޅުއްވަނީ." ހަސަން ލަތީފު މެދުވެރިކުރައްވައި ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވެ އެވެ.
އެމްއެންޑީއެފުން ރައްޔިތުންގެ މަޖިލީހަށް ދިން ޖަވާބާ ގުޅިގެން، އެއީ އިމްތިޔާޒުގެ މައްސަލައެއް ކަމަށް ކަނޑައަޅައި އެމައްސަލަ ބަލަން ރައީސް ނަޝީދު މަޖިލީހުގެ 241 ކޮމެޓީއަށް މައްސަލަ ހުށަހެޅުއްވުމުން އެ މައްސަލަވެސް ވަނީ އެ ކޮމެޓީން ރޭ ބޭރުކޮށްލައިފަ އެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް