ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ ނިންމަވައިލެއްވުމަށްފަހު، މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފެއްޓެވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޕީއެންސީގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބުދުﷲ ރަސްމީ މަސައްކަތަށް ނިކުންނަވައި މިއަދު ބައެއް ފަރާތްތަކާ ބައްދަލު ކުރައްވައިފައެވެ.
މަޖިލިސް ރައީސް މަސައްކަތަށް މި ނިކުންނެވީ އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ، ވެރިކަންކުރާ ޕާޓީގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއާ ދެމެދު ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.
އެ މަނިކުފާނު ރަސްމީ މަސައްކަތަށް ނިކުންނެވި މި ދަނޑިވަޅުގައި، މޯލްޑިވިއަން ޑިމޮކޮރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް، އާ ބައްދަލު ކުރެއްވި ވާހަކަތަކެއް މިއަދު ވަނީ ފެންމަތިވެފައެވެ.
ނަމަވެސް އަބްދުއްރަހީމް އަދި ނާޒިލްވެސް ފޯނު ނުނަންގަވާތީ މި ބައްދަލުވުމާބެހޭގޮތުން އެބޭފުޅުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
އެ ދެބޭފުޅުން ބައްދަލުވިކަން ބަޔާންކޮށް ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިއަދު މެންދުރެއްހާއިރު ބޭއްވި އެ ބައްދަލު ކުރެއްވުމުގައި ވަރަށް ގިނަ ކަންކަމާބެހޭގޮތުންން މަޝްވަރާކުރެއްވި ކަމަށެވެ. ނަމަވެސް އެ ކަމުގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.
މިއަދު މަޖިލީހުގެ މަސައްކަތަށް ނިކުންނެވުމަށްފަހު، މަޖިލިސް ރައީސް ވަނީ ގއ. ނިލަންދޫ ކައުންސިލްގެ އޮފިޝަލުންނާއި އިންސާނީ ހައްގުތަކުގެ ދާއިރާގެ ބައިނަލްއަގުވާމީ ވަކީލެއް ކަމަށްވާ ޖެރަޑް ޖެންސާ ވެސް ބައްދަލު ކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ މިކަން ކަށަވަރު ކޮށްދެއްވައިފައެވެ.
ރައީސް މުއިއްޒުއާ އަބްދުއްރަހީމްގެ ދެމެދުގައި މައްސަލަ އިތުރަށް ގޯސްވީ، މިދިޔަ މަހުގެ 25 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުން އަބްދުއްރަހީމްގެ ދަރިފުޅު، އިބްރާހިމް ފައިސަލް ވަކިކުރެއްވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ، މިނިސްޓަރުކަމުގެ މަގާމުން ފައިސަލް، ވަކި ކުރެއްވުމަކީ ވަރަށް ދެރަކޮށް ރައީސް މުއިއްޒު ކުރެއްވި ކަމެއް ކަމަށެވެ. ފައިސަލް ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
"އެގޮތަށް ބަދަލުވާންވީ ސަބަބެއް އަޅުގަނޑަކަށް ނޭނގެއޭ ދަންނަވާނީ، އަޅުގަނޑުގެ ފަރާތުން ހަމަ ގައިމުވެސް ނޯންނާނެ ސަރުކާރަށް ދެރަވާނެ ކަމެއްވެސް ރައީސުލްޖުމްހޫރިއްޔާގެ އަބުރަށް ހުތުރުވާނެ ކަމެއްވެސް، މިކަހަލަ އެއްވެސްކަމެއް ހިނގާފައެއް ނޯންނާނެ،"
އަބްދުއްރަހީމް ވިދާޅުވެފައިވަނީ، ފައިސަލް ވެސް އަދި އަބްދުއްރަހީމް ވެސް ކުރިހާ ކަމެއް ކުރައްވަމުން ގެންދަވަނީ ރައީސް މުއިއްޒު އެދިވަޑައިގެންނެވި ގޮތަށް ކަމަށެވެ. އެގޮތުން ޓޫރިޒަމްގެ ދާއިރާއިން މިދިޔަ އަހަރަށް ކަނޑައެޅި ލަނޑުދަނޑި ފައިސަލް ހާސިލް ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމަކީ ފައިސަލްގެ ވެސް ހިއްސާ އޮވެގެން ގެނައި ވެރިކަމެއް ކަމަށާއި ސަރުކާރާ ދެކޮޅަށް އޭނާ ކަމެއް ނުކުރައްވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ވަޒީރެއްގެ ގޮތުގައި ހުންނަވަނިކޮށް ވަކި ކުރެއްވުމުން، ފައިސަލް ދެން ސަރުކާރާއެކު ނުހުންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމަށް ގެންނަވަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުން، މިހާރު ރައީސް މުއިއްޒާ ދެމެދު އޮންނަ ގުޅުމާބެހޭގޮތުން އަބްދުއްރަހީމް ވިދާޅުވީ، ރައީސާ ދޭތެރޭ ގުޅުން ރަނގަޅު ނަމަ އެކަން އެގޮތަށް ނުހިނގާނެ ކަމަށެވެ.
"އަޅުގަނޑާއި ރައީސާ ދޭތެރޭ ގުޅުން ރަނގަޅު ނަމަ މިކަން ހިނގާނެ ކަމަށް ގަބޫލެއް ނުކުރަން، އަޅުގަނޑަކަށް އެއްވެސް ސަބަބެއް ނޭނގެ. އަޅުގަނޑަށް އެނގޭ ކަމަކީ އަޅުގަނޑުމެން ދެ މީހުންގެ ދޭތެރޭގައި މި ވެރިކަން ފެށުނުއިރު އޮތް ގާތްގުޅުމާއި އެ އިތުބާރާއި އެ ޔަގީންކަން އޮތްނަމަ މިގޮތަކަށެއް މިކަން ނުހިނގާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ފައިސަލް ވަކި ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި، މިނިސްޓާ އޮފް ޓޫރިޒަމް، އެންޑް، އެންވަޔަރަންމަންޓް އުފައްދަވައި، މިނިސްޓަރަކަށް އެންވަރަމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ތޯރިގު އިބްރާހީމް އާ މިނިސްޓްރީގެ މިނިސްޓަރަކަށް އައްޔަނުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު