ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ މިއަހަރުގެ ތިންވަނަ ދައުރުގެ މަސައްކަތްތައް ފެށުމުގެ ޖަލްސާއެވެ. އެއީ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާއެވެ.
މީގެކުރިން ދައުރުފެށުމަށް ނިންމާފައި އޮތީ، މިމަހުގެ ހަތްވަނަ ދުވަހުގައެވެ. ނަމަވެސް މަޖިލިސް ޖަލްސާތައް ބްރޯޑްކާސްޓް ކުރުމަށް އާ ވީޑިއޯ ރޫމެއް ގާއިމު ކުރުމުގެ މަސައްކަތްތައް ކުރިއަށް ދާތީ، މަޖިލިސް ޖަލްސާތައް ބްރޯޑްކާސްޓް ކުރުމުގައި ދަތިތަކެއް ހުރެގެން ކަމަށްބުނެ މަޖިލީހުގެ ޖަލްސާތައް މިއަދު ފަށަން ފަސްކުރީއެވެ.
އޭރުވެސް މަޖިލީހަށް އެކަށީގެންވާ ވަރަށް ބިލްތައް ހުށަހެޅިފައިނުވާ ކަމަށާއި، މަޖިލީހުގައި ކުރާނެ މާގިނަ މަސައްކަތްތަކެއް ނެތްކަމަށް ބައެއް ފަރާތްތަކުން ބުނަމުން ގެންދިޔައެވެ. ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގެ ގޮތުގައި 9:00ގައި ފަށަން އޮތް މިއަދުގެ ޖަލްސާ ފެށީވެސް ކޯރަމް ރަނގަބީލު ޖެހުމަށްފަހު ކުޑަ ވަގުތުކޮޅެއް ލަސްކޮށެވެ. ނަމަވެސް ޖަލްސާގައި 40 މެންބަރުން ހާޒިރުވެ ތިއްބެވި ކަމަށާއި، ހަތަރު މެންބަރުން ސަލާމް ވިދާޅުވެފައިވާއިރު، ހަ މެންބަރުން ރަސްމީ ދަތުރުތަކުގައި އުޅުވާކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި، މަޖިލިހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް އިއުލާން ކުރެއްވިއެވެ.
ނައިބު ރައީސް މަޖިލީހުގެ ރިޔާސަތަށް ވަޑައިގެންފައި ވަނީ، އިންޓަ-ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އިއްޔެރޭގެ ވަގުތެއްގައި ފުރާވަޑައިގެންފައިވާތީއެވެ.
ތިންވަނަ ދައުރުގެ ފުރަތަމަ މަސައްކަތަކަށް މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ، ރައީސް މުއިއްޒުގެ ކެބިނެޓަށް ގެންނެވި ފުރަތަމަ ބަދަލުގެ ތެރެއިން، ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ޑރ. އަބްދުﷲ ހަލީލް އާއި ފިނޭންސް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި މޫސާ ޒަމީރާއި ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަބުދުﷲ ނާޒިމަށް ރުހުން ހޯއްދެވުމަށް އެމަނިކުފާނު މަޖިލީހަށް ފޮނުއްވި މައްސަލަ ކަމާބެހޭ ކޮމިޓީއަށް ފޮނުވުމެވެ.
އެކަމަށްޓަކައި ރައީސް މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލިސް ތަޅުމަށް އިއްވުމުން، އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވިކަން ރިޔާސަތުން އިއުލާން ކުރެއްވިއެވެ. އެއަށްފަހު އިންޑިޔާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް އާއިޝަތު އަޒީމާ އައްޔަން ކުރެއްވުމަށާއި، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގުގެ މެންބަރު ކަމުގެ މުއްދަތު ހަމަވާތީ، ފުއާދުގެ ބަދަލުގައި އީސީގެ މެންބަރުކަމަށް އަބްދުލް ހަސީބް އިސްމާއީލް އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ކަމާބެހޭ ކޮމިޓީތަކަށް ފޮނުވުން އޮތެވެ.
އީސީގެ މެންބަރުކަމަށް ހަސީބު އައްޔަން ކުރުމުގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވުމަށްފަހު، އިންޑިޔާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް އަޒީމާ އައްޔަން ކުރަން ފޮނުއްވި މައްސަލަ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވިއެވެ.
ދެން އޮތީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގައި ރާއްޖެއިން ބައިވެރިވުމަށް ޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި މައްސަލައެވެ. އެ މައްސަލަ ދިރާސާކުރަން ފޮނުވީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ.
ސަރުކާރުން އަލަން ހުށަހެޅި ތިން ބިލެއް، ފުރަތަމަ ކިއުމުގެ ގޮތުގައި، މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްގެން، މަޖިލީހަށް ވަނީ ތައާރަފުކޮށްފައެވެ.
އެއީ ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑުކުރަން، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހުގެންނަން ހުށަހެޅި ބިލާއި، ގްރީން ޓެކްސް 100 ޕަސެންޓަށް ބޮޑުކުރަން ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެންބަބް ހުށަހެޅި ބިލާއި، ޑީޕާޗާ ޓެކްސް ބޮޑުކުރަން، ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލެވެ.
ކޮމިޓީތަކުން މަޖިލިސް ތަޅުމަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ގޮތުގައި، ތިން ކަމެއް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތެވެ. އެއީ އެންވަޔަރަންމަންޓް މިނިސްޓްރީގެ 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށްއޮތް އޮޑިޓް ރިޕޯޓުތަކާއި، ޑިފެންސް މިނިސްޓްރީގެ 2012 އަހަރުންފެށިގެން 2022 ވަނަ އަހަރާއި ހަމައަށް ހުރި، އޮޑިޓް ރިޕޯޓު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހެޅުމެވެ. އަދި މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ހިންގާ ބިމުގައި ދެ ބުރީގެ އިމާރާތެއް އެޅުމަށް ކޮށްފައިވާ ހަރަދުތަކާ ގުޅޭ އެސެސްމަންޓްގެ ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާ ކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހެޅުންވެސް އޮތެވެ.
މި ރިޕޯޓުތައް މަޖިިލިސް ތަޅުމަށް ހުށަހެޅުއްވީ، މާލިއްޔަތު ކޮމިޓީގެ މުގައްރިރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެވެ.
މާލިއްޔަތު ކޮމިޓީން ހުށަހެޅި ކޮންމެ ރިޕޯޓަކަށް ބަހުސް ކުރުމަށް އެއް ގަޑިއިރުގެ ފުރުސަތެއް ދިންނަމަވެސް ވާހަކަ ދެެއްކެވީ އެންމެ ދެ މެންބަރުންނެވެ. އެއީ އޮޑީޓް ރިޕޯޓްތަކަށް، ހުރާ ދާއިރާގެ މެންބަރު ޑރ. އަރާނާ ނައީމުގެ އިތުރުން ކައުންސިލް އިދާރާ ހިންގާ ބިމުގައި ދެ ބުރީގެ އިމާރާތެއް އެޅުމާ ގުޅޭ މައްސަލައަށް، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކެވެ.
އެއްވެސް ބިލަކަށް ބަހުސް ކުރަން މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެއް ނުވެއެވެ.
އެހެންކަމުން ކޮމިޓީން ހުށަހެޅި ރިޕޯޓުތައް މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އެއްސެވުމަށް ޖަލްސާގެ ރިޔާސަތުން ނިންމެވިއެވެ. 9:25 ގައި ވޯޓު ރަނގަބީލް ޖެއްސެވުމަށްފަހު، ވޯޓަށް އައްސަވައި 9:37 ގައި ޖަލްސާ ނިންމަވައިލެއްވިއެވެ. އެހެންކަމުން މިއަދު މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ބައިގަޑިއިރަށެވެ.
މިއަދުގެ ޖަލްސާގައި ވޯޓަށް އައްސަވަން ނިންމަވަމުން މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ، ކޮމިޓީތައް 9:30 ގައި ފަށާތީ ވޯޓު ގަޑި ފަސްކުރަން ބޭނުން ނުވާ ކަމަށެވެ. އެއީ ކޮމިޓީތަކުގެ ބައްދަލުވުގައި ތިއްބެވުމަަށްފަހު ބައްދަލުވުން ދޫކުރައްވައި ވޯޓުލައްވަން މެންބަރުން ތަޅުމަށް ވަޑައިގަންނަވަން ޖެހޭނެތީ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް މިއަދު ކުރިއަށް ދިޔައީ އެންމެ ކޮމިޓީއެއްގެ މަސައްކަތެވެ.
އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ހުންނަވާ ރަސްމީ ގެކޮޅު، މުރައިދޫގޭގެ މުވައްޒަފުންގެ އަދަދާއި އެ މުވައްޒަފުންގެ މުސާރަތަކުގެ ތަފުސީލު ހޯދުމަށް ހުށަހެޅި މައްސަލައިގައި ބޭއްވި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ބައްދަލުވުމެވެ.
އެ މައްސަލައާ ގުޅޭ ގޮތުން މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުން ފައްޓަވަމުން އެ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ކޮމިޓީ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ މަސައްކަތަކީ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅުގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ މުސާރައިގެ ތަފުސީލު ހޯދުމަށް އެކިއެކި ފަރާތްތަކުން މަޖިލީހަށް ހުށަހަޅަމުންދާ މައްސަލަ ކަމަށެވެ. އެކަމާ ގުޅިގެން އެ ލިޔުންތަކާއެކު މަޖިލިސް އިދާރާއިން ކޮމިޓީއަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ، ކޮމިޓީގެ މިއަދުގެ ބައްދަލުވުމަކީ އެ ސިޓީ ކޮމިޓީއާ ހިއްސާކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ. ކޮމިޓީ ބައްދަލުވުން ސިއްރު ކުރެވޭނީ މެންބަރަކު ހުށަހަޅުއްވައި ތާއީދު ކުރެއްވުމުން ވޯޓަށް އައްސަވައިގެން ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރެއްވުމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވިއެވެ. ތާއީދު ކުރެއްވީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ. އެ ހިސާބުން ކޮމިޓީ ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު