ހުސްވި 2023 ވަނަ އަހަރަކީވެސް ރައްޔިތުންގެ މަޖިލީހުން މުހިއްމު ކަންތައްކެއް ނިންމައި އެހާމެ މުހިއްމު ބިލުތަކެއް ފާސްކުރި އަހަރެކެވެ.

މަޖިލީހުން ނިންމި ނިންމުން ތަކުގެ ތެރެއިން ބޮޑު ތިން ނިންމުމެއް ފާހަގަ ވެއެވެ. އެއް ނިންމުމަކީ މަޖިލީހުގެ ރިޔާސަތު ބަދަލުކުރުމެވެ. އަނެއް ނިންމުމަކީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިހާރު އޮތް ގޮތުން، އެމްޑީޕީ މެންބަރުންގެ ވޯޓުން އެކަނިވެސް ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރެވޭގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމެވެ. ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި މަޖިލީހުން ނިންމި އެންމެ ބޮޑު ނިންމުމެއްގެ ގޮތައި ފާހަގަ ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު މުޅިން ބަދަލުކޮށްލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން ނިންމި ނިންމުމެވެ.

އޭރު އޮތް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މައި ޕާޓީ (އެމްޑީޕީ)ގެ ތެރޭގައި އުފެދުނު މައްސަލަގަނޑުގައި ޕާޓީ ދެބައިވެ، ޕާޓީގެ އޭރުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެސް އޭރުގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރާ މެންބަރުން ޕާޓީން ވަކިވުމާއެކު މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުނެވެ. ވަކިވެގެން ދިޔަ މެންބަރުންގެ ތެރޭގައި މަޖިލީހުގެ ނާއިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވެސް ހިމެނިވަޑައިގަންނަވައެވެ. އެހެންކަމުން މަޖިލީހުގެ ރިޔާސަތުވެސް އެމްޑީޕީއަށް ގެއްލުނެވެ.

އެކަމާ ގުޅިގެން ސަރުކާރަށް ކުރިމަތިވަމުންދިޔަ އުނދަގޫތަކުން ސަލާމަތްވެ، މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް ހޯދުމަށްޓަކައި، މަޖިލީހުގެ ރިޔާސަތު ބަދަލު ކުރުމުގެ މަސައްކަތް އެމްޑީޕީން ފެށިއެވެ.

އެ މަސައްކަތުގެ ދަށުން މަޖިލީހުގެ އޭރުގެ ރައީސް އަދި މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމަށް 54 މެންބަރުންގެ ސޮޔާއެކު ޖޫން މަހުގެ ހަތްވަނަ ދުވަހު މަޖިލީހަށް ހުށަހެޅިއެވެ. އޭރު މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ 50 މެންބަރުންގެ ސޮޔާއެކު މެއި މަހު އޮތީ ހުށަހަޅައިފައެވެ. ނަމަވެސް އެ ދެބޭފުޅުންނަކީ ސިޔާސީ އެއް ފިކުރެއްގެ ދެބޭފުޅުން ކަމަށް ވެފައި، ތިމާގެކަމުހެ ގޮތުންވެސް އެހާ ގާތް ދެބޭފުޅުންކަމުން އެކި ބަހަނާ ދައްކަވައި އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަކަށް ނުގެންދެވިއެވެ.

ނަމަވެސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އެމްޑީޕީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސް އުފެއްދުމާއި، އެހެން ބައެއް ޕާޓީތަކުގެ މެންބަރުން ޕާޓީ ބަދަލު ކުރުމާ ގުޅުވައި، އެކި ބަހަނާ ދައްކަވައި، މަޖިލީހުގެ ކޮމިޓީތައް ހުއްޓުވައިލެއްވިއެވެ. އޭގެ ތެރޭގައި އިތުބާރު ނެތްކަމުގެ މައްސަލައިގެ ވަގުތު ކަނޑައަޅަން ޖެހޭ އާއްމު ކޮމެޓީ ވެސް ހިމެނެއެވެ. އެހިސާބުން މުޅި މަޖިލިސް ޑެޑްލޮކަކަށް ދިޔައެވެ.

އެކަމާ ގުޅިގެން މަޖިލިސް ރައީސް އާއި ނާއިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ސެޕްޓެމްބަރު މަހުގެ 11 ގައި އެމްޑީޕީން އަނބުރާ ގެންދިޔައެވެ.

އެމްޑީޕީގެ އޭރުގެ ޕީޖީ ލީޑަރު، މިހާރު މަޖިލީހުގެ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، އިތުބާރު ނެތްކަމުގެ މައްސަލަ އަބުރާ ގެންދިޔައީ، އެ ކަމަށް ބައެއް މެންބަރުން އެދެމުން ދިއުމާއި، މަޖިލިސް ހިނގާނެ ގޮތެއް ހޯދުމާއި ގައުމުގެ މުހިއްމު ހައްސާސް މައްސަލަތަކަށް، ވަގުތުން އެޑްރެސް ކުރަން ޖެހޭ މަޖިލީހުގެ ކޮމިޓީތައް ހިމެނޭތީ، އެ ކޮމިޓީތައް އެކުލަވައިލަން ފުރުސަތު ދިނުމަށް ކަމަށެވެ.

އޭގެ އިތުރުން އެދުވަސްވަރަކީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކަމަށްވާތީ، މަޖިލިސް ރައީސް ނިސްބަތްވެވަޑައިގަންނަވާ، ދަ ޑިމޮކްރެޓްސް ޕާޓީގެ ތާއީދު އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯދުމަށް، އެ ޕާޓީއާއެކު އެމްޑީޕީން ސިޔާސީ މަސައްކަތްކުރަން ބޭނުންވާ ޖާގަ ހޯދުމަށާއި މަޖިލިސް ރައީސް، މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަންތައް ކުރިއަށް ގެންދަވާނެ ކަމަށް ބެލުންވެސް އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދެވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ނަމަވެސް އެއިން އެއްވެސް ކަމެއް އެގޮތަކަށް ކުރިއަކަށް ނުދިޔައެވެ.

އެހެންކަމުން 49 މެންބަރުންގެ ސޮޔާއެކު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސލަ އޮކްޓޫބަރު މަހުގެ ނުވައެއްގައި ދެވަނަ ފަހަރަށް މަޖިލީހަށް ވެއްދިއެވެ. އެއާއެކު އީވާ ވަކި ކުރުމުގެ މައްސަލަ ވެސް 50 މެންބަރުންގެ ސޮޔާ އެކު ނޮވެމްބަރު 13 ގައި މަޖިލީހަށް ވެއްދިއެވެ. މަޖިލީހުގެ ރިޔާސަތުގެ ބާރު އޮތީ އެ ބޭފުޅުންގެ އަތުގައި ކަމުން އެ މައްސަލަ މިފަހަރުވެސް ކުރިއަށްދާނެ ގޮތެއް ނުވިއެވެ. އެންމެ ފަހުން އެ މައްސަލައިގައި އެމްޑީޕީން ދިޔައީ ސުޕްރީމް ކޯޓަށެވެ. ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، މަޖިލީހުގައި އެޅުވި މަރުތަޅު ނެއްޓި މަޖިލިސް ހިނގައި ގަތެވެ.

އެކަމުގެ ސަބަބުން އިތުބާރު ނެތްކަމުގެ ވޯޓު ޔަގީންވެ، އަމާން ދެއްވައި ރައީސް ނަޝީދާއި އީވާ މަޖިލީހުގެ ރިޔާސަތުން އިސްތިއުފާ ދެއްވިއެވެ. މަޖިލިސް ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވީ ނޮވެމްބަރު 13 ގައެވެ. ނާއިބު ރައިސް ކަމުގެ މަގާމުން އީވާ އިސްތިއުފާ ދެއްވީ، ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުއެވެ.

މި ހިނގާ 19 ވަނަ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތު އޮތް، އެމްޑީޕީގެ މެންބަރުން އެކަނި ވޯޓު ދީގެންވެސް، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، ވެރިކަމުން އަޒުލު ކުރެވޭ ގޮތަށް މަޖިލީހުގެ ގަވައިދަށް ބަދަލުގެނައުންވެސް ފާހަކަކޮށްލެވެއެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާ އާއި 203 ވަނަ މާއްދާގެ އިތުރުން 49 ވަނަ މާއްދާއަށް އާއްމު ކޮމެޓީން އިސްލާހުތަކެއް ގެނެސްގެން ނިންމި ނިންމުމެކެވެ.

މީގެ ތެރެއިން ގަވާއިދުގެ 202 އަދި 203 ވަނަ މާއްދާއަށް އިސްލާހު ހުށަހަޅުއްވީ، ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. ގަވާއިދުގެ 49 ވަނަ މާއްދާގެ ފަހަތަށް އަކުރުތަކެއް އިތުރުކޮށް އިސްލާހު ހުށަހެޅުއްވީ، އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ މުޅި މަޖިލީހުގެ މެންބަރުންގެ ބަދަލުގައި، މަޖިލީހުގެ މެންބަރުންގެ އަދަދަކީ އިންތިހާބު ވެފައި ތިއްބެވި މެންބަރުންގެ ގޮތުގައި ގުނުމަށެވެ.

އެގޮތުން މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާނީ އެވަގުތު މަޖިލީހުގެ މެންބަރުން ކަމުގައި ދެމިތިބި މެންބަރުންގެ ޖުމުލަ އަދަދުން ކަމަށާއި، މަޖިލީހުގެ އުމުރު ހަމަވުމުގެ ސަބަބުން ނޫން ގޮތަކަށް އެއްވެސް އިންތިހާބީ ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ނަމަ، އެ އިންތިހާބީ ދާއިރާއެއްގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމާ ހަމައަށް މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި އެ އިންތިހާބީ ދާއިރާއެއް ނުގުނޭނެ ކަމަށްވެސް ވަނީ ހިމަނައިފައެވެ. އަދި ހިނގަމުންދާ މަޖިލީހުގެ އުމުރެއްގައި، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަށް އެއްވެސް ބަދަލެއް އައިސްފިނަމަ، އެ ބަދަލެއް އަންނަ ތާރީހާ ވިދިގެން އެންމެ އަވަހަށް ބާއްވާ މަޖިލިސް ޖަލްސާއެއްގައި އެކަން މަޖިލީހުގެ ރައީސް އިއުލާން ކުރަންވާނެ ކަމަށްވެސް މި އިސްލާހުގައި ވެއެވެ.

މަޖިލީހުގެ ގަވާއިދު އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް މަގާމުން އަޒުލު ކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. މުޅި މަޖިލީހުގެ އަދަދަށް ބަލާއިރު އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ވޯޓެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަން ކުރެއްވުމާ ގުޅިގެން މަޖިލީހުގެ ހަތް މެންބަރަކު ވަނީ އިސްތިއުފާ ދެއްވައިފައެވެ. ނަމަވެސް ގާނޫނު ބުނާގޮތުން ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާން ހަ މަސްދުވަހަށްވުރެ ދިގު މުއްދަތެއް ނެތްނަމަ، އެ ގޮނޑިތަކުގެ ބައި އިލެކްޝަން ބާއްވާކަށް ނުޖެހޭނެއެވެ. އެހެންކަމުން އެ ހަތް ގޮޑީގެ ބައި އިލެކްޝަން ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.

މަޖިލިސް ގަވާއިދަށް މި ގެނައި އިސްލާހުގައިވާގޮތުން މަޖިލީހުގެ މެންބަރުން ގުނަން ޖެހޭނީ ހުސްވި ގޮނޑިތައް ނުހިނަމައެވެ. އެގޮތަށް ގުނާއިރު މިހާރު މަޖިލީހުގައި ތިއްބެވީ 80 މެންބަރުންނެވެ. އެ އަދަދަށް ބަލާއިރު މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަދަދަކީ 54 މެންބަރުންނެވެ. އެހެންކަމުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 55 މެންބަރުންގެ ވޯޓުން އެކަނިވެސް ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް އަޒުލު ކުރެވޭނެ އެވެ.

ގަވާއިދުގެ 202 ވަނަ މާއްދާ އާއި ގަވާއިދުގެ 203 ވަނަ މާއްދާއަށް އިސްލާހު ގެނެސްފައި ވަނީ އަޒުލު ކުރުުގެ މަރުހަލާ އަވަސް ކުރުމަށެވެ. އެގޮތުން ރައީސާއި ނައިބު ރައީސް ވަކިކުރުމަށް ގަރާރެއް ލިބިއްޖެ ނަމަ، ދެ ދުވަސް ތެރޭގައި ނޯޓިސް ފޮނުވައި، 14 ދުވަސް ދިނުމަށްފަހު މައްސަލަ ކުރިއަށްގެންދަން ޖަލްސާއެއް ބާއްވަން ޖެހޭނެއެވެ. ނަމަވެސް އެކަމުގެ ބަހުސް ދެ ގަޑިއިރަށް ކުރިއަށްގެންދަން ޖެހޭނެ ކަމަށް ކަނޑައަޅާފައި އޮތްގޮތް ބަދަލުކޮށް ގެނައި އިސްލާހުގައި ވަނީ ބަހުސް ތިން ގަޑިއިރަށް އިތުރުކޮށްފައެވެ. ރައީސާއި ނައިބު ރައީސަށް ދިފާއުގައި ވާހަކަދެއްކެވުމަށް 30 މިނެޓު ކަނޑައަޅާފައިވާ އިރު، ކުރެވޭ ތުހުމަތުތަކުން ދިފާއުވެވަޑައިގަތުމަށް ތިން ވަކީލުން ބޭނުންކުރެވޭނެ ކަމަށާއި، އެ މައްސަލަ ކޮމިޓީގައި ކުރިއަށްދާއިރު ވެސް ހާޒިރުވެވަޑައިގެން ޖަވާބުދާރީވާން ފުރުސަތު ލިބޭނެ ކަމަށް ވަނީ ހިމަނައިފައެވެ. އެއީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހެޅުއްވި އިސްލާހެކެވެ.

މިގޮތަށް ގަވާއިދު އިސްލާހު ކުރުމުން ބައެއް މެންބަރުން ހިތްހަމަނުޖެހުންވެސް ފާޅުކުރެއްވިއެވެ.

ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމު ފުރޮޅައިލުމަކީ، އޭރު ހުންނެވި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ޒަމާނުއްސުރެން ދެކެވަޑައިގަންނަވަމުން ގެންދެވި ހުވަފެންފުޅެކެވެ. އެކި ދުވަސްވަރު އެކި ސިޔާސީ ޕާޓީތަކާއި، ސިޔާސީ ލީޑަރުންނާ މަޝްވަރާކޮށްގެންވެސް މިހާތަނަށް އެކަން އޮތީ ފުރިހަމަ ނުވެއެވެ.

އެހެންކަމުން އެމްޑީޕީން ވަކިވެ ވަޑައިގެން ދަ ޑިމޮކްރެޓްސް ގެ ނަމުގައި ވަކި ޕާޓީއެއް އުފައްދަވައިގެން ހުންނެވި ނަމަވެސް، ރިޔާސީ އިންތިހާބުގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓަށް އެހީތެރިކަން ދެއްވާނެ ކަމަށް ދައްކަވައިގެން، އެ ޕާޓީގެ މެޖޯރިޓީގެ ބޭނުންކޮށްގެން ފާސްކުރަން، ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން ރައީސް ނަޝީދުގެ ޕާޓީން މަޖިލީހަށް ގަރާރެއް ހުށަހެޅިއެވެ. ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ، ހަމަ އެމަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ފެއިލިވެވަޑައިގެންނެވި، ދަ ޑިމޮކްރެޓްސް ރިޔާސީ ކެންޑިޑޭޓް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އޭނާ ހުށަހެޅުއްވީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ ވޯޓު ނެގުމަށެވެ.

އެ ގަރާރަށް މަޖިލީހުގައި ބަހުސް ކުރުމަށްފަހު، ގަރާރުގެ މަސައްކަތް އަވަސް ކުރުމަށްޓަކައި އެ ގަރާރު 19 ސެޕްޓެމްބަރުގައި މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވިއެވެ. ނަމަވެސް އެ ގަރާރު މަޖިލީހަށް ހުށަހެޅުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (ސީސީ) ބޮޑެތި ކަންބުޑުވުންތަކެއް ފާޅުކުރިއެވެ. އީސީން ބުނީ ނިޒާމީ ވޯޓު ނަގަން ތައްޔާރުވުމަށް މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް ބޭނުންވާނެ ކަމަށެވެ. ދެވަނަ ކަމަކަށް އީސީން ފާހަގަކުރީ އެކަމަށް ބޭނުންވާ ފައިސާ ނެތް ކަމެވެ. އީސީން ބުނީ އެ ވޯޓުގެ މަސައްކަތަށް 40 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

ނިޒާމީ ވޯޓާ ގުޅިގެން އެކި ފަރާތްތަކުން ތަފާތު ހިޔާލުތައް ފާޅުކުރި ނަމަވެސް، ގަރާރުގައި ހިމެނޭ ތާރީހު ބަދަލުކޮށް، އޮކްޓޫބަރު މަހުގެ 30 ގެ ކުރީން ނިޒާމީ ވޯޓު ނަގަން މުޅި މަޖިލީހުގެ ކޮމިޓީން 20 ސެޕްޓެމްބަރުގައި އެމްޑީޕީ މެންބަރުންގެ ވޯޓާއެކު ފާސްކޮށް، އެކަމާ ބެހޭގޮތުން މަޖިލީހުން ގޮތެއް ނިންމަން އެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވިއެވެ. ކޮމިޓީން ނިންމި ގޮތަށް ބަދަލެއް ނުގެނެސް ހަމަ އެދުވަހު އެ ގަރާރު މަޖިލީހުން ވެސް ފާސްކުރިއެވެ. އެއާއެކު ނިޒާމީ އެ ވޯޓު ނެގުމުގެ ކަންތައް ކުރިއަށްގެންދަން ޖެހިގެން އައިދުވަހު މަޖިލީހުން އީސީއަށް އެންގިއެވެ.

އެކަމާ ގުޅިގެން އިތުރު ކަންބޮޑުވުންތަކެއް އީސީން ފާޅު ކުރިއެވެ. ބުނީ އެ ވޯޓުގެ ކުރިން މަޖިލީހުން ޖަވާބު ބޭނުންވާ ސުވާލުތަކެއް އެބަހުރި ކަމަށެވެ. އޭގެ އިތުރުން އެކަމަށް ބަޖެޓް ބޭނުންވާ ކަމަށާއި، ބަޖެޓް ނުލިބެންޏާ ވޯޓުގެ ކަންތައް ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް ބުންޏެވެ.

އެގޮތުުން ވޯޓު ކަރުދާހުގައި ރައްޔިތުންނާ ކުރަން ހިމަނަން ޖެހޭ ސުވާލުގެ އިބާރާތަކީ ކޮބައިތޯ، އާއި ވޯޓު ނަގާ މައުލޫއަކީ ކޮބަތޯ، އާއި އެ ސުވާލުތަކާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުވާއިރު، ދައްކަން ޖެހޭ ހުއްޖަތްތަކީ ކޮބައިތޯ، އާއި މިހާރު އޮތް ވެރިކަމުގެ ނިޒާމާއި ބަރުލަމާނީ ނިޒާމުގައި ހުރި ގެއްލުންތަކާއި ފައިދާތަކަކީ ކޮބައިތޯ، އެނގެންޖެހޭ ކަމަށް އީސީން ބުންޏެވެ. އޭގެ އިތުރުން ވޯޓުލާން މީހަކު ދާއިރު ވޯޓުލާން މި ޖެހެނީ ކީއްވެގެންތޯ އެނގެން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ސުވާލުތަކަށް ޖަވާބު ހޯދުމަށް އީސީން މަޖިލީހަށް ފޮނުވިއެވެ. ނިޒާމީ ވޯޓު އޮކްޓޫބަރު 29 ގައި ނަގަން ނިންމައި ބަޖެޓް ލިބުނުހާ އަވަހަކަށް ވޯޓަށް ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރާނެކަމަށް 23 ސެޕްޓެމްބަރުގައި އީސީން ބުންޏެވެ.

އެކަމާ ގުޅިގެން ނިޒާމީ ވޯޓުގެ، ވޯޓު ކަރުދާސްކޮޅުގައި ރައްޔިތުންނާ ކުރަން ހިމަނަން ޖެހޭ ސުވާލުގެ އިބާރާތް ކަނޑައެޅުމަށް 25 ސެޕްޓެމްބަރުގައި މަޖިލީހަށް އެޖެންޑާކޮށް ބަހުސްވެސް ފެށިއެވެ. ނަމަވެސް 30 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބަށްފަހު ނިޒާމީ ވޯޓުގެ އަޑު ގަދަވިއެވެ. ހުރިހާ ލީޑަރުންހެން އެ ވޯޓާ ދެކޮޅު ހައްދަވަން ފެއްޓެވިއެވެ. އެގޮތުން އިންތިހާބުން ބަލިވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ނިޒާވީ ވޯޓާބެހޭގޮތުން ގޮތް ނިންމާނީ ޕާޓީން ނަމަވެސް ރައްޔިތުންނަށް ރަނގަޅު ވާނީ ރިޔާސީ ނިޒާމު ކަމަށެވެ.

އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ ރިޔާސީ ނިޒާމު ކަމަށާއި، އެހެން ގޮތަކަށް ބަދަލުވާން ބޭނުން ނުވާ ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ވިދާޅުވީ، ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރާތަނުން، ވެރިކަމުގެ ނިޒާމު ފުރޮޅައިލުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށާއި އެއީ ގާނޫނުއަސާސިއާވެސް ހިލާފު ކަމެއް ކަމަށެވެ. ވެރިކަމަށް އިންތިހާބު ކުރާ މީހަކަށް ވެރިކަން ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށްވެސް އެ ބޭފުޅުން ވިދާޅުވިއެވެ.

އެ ދަނޑިވަޅުގައި ނިޒާމީ ވޯޓު ނަގަން އިތުރު ވަގުތު ދިނުމަށް އީސީން މަޖިލީހުގައި އެދުނެވެ.

އެކަމަށް އެދި އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު އީސީން މަޖިލީހަށް ފޮނުވި ސީޓީގައި ވަނީ، ވޯޓު ނެގުމަށް ގިނަ މަސައްކަތްތަތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި އޮކްޓޫބަރު މަހުގެ 30ގެ ކުރިން ވޯޓު ނުނެގޭނެ ކަމަށާއި، ވޯޓު ނެގޭނެ ކަމަށް ކޮމިޝަނަށް ފެންނަ ތާރީހެއް ފަހުން އަންގާނެ ކަމަށްވެސް ބުނެފައިވެއެވެ.

އީސީގެ ސިޓީގައި ބުނެފައި ވަނީ، ވޯޓު ނަގާ މައުލޫއާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމަށާއި ވޯޓުގައި ބައިވެރިވާ ފަރާތްތަކުގެ ރަޖިސްޓްރީ އެކުލަވައިލުމާއި ވޯޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅޭނެ އިންތިޒާމުތަކާއި، ވޯޓަށް ތައްޔާރުވުމަށް ކުރަން ޖެހޭ އެހެން ކަންކަން، ކުރުމަށް އެކަށީގެންވާ ވަގުތު ބޭނުންވާނެކަމަށެވެ. ތިން ކަމެއް ލިޔުމުން ހިއްސާކުރުމަށްވެސް އީސީގެ ސިޓީގައި މަޖިލީހުގައި ވަނީ އެދިފައެވެ. އެގޮތުން ފުރަތަމަ ކަމަކަށް ލިސްޓު ކޮށްފައި ވަނީ، ވޯޓު ކަރުދާހުގައި ހިމަނަން މަޖިލީހުން ފާސްކުރާ އިބާރާތެވެ. އީސީން ބުނީ، މަޖިލީހުން މިހާރު ފާސްކޮށްފައިވާ ގަރާރު އޮތް ގޮތުން ގިނަ ގޮތްތަކަކަށް ސުވާލުކުރެވޭ ގޮތަށް އޮތް ކަމަށެވެ. ނަމަވެސް އެފަދަ ވޯޓެއް ނަގާއިރު ރައްޔިތުންނަށް ދޫކޮށްލާ އިހުތިޔާރީ ޖަވާބުތައް ކަނޑައަޅާފައި އޮތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭ ކަމަށް ވެސް ކޮމިޝަނުން ފާހަގަ ކޮށްފައިވެއެވެ.

ދެ ވަނަ ކަމެއްގެ ގޮތުގައި އީސީން އެދިފައި ވަނީ، މަޖިލީހުން ފާސްކޮށްފައިވާ ގަރާރުގައި ގޮވާލާފައިވާ ކަންތަކާ އެއްކޮޅަށް ހުރި ހުއްޖަތްތަކާއި ދެކޮޅަށް ހުރި ހުއްޖަތްތަކުގެ މައުލޫމާތު ކަރުދާހެއް ކޮމިޝަނަށް ދިނުމަށެވެ. ތިން ވަނަ ކަމަކަށް ލިސްޓު ކޮށްފައި ވަނީ، ނިޒާމީ ވޯޓް ނެގުމުގެ ކަންކަމަށް ބޭނުންވާ ބަޖެޓް، ވީ އެންމެ އަވަހަކަށް ފާސްކޮށްދިނުމަށެވެ.

އެ ދުވަހަކީ އޭރުގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރެއްވި ދުވަހެވެ.

އެ ބައްދަލުވުމަށްފަހު، ރައީސް ނަޝީދު ވަނީ އަމާން ދެއްވައި ނިޒާމީ ވޯޓުގެ ކަންތައް ކުރިއަށް ނުގެންދަވާން ނިންމަވައިފައެވެ.

ޖެހިގެން އައި ދުވަހު އޮތް މަޖިލިސް ޖަލްސާގައި އެކަން އިއުލާން ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމު މިހާރު އޮތް ގޮތަށް ރިޔާސީ ނިޒާމުގައި ކުރިއަށް ގެންދިއުމަށްޓަކައި ނިޒާމީ ވޯޓު ފަސްކުރަން ނިންމާފައިވާ ވާހަކަ މުއިއްޒަށް ދަންނަވާފައިވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ "މަޖިލީހުން އެބަވެޔޭ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާބެހޭގޮތުން ވޯޓެއް ނަގައިފަ އަދި އެ މަސައްކަތް މަޖިލީހުގައި އެބަދެޔޭ، އެހެންނަމަވެސް މިހާރު އަޅުގަނޑުވެސް، އެ ވޯޓަށް އެދުނު ޑިމޮކްރެޓްސް ޕާޓީގެ މެންބަރުންވެސް އެދެނީ އެ މަސައްކަތް މިވަގުތު ނުކުރުމަށޭ، ޑިމޮކްރެޓްސް ޕާޓީން އެދެނީ ޑރ. މުއިއްޒުގެ ސަރުކާރު އެކުލަވާލެވި އެ ސަރުކާރުން ރިޔާސީ ނިޒާމުގައި މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަށް،" އެ ބައްދަލުވުމުގައި ރައީސް މުއިއްޒަށް، ދެންނެވި ކަމަށެވެ.

މިވަގުތަށް މަޑުޖައްސައިލި ނަމަވެސް، ނިޒާމީ ވޯޓުގެ ކަންކަން ފަހުން ކުރިއަށް ގެންދިއުމުގެ ވާހަކަ ދެކެވުނު ކަމަށާއި އެކަމަށް ޑރ. މުއިއްޒު ތާއީދު ކުރައްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން ނިޒާމީ ވާހަކަ ސިޔާސީ މަސްރަހުން އަދި ދިވެހި މުޖްތަމައުގެ ތެރެއިން ފިލައެއް ނުދެޔޭ، އެކަމާ ގުޅޭ ގޮތުން މަސައްކަތް ކުރެއްވުމަށް އަޅުގަނޑު އެދެނީ، ދެން ޑރ. މުއިއްޒު ވިދާޅުވި އިން ޑިއު ކޯސް ވީ ކޭން ސާކަލް ބެކް ޓު އިޓް އެންޑް އާސްކް ދަ ޕަބްލިކް،" ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ފާސްކުރި ނަމަވެސް ނިޒާމީ ވޯޓުގެ ނެގުން ތަންފީޒު ކުރެވިފައެއް ނުވެއެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިދިޔަ އަހަރުވެސް ރައްޔިތުންގެ މަޖިލީހުން ވަނީ އާ ގާނޫނުުތަކެއް ފާސްކޮށް ބައެއް ގާނޫނުތަކަށް މުހިއްމު އިސްލާހުތަކެއް ގެނެސްފައެވެ. ނަމަވެސް މަޖިލީހުގައި ހިނގައިދިޔަ ކޯޅުންތަކުގެ ސަބަބުން އެހެން އަހަރުތަކާ ހިލާފަށް މިދިޔަ އަހަރު މަޖިލީހުން ފާސްކުރި ބިލްތަކުގެ އަދަދު މަދުކަން ފާހަގަކޮށްލެވެއެވެ.

އޭރު އޮތް ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ހުށަހަޅުއްވައިގެން ޑިސެމްބަރު ފަހެއްގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 32 ވަނަ ޖަލްސާ އިން ފާސްކުރި މި ބިލުގެ ސަބަބުން ރާއްޖޭގައި ކުންފުނި އުފެއްދުމާއި ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ.

ޖުމްލަ 16 ބާބެއް ހިމެނޭ މި ބިލުން އެންމެ ބޮޑު ބަދަލަކަށް ފާހަގަ ވަނީ އެންމެ މީހަކަށްވެސް ކުންފުނި ރަޖިސްޓްރީކޮށް ހންގުމުގެ ޖާގަ ދީފައި އޮތުމެވެ. މިހާރު އޮންނަ ގޮތުން ކުންފުންޏެއް ހަދާ ނަމަ ހިއްސާދާރުންގެ ގޮތުގައި އެކަކަށް ވުރެ ގިނަ މީހުން ތިބެން ޖެހެ އެވެ. ނޫން ނަމަ ޖެހޭނީ ސޯލް ޕްރޮޕޮރައިޓްޝިޕެއްގެ ގޮތުގައި ވިޔަފާރި ރަޖިސްޓްރީ ކުރާށެވެ.

ކުންފުނީގެ އެކި ބާވަތްތައް ވެސް އެކަށައަޅައި މި ބިލްގައި ވަނީ ތަފްސީލްކޮށް ދީފައިވެ އެވެ. އެގޮތުން:

ބިލުގައިވާގޮތުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއްގެ ދަށުން އުފައްދާ ކުންފުނިތައް ވެސް ރަސްމީކޮށް ކުންފުންޏެއްގެ ގޮތުގައި މިނިސްޓްރީގައި ރަޖިސްޓްރީކުރަން ޖެހޭނެއެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ފޮރިން އިންވެސްޓްމަންޓްތަކަށް ވެސް ވަކި ހާއްސަ ކްލެސިފައިޑް ނަންބަރެއް ދިނުމާއި އާންމު ކުންފުނިތައް ވެސް ފަސޭހައިން އެނގޭ ގޮތަށް ނަންބަރު ކުރުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ. ކުންފުނި ރަޖިސްޓްރީ ކުރާއިރު ކުންފުނިން ހިންގާނެ ވިޔަފާރިތައް ކްލެސިފައި ކުރުމުގެ ބަދަލުގައި އަސާސީ ގަވާއިދުގައި އެ ކަންކަން ހިމަނައި ބޯޑުން ފާސްކުރަން ޖެހޭގޮތަށް ހަދައި، ކުންފުނި ރަޖިސްޓްރީ ކުރާ އެޑްރެހުގެ އިތުރަށް ލިޔެކިޔުން ފޮނުވާނެ ސާވިސް އެޑްރެހެއް އޮތުމަކީ ލާޒިމް ކަމެއް ކަމަށްވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.

އަހަރީ ފީގެ ގޮތުގައި ކުންފުނިތަކުން ދައްކަން ޖެހޭ 2،000 ރުފިޔާ މި ބިލުން ވަނީ ކަނޑާލައިފައެވެ. ނަމަވެސް އިތުރު ފީތަކެއްގެ ގޮތުގައި، ހިންގާ ގަވައިދު ބަދަލުކުރުމަށާއި، ރަޖިސްޓްރީ އެޑްރެސް ބަދަލު ކުރުމަށާއި، ކުންފުނީގެ ރައުސުލްމާލު ބަދަލު ކުރުމަށް ރަޖިސްޓާ ކުރުމަށާއި، ކުންފުނީގެ ސިއްކަ ރަޖިސްޓްރީ ކުރުން މިއިން ކޮންމެ ކަމަކަށް 100 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް ވަނީ ހިމަނައިފައެވެ.

ކުންފުނީގެ ހިއްސާދާރުންނާ ގުޅޭ ގޮތުން ވެސް މި ބިލުން ބޮޑެތި ބަދަލުތަކެއް ފާހަގަވެގެންދެއެވެ. އެ ގޮތުން ކުންފުނީގެ ކަންކަމުގައި އިހުމާލުވާ ފަރާތްތަކަށް ވަކި މުއްދަތެއް ވަންދެން ޑިރެކްޓަރުންގެ ގޮތުގައި ނުތިބެވޭ ގޮތް ހެދުމާއި، ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބޭ އަމިއްލަ ފަރުދުންނަށް އެ މީހުން ތަމްސީލު ކުރަން އެހެން މީހުން އައްޔަން ކުރުމުގެ ފުރުސަތު ދެވޭގޮތްވެސް ވަނީ ހަދައިފައެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބުދުﷲ ހުށަހަޅުއްވައިގެން 18 ޑިސެމްބަރު ގައި ބޭއްވި މަޖިލީހުގެ ތިންވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކުރި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލަކީވެސް މުހިއްމު ބިލެކެވެ. މަދުވެގެން 75 މުވައްޒަފުން މަސައްކަތްކުރާ ތަންތަނުގައި ހެލްތު އެންޑް ސޭފްޓީ އޮފިސަރެއް ހުރުން މި ބިލުން ވަނީ ލާޒިމް ކޮށްފައެވެ.

މަސައްކަތުގެ ތެރޭގައި އަނިޔާއެއް ވުމުގެ ސަބަބުން މަސައްކަތްތެރިޔަކަށް ވަގުތީ ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރި ވެއްޖެނަމަ ނުވަތަ މަސައްކަތްތެރިއެއްގެ ފުރާނަ ގޮސްފިނަމަ އޭގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ލިބިދިނުމުގެ ހައްގު މަސައްކަތެރީންނަށް ނުވަތަ އެމީހުންގެ ވާރިސުންނަށް މި ބިލުން ވަނީ ލިބިދީފަ އެވެ. މި ބިލުގައިވާގޮތުން މަސައްކަތްތެރީންގެ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް މަސައްކަތެއް ކުރުމަށް މަސައްކަތް ކުރުވާ ފަރާތުން އަމަރުކޮށްގެން ނުވާނެއެެވެ. އެ ފަދަ އަމުރެއް ކުރުމާއި އެފަދަ މަސައްކަތެއް ކުރުމަށް މުވައްޒަފުންނަށް މަޖުބޫރު ކުރުމަކީ މަނާކަމެއް ކަމަށްވެސް ވަނީ ކަނޑައަޅައިފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތާއި މަސައްކަތުގެ މާހައުލުގައި ދިމާވާ އެކްސިޑެންޓްތަކުގައި ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާނެ ވަސީލަތްތައް މަސައްކަތުގެ މާހައުލުން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއެކު އެ ވަސީލަތްތައް ބޭނުން ކުރުމާ ގުޅޭ ތަމްރީނު، ކޮންމެ މަސައްކަތްތެރިއަކަށް ލިބިދޭން ވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާގުޅޭގޮތުން މިނިސްޓަރަށް ލަފާ ދިނުމަށް "ވާކް ޕްލޭސް ސޭފްޓީ އެންޑް ހެލްތު އެޑްވައިޒަރީ ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އުފެއްދުމަށްވެސް ބިލުގައި ވަނީ ހިމަނައިފައެވެ. މި ގާނޫނުގެ އެކި އެކި މާއްދާތަކާ ހިލާފުވާ މީހުން، 5،000 ރުފިޔާއިން ފެށިގެން 100،000 ޔުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި ހިމަނާފައިވެއެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހުށަހަޅުއްވައިގެން، ޑިސެމްބަރު 18 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 37 ވަނަ ޖަލްސާ އިން ފާސްކުރި އިންޑަސްޓްރިއަލް ރިކޭޝަންސާ ގުޅޭ ބިލަކީވެސް މުހިއްމު ބިލެކެވެ. މިއީ ބިދޭސީ މަސައްކަތްތެރީންގެ ޖަމިއްޔާތަކާއި، ޓްރޭޑް ޔޫނިއަން ތަކާއި، ވަޒީފާ ދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފައްދައި، އެތަންތަނަށް ބާރުދީ އެތަންތަން ހިންގުމާއި އެތަންތަނުގައި ބައިވެރިވުމާއި، މަސައްކަތްތެރީންނާއި ވަޒީފާދޭ ފަރާތްތަކުގެ ދެމެދުުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ހައްލު ކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރާ ގާނޫނުގެ ބިލެވެ.

ބިލުގައިވާ ގޮތުން މި ގާނޫނުން އިސްތިސްނާ ވާނެ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ދާއިރާގައި މަސައްކަތްކުރާ އެންމެހައި މަސައްކަތްތެރީންނާއި ވަޒީފާދޭ ފަރާތްތަކުގެ މައްޗަށް މި ގާނޫނު ހިނގާނެއެވެ.

އެއްވެސް ފަރާތެއްގެ ހުއްދަ ކުރިން ހޯދުމަކާ ނުލައި މަސައްކަތްތެރީންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި، އެފަދަ ޔޫނިއަންގެ މެންބަރަކަށް ވުމާއި، އެފަދަ ޔޫނިއަންތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު މި ބިލުގައި ވަނީ ކަށަވަރުކޮށްދީފައެވެ. ބިލުގައިވާ ގޮތުން ޔޫނިއަންތަކުން ގުޅިގެން މަސައްކަތްކުރުމަށް ޓަކައި ފެޑަރޭޝަނެއް އުފައްދައި ރަޖިސްޓްރީ ކުރެވިދާނެއެވެ. ރަޖިސްޓްރީ ކޮށްފައިވާ ފެޑަރޭޝަންތަކުގެ މައްޗަށް އެކުލެވޭ، "ނޭޝަނަލް ޓްރޭޑް ޔޫނިއަން ސެންޓަރު" އަދި "ނޭޝަނަލް އެމްޕްލޯޔާސް ޔޫނިއަން ސެންޓަރު" އުފައްދައި ރަޖިސްޓްރީ ކުރެވިދާނެ އެވެ.

މި ބިލުގައިވާ ގޮތުން ޔޫނިއަންތައް ރަޖިސްޓްރީ ކުރުމަށް ޓަކައި، ރަޖިސްޓްރާ އޮފް ޔޫނިއަން އައްޔަން ކުރަން ޖެހެއެވެ. އެ މަގާމަށް މީހަކު އައްޔަންކުރުމާއި، ވަކި ކުރުމުގެ ބާރު ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަހުގެ އެއް ދައުރެވެ.

ރަޖިސްޓްރާ އޮފް ޔޫނިއަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފެޑަރޭޝަންތަކާއި ޔޫނިއަންތައް ރަޖިސްޓްރީ ކޮށްދިނުމުގެ އިތުރުން، މި ގާނޫނާއި އެ ޔޫނިއަނެއްގެ ދުސްތޫރުގައި ބަޔާންކުރާ އުސޫލުތަކާއި އިޖުރާއަތުތަކަށް އަމަލުކުރާ މިންވަރު ބަލައި މޮނީޓާކުރުން ހިމެނެއެވެ. ޔޫނިއަންތަކުން ކުރުން މަނާ ކަންތައްތަކާއި، ޔޫނިއަންތަކަށް ލިބިފައިވާ ހައްގުތަކާއި، އެ ފަރާތްތަކުގެ ޒިންމާތަކާއި ލިބޭ އިމްތިޔާޒުތައް ވެސް ބިލުގައި ބަޔާންކޮށްފައި ވެއެވެ.

މި ގާނޫނުން އިސްތިސްނާ ކުރެވިފައިވާ ދާއިރާތަކުގެ ތެރޭގައި ދިވެހި ދިފާއީ ބާރު، ދިވެހި ފުލުހުންގެ ހިދުމަތް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށް ވަކިކުރާ ފަރާތްތައް ހިމެނެއެވެ. ގާނޫނާ ހިލާފުވެއްޖެ ނަމަ އަޅާނެ ފިޔަވަޅުތައް ވެސް ބިލުގައި ހިމަނާފައިވެއެވެ.

ވޭތުވެ ދިޔަ އަހަރުވެސް މަޖިލީހަށް ހުށަހެޅި މުހިއްމު ބިލުތަކެއް ވަނީ މަޖިލީހަށް ބަލައި ނުގަނެ ބޭރުކޮށްލައިފައެވެ. އޭގެ ތެރޭން އެންމެ ފާހަގަ ކޮށްލެވޭ، ދެ ބިލަކީ، ދަ ޑިމޮކްރެޓްސްގެ މެންބަރު ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހެޅުއްވި ބިލާއި ހަމަ އެ ޕާޓީން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެންނަން އިލިޔާސް ހުށަހެޅުއްވި ބިލަކީ، ރައްޔިތުންގެ މަޖިލީހުގައި މިހާރު މެންބަރުން ހިމެނޭ ގޮތް ބަދަލުކޮށް، މަޖިލީހުގައި ތިބޭނީ 76 މެންބަރުން ކަމަށް ކަނޑައަޅަން، ހުށަހެޅުއްވި ބިލެކެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު 87 މެންބަރުން ތިއްބަވާ އިރު، މަޖިލިސް އެތުރިފައި ވަނީ، ކޮންމެ 5,000 މީހަކަށް މެންބަރަކު ތަމްސީލުކުރާ ގޮތަށެވެ. އެ ނިސްބަތުން މަޖިލީހުގެ ކޮންމެ ދައުރަކަށް މެންބަރުން ދަނީ އިތުރު ވަމުންނެވެ. އެގޮތުން މި ހިނގާ ދައުރު ނިމި، އަންނަ އަހަރު މަޖިލީހަށް މެންބަރުން އިންތިހާބު ކުރާ އިރު، ހަ ދާއިރާ އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ވަނީ ބުނެފައެވެ.

އެހެންކަމުން އިލްޔާސް ލަބީބު ހުށަހަޅުއްވާފައި ވަނީ މަޖިލިސް މެންބަރުންގެ އަދަދު 76 ގައި ހިފެހެއްޓުމަށެވެ.

އިންތި ހުށަހެޅުއްވީ، ދައުލަތުގެ ހިންގުމުގެ ނިޒާމު ބަދަލު ކުރަން ފެނޭތޯ ބެލުމަށް ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށްފަހު، ގާނޫނު އަސާސީއަށް ގެންނަ ބަދަލުތަކަށް އިތުރަށް ރައްޔިތުންގެ ހިޔާލު ހޯދަން ނުޖެހޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ކުރުމަށެވެ. ގާނޫނުއަސާސީގެ 70 ވަނަ މާއްދާގައި މިހާރު އޮންނަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހުން ފާސްކުރުމަށް ފަހު، އެ ބިލު ރައީސް ތަސްދީގުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހު ކަމަށެވެ.

ނަމަވެސް މި ދެ ބިލުވެސް މަޖިލީހުން ވަނީ ބޭރު ކޮށްލައިފައެވެ. މީގެ އިތުރުންވެސް ގާނޫނުތަކަށް މުހިއްމު އިސްލާހުތަކެއް ގެނައުމާއި، މުހިއްމު ގަރާރުތަކަކާއި މުހިއްމު މައްސަލަތަކެއް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.