"ދިވެހީންގެ ރާއްޖެ" ބިނާކުރަން 15 އަހަރު ވެރިކަމުގައި ތިބެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު "އަސްލު ޓީވީ" އަށް ދެއްވި އިންޓަވިއުއެއްްގައި އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީގެ ސިޔާސަތަކީ ރައީސް މުއިއްޒުގެ ވެރިކަން ދެމިގެންދާނެ ގޮތަކަށް މަސައްކަތް ބައްޓަންކުރުން ކަމަށާއި އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.
"މިހާރު މިއޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުކޮށް، ދިވެހިންގެ ރާއްޖެއެއް ދިވެހިން އެދޭ ގޮތަށް ބިނާ ކުރުމަށްޓަކައި އެބަ ބޭނުންވޭ 10 ވަރަކަށް 15 ވަރަކަށް އަހަރު އެއް ވެރިކަމެއް އޮންނަން. އެ ވެރިކަމަކަށް ބަލާއިރު ރައީސް މުއިއްޒުގެ ސިޔާސަތަކީ އެއީ ދިވެހިންގެ ރާއްޖެއެއްގެ ސިޔާސަތު،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އަންނަ މަހުގެ ތެރޭގައި ޕީއެންސީއަކީ 75،000 މެމްބަރުން ހަމަވެފައިވާ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް އަބްދުއްރަހީމް މީގެ ކުރިންވެސް ވިދާޅުވެފައިވެއެވެ.
ފެހި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން ވެރިކަމުގެ ދެ ދައުރު އެއްވެސް ރައީސަކަށް ލިބިވަޑައިގެންނެވިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު