ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހަމަލާދިން މައްސަލައިގައި، ސަރުކާރުން ކަންތައް ކުރަމުންދަނީ އެފަދަ ކަމެއްގައި މިހައިތަނަށް އެއްވެސް ގައުމަކުން ކަންތައް ކޮށްފައި ނުވާހާ ލޮނު މަޑުކޮށް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، ރާއްޖެއަށް ޓެކްސްގެ ނިޒާމެއް ތައާރަފު ކުރީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށެވެ.
ރައީސް ނަޝީދަކީ ރާއްޖޭގައި ހައްދު ފަހަނައަޅައި ދިއުމުގެ ފިކުރުތަކާއި ޓެރަރިޒަމާ ދެކޮށް އުފުއްލެވި އެންމެ ގަދަ އަޑު ކަމަށާއި، އެ ޖެހިލުން ކުޑަ ލީޑަރު އަަވަހާރަކޮށްލަން ހަމަލާދީފައިވާ ކަމަށްވެސް އިންތި ވިދާޅުވިއެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިނުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި، އެއީ އެއްބާރުގެ ވެރިޔަކު އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަށްވެސް ވިދާޅުވިއެވެ. އެ ހާދިސާގައި އެމަނިކުފާނުގެ ފުރާނަފުޅު ކިރިޔާ ސަލާމަތް ވެފައިވާ މި ދަނޑިވަޅުގައި ދައުލަތުގެ ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު ފެނިގެންދަނީ، މުޅި އުމުރު ދުވަހުވެސް ގައުމަކުން ނުދެކޭ ފަދަ ލޮނު މަޑުކޮށް ސަރުކާރުން ކަންކަން ކުރާތަން ކަމަށް އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން، އެފަދ ކަންތައްތައް ކުރާ ފަރާތްތައް ޖެހިލުންވާ ފަދަ ފިޔަވަޅުތަކެއް ސަރުކާރަށް އެޅިފައި ނެތުމުގެ ސަބަބުން އެފަދަ ކަންކަން ކުރާ ފަރާތްތަކަށް ހިތްވަރުލިބޭ ކަމަށެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ އެއްވަރުގެ ސީރިއަސް ފިޔަވަޅުތަކެއް ސަރުކާރުން އަޅަން ޖެހޭ ކަމަށާއި، ނަމަވެސް އެކަމާ އެއްވަރުގެ ފިޔަވަޅެއް އަޅަމުންދާ ކަމުގެ ކުލަވަރު ސަރުކާރުގެ ފަރާތުން ފެންނަމުން ނުދާ ކަމަށްވެސް ވިދާޅުވިއެވެ.
ސަލާމަތީ ބާރުތަކަށްވެސް އިންތި ވަނީ ފާޑު ވިދާޅުވެފައެވެ.
އިންތި ވިދާޅުވީ، ރައީސް ނަޝީދަށް ހަމަލާދިންތާ މަސްދުވަސް ވާއިރު، މައްސަލަ ތަހުގީގު ކުރާ ފަރާތުންވެސް އަދި ރައީސް ނަޝީދުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުން ގާނޫނުއަސާސީން ލާޒިމްކޮށްފައިވާ ފަރާތުންވެސް، އެ މައްސަލައާ ބެހޭ ގޮތުން އެކަށީގެންވާ ވަރާ ގާތަށްވެސް ރައްޔިތުންނަށް މައުލުމާތު ހާމަކޮށްދެމުން ނުދާ ކަމަށެވެ.
އިމްތިޔާޒް ފަހުމީ