ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނާ ހިޔާލުތަފާތުވެ، އެމްޑީޕީ ދެބައިވގެން އެމްޑީޕީގެ އޭރުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން 2023 ވަނަ އަހަރު އުފެއްދި ދަ ޑިމޮކްރެޓްސްގެ ރައީސް ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ކުރިމަތިލައްވައިފިއެވެ.
ޑިމޮކްރެޓްސްގެ ރައީސް ކަމުގެ މަގާމު ހުސްވީ، އެ ޕާޓީގެ ފުރަތަމަ ރައީސްގެ ގޮތުގައި އިންތިހާބު ކުރި، ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ހަސަން ލަތީފު އެ މަގާމުން އިސްތިއުފާ ދެއްވައި ޕާޓީން ވަކިވެ ވަޑައިގަތުމާ ގުޅިގެންނެވެ.
އިންތި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަ ޑިމޮކްރެޓްސްގެ މިވަގުތު ހުސްވެފައިވާ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެ ޕާޓީގެ ސްޕޯކްސްޕާސަންކަމުން އިސްތިއުފާދެއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އިންތި ވަނީ އޭނާ ޕާޓީގެ ރައީސްކަމަށް އިންތިހާބު ކުރުމަށް ޑެމޮކްރެޓްސް މެންބަރުން ތާއީދަށް އެދިވަޑައިގެންފައެވެ.
ހަސަން ލަތީފް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ޕާޓީގެ ވަގުތީ ރައީސްކަމުގެ މަގާމަށް މަޑަވެލި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ހުސައިން ފިރުޝާން ވަނީ އިންތިހާބުކޮށްފައެވެ.
ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންތަކެއް މިދިޔަ ހަފުތާގައި އެ ޕާޓީން ވަކިވެ އެމްޑީޕީއާ އަލުން ވަނީ ގުޅިވަޑައިގެންފައެވެ.
އޭގެ ތެރޭގައި ޕާޓީގެ ފުރަތަމަ ރައީސްކަން ކުރެއްވި ހަސަން ލަތީފްގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެސްޓީއޯގެ އެމްޑީގެ މަގާމު ފުރުއްވި އަދި އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރަނިން މޭޓުގެ ގޮތުގައި ވާދަ ކުރެއްވި ހުސެއިން އަމްރު އާއި ރައީސް އޮފީހުގެ މިނިސްޓަރެއްގެ ގޮތުގައި އޭރު ހުންނެވި ހުންނެވި އެމްޑީޕީގެ އޭރުގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު