ސަރުކާރުން މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް، ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދު މަލާމާތްކުރެއްވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ރައްދު ދެއްވައިފިއެވެ.

އެމްޑީޕީން ރޭ ކުރިއަށްގެންދިިޔަ މުޒާހަރާގައި ރައީސް މުހައްމަދު ނަޝީދު ވަނީ، ސަރުކާރުން މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ ކަމަށާއި، އެ ނޫން ގޮތަކަށް މުޒާހަރާތައް ހުއްޓައިނުލާނެ ކަމަށެވެ

ރައީސް ނަޝީދު ރޭ ދެއްކެވި ވާހަކަފުޅު މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށް، ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ "އިންސްޓަގްރާމް" ގައި ފަޒްނާ ވަނީ "ލޮލް" އޭ ޖައްސަވައި އެކަމަށް ޖޯކު ޖައްސަވައިފައެވެ.

އެކަމާ ގުޅިގެން އެކްސްގައި އިންތި ވިދާޅުވީ، ރައީސް ނަޝީދު މީގެ ކުރިން މަޝްވަރާއަށް މޭޒުދޮށަށް ގޮވާލެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރަށް ކަމަށާއި އެ ފަހަރުގެ އެ ގޮވާލެއްވުން ނިމިގެންދިޔައީ ”ލޮލް“ އަކުން ނޫން ކަމަށެވެ. އަދި އެއީ ގައުމަށް އައި ވަރުގަދަ އިންގިލާބީ ބަދަލެއްގެ ފެށުން ކަމަށް ވިދާޅުވިއެވެ.

އިންތި ވިދާޅުވީ، އެ ދުވަހުގެ އެ ގޮވާލެއްވުމާއި އެއިން އުފެދުނު އިސްލާހީ މަސައްކަތުން ގައުމު ބަދަލުވިގޮތާ މެދު ފުންކޮށް ވިސްނާލަންޖެހޭ ކަމަށެވެ. އަދި އެ ދުވަހުގެ ގޮވާލެއްވުމަކީ ރާއްޖެއަށް ޑިމޮކްރަސީއާއި އިސްލާހީ ބަދަލުތައް ގެނައުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

މަޝްވަރާއަށް ރައީސް ނަޝީދު ދެއްވި ދައުވަތަށް އިންކާރު ކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، އެއީ އެ މަނިކުފާނުގެ މެންޑޭޓުގައި ހިމެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.