ދަ ޑިމޮކްރެޓްސްގެ ހުސްވެފައިވާ ރައީސްކަމުގެ މަގާމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އިންތިހާބުކޮށްފިއެވެ.

ދަ ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމު ހުސްވެފައިވަނީ އެ ޕާޓީގެ ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު ހަސަން ލަތީފު، އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށް މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ހަސަން ލަތީފާއެކު ޑިމޮކްރެޓްސްގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު އެމްޑީޕީއާ ގުޅިވަޑައިގަތުމަށް މަގާމުން އިސްތިއުފާދެއްވުމުން، ނައިބު ރައީސްކަމުގެ މަގާމު ވެސް ވަނީ ހުސްވެފައެވެ.

ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމަށް އަދި ނައިބު ރައީސްކަމުގެ މަގާމަށް ވެސް ކުރިމަތިލެއްވީ އެންމެ ބޭފުޅެކެވެ. ރައީސްކަމުގެ މަގާމަށް އިންތި ކުރިމަތިލެއްވި އިރު، ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލެއްވީ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.

ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމަށް އިންތި އަދި ނައިބު ރައީސްކަމުގެ މަގާމަށް ވައްޑެ އިންތިހާބުކޮށްފައިވަނީ މިރޭ ބޭއްވި ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީގައެވެ. ޑިމޮކްރެޓްސްގައި ތިން ނައިބު ރައީސުން ހިމެނޭ އިރު، ވައްޑެގެ އިތުރުން އެ މަގާމުތައް ފުރުއްވަނީ މަޑަވެލި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ހުސައިން ފިރުޝާނާއި އައިޝަތު އަލައިކާ އަދުނާނެވެ.

ޑިމޮކްރެޓްސް ދޫކޮށް، އެމްޑީޕީއާ ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހަސަން ލަތީފާއި ޝިފާޒްގެ އިތުރުން އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމް އަދި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވެސް ހިމެނެއެވެ.