ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ އެ އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަށް ތަދަހުއްލުވުމަށް ދަ ޑިމޮކްރެޓްސް އިން ހުށަހެޅި ނަމަވެސް މިހާރު އެ މައްސަލައިން އެ ޕާޓީ ބޭރުވެއްޖެއެވެ.

ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅައިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 24 ގަ އެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގެންފައިވަނީ އެ މަހުގެ 27 ގަ އެވެ. އެ މައްސަލަ އެމްޑީޕީންނާއި ޑިމޮކްރެޓްސްއިން ތަދަހުއްލުވުމަށް ފޯމު ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ހޯމަ ދުވަހު ފެށިއިރު ތަދަހުއްލުވެފައިވަނީ އެމްޑީޕީން އެކަންޏެވެ.

ދަ ޑިމޮކްރެޓްސްގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) "ވަން" އަށް މިއަދު ވިދާޅުވީ، ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލައަށް ތަދައްހުލުވުމަށް އެ ޕާޓީގެ ފަރާތުން ނިންމައި ހުށަހެޅީ އެ ޕާޓީގެ ކުރީގެ ރައީސް ހަސަން ލަތީފު ކަމަށެވެ.

އިންތި ވިދާޅުވީ އެ މައްސަލައިން ބޭރުވުމަށް ނިންމީ އޭނާގެ ހިޔާލުތަފާތުވުމުގެ ސަބަބުން ކަމަށާއި ގާނޫނުއަސާސީއަށް ބަދަލުގެނައުމުގެ ފުރިހަމަ ބާރު ގާނޫނުއަސާސީން ދީފައިވަނީ މަޖިލީހަށް ކަމަށާއި އެކަމުގެ ސުޕްރީމް ކޯޓުގެ ދައުރެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑު ހިޔާލު މި މައްސަލައިގައި ހުރީ ވަރަށް ކްލިއާކޮށް، މަޖިލީހުން ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް ރަނގަޅަސް ނުބަޔަސް، އެކަމެއް ބަދަލު ކުރެވޭނީ މަޖިލީހަށް. ސުޕްރީމް ކޯޓަށް މަޖިލީހުގެ ނިންމުމެއް ބާތިލެއް ނުކުރެވޭނެ. އެހެންވެ މައްސަލައިން ބޭރުވީ،" އިންތި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހުން ގެންނަ އިސްލާހެއް، ސުޕްރީމް ކޯޓުން ބަލައިގަނެ އަދި އެ ގެނައި އިސްލާހެއް ބާތިލުކުރުމަކީ ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އެއީ ގާނޫނޫން ސުޕްރީމް ކޯޓަށް ލިބިދީފައިނުވާ ބާރެއް ބޭނުން ކުރުން ކަމަށްވެސް އިންތި ވިދާޅުވިއެވެ.

"މަޖިލީހުން ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް ބާތިލުކޮށްފިނަމަ ސުޕްރީމް ކޯޓަށް އެ ލިބުނީ ފުރިހަމަ އިހުތިސޯސް މަޖިލީހުގެ ނިންމުންތައް ބަދަލުކުރަން. ރައްޔިތުން އެންމެ ބޮޑަށް ތަމްސީލު ކުރަނީ މަޖިލީހުން. ރައްޔިތުންގެ ބާރު ކުޑަވާ ގޮތަކަށް އެކަމެއް ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން،" އިންތި ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކުރީގެ ރައީސްގެ ވިސްނުން އެކަންކަމާ ތަފާތުވީމާ މައްސަލައަށް ތަދައްހުލުވާން ނިންމީ. އެކަމަކު މިހާރު އަޅުގަނޑު ރައީސްގެ މަގާމާ ހަވާލުވެ ހިޔާލުތަފާތުވުން ހުރީމަ އެ މައްސަލައިން ބޭރުވާން ނިންމީ،" އިންތި ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުލަތުން ފާހަގަކުރި އިޖުރާއީ ނުކުތާއަކީވެސް ސުޕްރީމް ކޯޓަށް މި މައްސަލަ ބެލުމުގެ އިހުތިސޯސް ލިބިގެންނުވުމެވެ. ދައުލަތުން ދެކޭ ގޮތުގައި އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ގާނޫނުއަސާސީއަށް ގެންނަ ބަދަލެއް ސުޕްރީމް ކޯޓަށް ނުބެލޭނެއެވެ. ނަމަވެސް އެ މައްސަލަ ބެލުމުގެ އިހުތިސޯސް ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުގައި ވަނީ އެ މައްސަލަ ބައްލަވާ އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ވަނީ ނިންމައިފައެވެ.