ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާއަށްފަހު އޭޑީކޭ ހޮސްޕިޓަލުގައި އެމަނިކުފާނަށް ފަރުވާ ދެމުން ދިޔަ އިރު، އެ ހޮސްޕިޓަލުގެ ފާހާނާއެއްގެ ތެރެއިން ފިސްތޯލައެއް ފެނުނު ކަމަށް ބުނާ ވާހަކަތަކެއް ފެންމަތިވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މި މަހުގެ ހަ ވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެން ޒަހަމްތަކަށް އެމަނިކުފާނު ފުރަތަމަ ފަރުވާ ހޯއްދެވީ އޭޑީކޭ ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލުން ބޮޑެތި އޮޕަރޭޝަންތަކެއް ކުރުމަށްފަހު ހަފުތާއެއް ވަންދެން އެޑްމިޓްގައި އޮންނެވިއެވެ. އެއަށްފަހު އިތުރު ފަރުވާއަށް މިމަހުގެ 13 ވަނަ ދުވަހު ވަނީ ޖަރުމަނަށް ވަޑައިގެންފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅޭ މައުލޫމާތު ދިނުމަށް އޮންލައިންކޮށް މިއަދު ހެނދުނު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިޔަކު ވަނީ ރައީސް ނަޝީދަށް އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް، އެ ހޮސްޕިޓަލުގެ ފާހާނާ ތެރެއިން ފިސްތޯލައެއް ފެނުނު މައްސަލައިގެ ތަހުގީގު އޮތީ ކިހާ ހިސާބެއްގަތޯ އާއި އެކަމުގެ ތަފުސީލު ދެއްވުމަށް އެދިފައެވެ.

ނަމަވެސް އެ ސުވާލަކަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އަދި އެކަން ދޮގު ކުރައްވާފައެއްވެސް ނުވެއެވެ.

"އެކަމާ ގުޅޭ މައުލޫމާތު މި ޕްރެސް އަކަށް ގެނެވިފައެއް ނެތް، ފަހުގެ ވަގުތެއްގައި ޕޮލިސް މީޑިއާ ތުރޫކޮށް އެއާ ގުޅޭ މައުލޫމާތު ހިއްސާ ކުރެވޭ ވަރަކަށް ހިއްސާ ކުރާނަން،" ބަޝީރު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން "ވަން" އިން ޕޮލިސް މީޑިއާ އޮފިސަރަށް ގުޅުމުން ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން ފަހުން މައުލޫމާތު ދެއްވާނެ ކަމަށެވެ. އަދި މިކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިސަރަށް ގުޅުމުންވެސް އަދި ޖަވާބެއް ދެއްވާފައެއް ނުވެއެވެ.