ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ފެށިފައިވާ މަޝްރޫއުތަކުގެ ތެރެއިން މަދުވެގެން 70 އިންސައްތަ މަޝްރޫއު އެއްކޮށް ނިންމައި ހަވާލުކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، 2027 ވަނަ އަހަރުގެ ބަޖެޓު ތައްޔާރުކޮށްފައިވަނީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ އަސާސީ ހިދުމަތްތައް ކަމަށްވާ ހޮސްޕިޓަލްތަކާއި ސްކޫލްތައް ނިންމުމަށް އިސްކަންދީގެންނެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގައުމުގެ އިގުތިސާދު އޮތީ ދަރަނި ނުދެއްކި ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި ކަމަށާއި، އެންމެ ފުރަތަމަ އިސްކަންދެއްވީ އެ ހާލަތުން ގައުމު ސަލާމަތްކުރުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، މި އަހަރު ފެށުނުއިރު ރެކޯޑު މިންވަރަކަށް ގްރޮސް ރިޒާވް އަދި ޔޫސަބަލް ރިޒާވް އިތުރުކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުން ކުރިއަށްގެންދާ އެއްވެސް މަޝްރޫއެއްގެ ސަބަބުން ބަޖެޓަށް ދަރަނި ބޮޑުވެގެން ނުދާނެ ކަމަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ވެސް ކުރިއަށްގެންދަނީ އެ އުސޫލުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ރަސްމާލެ މަޝްރޫއަށް ގެންނަ އިންވެސްޓްމަންޓަކީ ސަރުކާރުގެ ބޮލުގައި އިތުރު ދަރަންޏެއް ނުވަތަ ލޯނެއް އެޅޭނެ ކަމެއް ނޫން ކަމަށާއި، އެ މަސައްކަތް ކުރިއަށްގެންދަނީ މުސްތަގުބަލުގައި ލިބޭނެ އާމްދަނީން ކެނޑޭ ގޮތަށް ކަމަށްވާތީ ދައުލަތުގެ ބަޖެޓަށް އޭގެ ބުރައެއް އުފުލަން ނުޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ މަސްރަހުގައި ހިނގާ ކަންކަމުން އިގުތިސާދަށް ކުރާ އަސަރުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި ޓެކްސް އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރި ނަމަވެސް، ކަންކަން މެނޭޖްކޮށްގެން ބަޖެޓުގެ ތެރެއިން މަޝްރޫއުތައް ކުރިއަށްގެންދާ ކަމަށެވެ. ހަމައެއާއެކު، ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ބަޖެޓުގެ ޑެފިސިޓް ނުވަތަ ދަރަނި ކުޑަކުރުމަށް ހާއްސަ އިސްކަމެއް ދެއްވާފައިވާ ކަމަށާއި، އާމްދަނީ އިތުރުކުރެވޭނެ އާ ގޮތްތައް ހޯދުމާއި ފިސްކަލް ޒިންމާދާރުކަން އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅާނެއެވެ. ބަޖެޓު ހުށަހަޅުއްވާނީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ.