މާލެއިން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ބާއްވަން ހަމަޖައްސާފައި އޮތް އުމްރާ ފްލައިޓް، ފަހުގެ ތާރީހަކަށް ފަސްކޮށްފިއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، މާދަމާ ކުރުމަށް ތާވަލުކޮށްފައި އޮތް މި ދަތުރު ފަސްކުރީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ސައުދީ އަރަބިއްޔާ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ. އެ ކުންފުނިން ފާހަގަކުރި ގޮތުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަހައްދުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި އެ ކުންފުނީގެ އެސެސްމަންޓްތަކުން ދައްކާ ގޮތުގައި، މިހާރު އޮތް ނުރައްކަލުގެ މިންވަރަކީ ފަސިންޖަރުންގެ ސަލާމަތަށް ބުރޫއަރާފާނެ ފަދަ ނުރައްކާތެރި ހާލަތެއް ކަމަށް ލަފާކުރެވޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ސަރަހައްދުގެ މަސްރަހު ގޯސްވަމުން ދިއުމުގެ ސަބަބުން ބައެއް އެއާލައިންތަކުން ސައުދީ އަރަބިއްޔާއަށް ކުރާ ދަތުރުތައް މެދުކަނޑާލާފައިވާ އިރު، ބައިނަލްއަގުވާމީ ވައިގެ ދަތުރުތަކާ ބެހޭ އިދާރާތަކުން ނެރެފައިވާ ބަޔާންތަކުން ޖިއްދާގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.
މި ނިންމުމުގެ ސަބަބުން ދަތުރުވެރިންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އައިލެންޑް އޭވިއޭޝަނާއި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ވަނީ މައާފަށް އެދިފައެވެ. ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އަބަދުވެސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެއް ކަމަށާއި، މި ދަތުރުގައި ބައިވެރިވާ ފަސިންޖަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މަސްރަހު ހަމައަކަށް އެޅި، ދަތުރުކުރުމުގެ ރައްކާތެރިކަން ކަށަވަރުވުމުން، ދަތުރުކުރާނެ އާ ތާރީހެއް ފަސިންޖަރުންނަށް އަންގާނެ ކަމަށްވެސް ބުންޏެވެ.
ޔަމަނުގެ ހޫތީން ސައުދީއަށް ހަމަލާތައް ދެމުންދާ އިރު، ވެރިރަށް ރިޔާޒުގެ އެއާޕޯޓަކަށް ދާދިފަހުން ދިން މިސައިލް ހަމަލާއަކާ ގުޅިގެން އެއާޕޯޓުގައި ތިބި އުމްރާވެރިންތަކަކަށް ވަނީ އަނިޔާވެސް ވެފައެވެ. ހޫތީން ދަނީ ސައުދީގެ އެއާޕޯޓުތަކަށް އަމާޒުކޮށް ވެސް ހަމަލާތައް ދެމުންނެވެ.
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
ކޮމެންޓް