އިޓަލީގެ މަދަނީ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު ކަމަށްވާ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ"، ނިޔާވެފައިވާ އެމްއެންޑީއެފްގެ ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީއަށް ދޭން އިޓަލީން ނިންމައިފިއެވެ.
ކޮލޮމްބޯގައި ހުންނަ އިޓަލީ އެމްބަސީން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، މަހުދީގެ ހަނދާނުގައި އޭނާއަށް މި މެޑަލް އަރުވަނީ އާދަޔާ ހިލާފު މަދަނީ ހިތްވަރުގަދަކަމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މިއީ އެފަދަ ހިތްވަރުގަދަ އަމަލުތަކުގެ އަގުވަޒަންކޮށް އެ ގައުމުން ދޭ އެންމެ މަތީ ޝަރަފެވެ.
މި ޝަރަފު ދިނުމަށް ނިންމުމުގެ އިތުރުން، މަހުދީގެ އާއިލާއަށް އެހީތެރިވުމަށް ފަންޑު ހޯދުމުގެ ހާއްސަ ހަރަކާތެއް ވެސް ވަނީ ފަށައިފައެވެ. އިޓަލީ އެމްބަސީއާއި މާލޭގައި ހުންނަ އެ ގައުމުގެ އޮނަރަރީ ކޮންސިއުލާ އޭޖެންސީ ގުޅިގެން ފެށި މި ހަރަކާތުގެ ދަށުން، އެކަމަށް ހާއްސަކޮށްފައިވާ ބޭންކު އެކައުންޓަކަށް ފައިސާ ޖަމާކޮށްގެން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އެ އެމްބަސީން ބުންޏެވެ.
މި ހަރަކާތުން ލިބޭ ހުރިހާ ފައިސާއެއް މަހުދީގެ ޝަރުއީ ވާރިސުންނާ ހަވާލުކުރާނެ ކަމަށާއި، މި އެހީތެރިކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށް ވެސް އެމްބަސީން ބުނެފައިވެއެވެ.
އެމްއެންޑީއެފްގެ ޑައިވަރެއްގެ ގޮތުގައި މަސައްކަތްކުރި ސްޓާފް ސާޖަންޓް މަހުދީ ނިޔާވީ، ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނުމުގެ ތެރޭގައި މަރުވި އިޓަލީގެ ޑައިވަރުންތަކެއްގެ ހަށިގަނޑު ނެގުމުގެ މަސައްކަތް ކުރަމުންދަނިކޮށް މިއަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުއެވެ.
ކަނޑުއަޑީގެ ހޮހަޅައަކަށް ފީނުމުގެ ތެރޭގައި އިޓަލީގެ ފަސް ފަތުރުވެރިޔަކު މަރުވިއެވެ. ފަހުން އެމީހުންގެ ހަށިތައް ހޯދައި ނަގާފައިވަނީ ފިންލޭންޑުގެ ތިން ޑައިވަރުން ކަމަށްވާ ސާމީ ޕާކަރިނެން، ޖެނީ ވެސްޓަލޭންޑް އަދި ޕެޓްރިކް ގްރޮންކްވިސްޓްއެވެ. އެ ތިން ޑައިވަރުންނަށް އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ ވަނީ އެ ގައުމުގެ "އޯޑާ އޮފް މެރިޓް" ގެ ޝަރަފު ދެއްވައިފައެވެ. މިއީ އާންމު ރައްޔިތުންނަށް އިޓަލީން އަރުވާ އެންމެ މަތީ އެވޯޑެވެ.
އިޓަލީ
އިޓަލީ
އިޓަލީ
އިޓަލީ
ކޮމެންޓް