މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި، އޭގެ ބަދަލުގައި މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދަވަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ ނޭޝަން ޗެޓްގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް ހަރަދު ކުޑަކުރުމަށްޓަކައި ގެންނަ މި ބަދަލުގެ ސަބަބުން، ހިދުމަތް ދިނުން ހަލުވިވެ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ.

ސިއްހީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމާއި ހަރަދުތައް ކުޑަކުރެވޭނެ އުސޫލަކުން ކަންކަން ކުރިއަށް ގެންދެވުމަށްޓަކައި މި ނިންމެވުން ނިންމެވި އިރު، މިއާއެކު އެ ދާއިރާގައި ހުރި ތަކުރާރުވުންތައް ނައްތާލެވި ހިންގުމުގެ ހަރުދަނާކަން އިތުރުވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސިއްހީ ދާއިރާ ތަރައްގީކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމުކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އަތޮޅު ހޮސްޕިޓަލްތަކާއި ރަށު ސިއްހީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި، އޭގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް އެ މީހަކު ދިރިއުޅޭ ރަށަކުން ނުވަތަ އަތޮޅަކުން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ސިއްހީ ބޭނުންތަކަށް ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުކުރުމުގެ މަސައްކަތްތައްވެސް ހަލުވިކަމާއެކު ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަލަށް އުފައްދާ ގްރޫޕުގެ ދަށުން، ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކާއި ޓަރޝަރީ ފެންވަރަށް ތަރައްގީކުރަމުންދާ ސަރުކާރުގެ ހޮސްޕިޓަލްތައް އެއް ވިއުގައަކުން ގުޅާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިކަމުގެ މައިގަނޑު ބޭނުމަކީ އެއް ހޮސްޕިޓަލާއި އަނެއް ހޮސްޕިޓަލާ ދެމެދު ވަސީލަތްތައް ހިއްސާކުރުމާއި، އެއް ތަނުން އަނެއް ތަނަށް ޑޮކްޓަރުންގެ ފަންނީ ހިދުމަތް ބޭނުންކުރެވޭނެ ގޮތްތައް ފަސޭހަކޮށް، ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމެވެ.

އަންނަ ނޮވެންބަރު މަހުން ފެށިގެން ތިން މަސް ނުވަތަ އެންމެ ގިނަވެގެން ހަތަރު މަސްދުވަހުގެ ތެރޭގައި މި އާ ނިޒާމުގެ ދަށުން ހޮސްޕިޓަލްތައް ގުޅާލެވޭނެ ކަމަށާއި، ނަމަވެސް މިއީ މުވައްޒަފުން އިތުރުކުރާނެ މަޝްރޫއެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ބަދަލާއެކު، ސަރުކާރުގެ ހަރަދުގައި ތައުލީމު ހާސިލުކުރައްވާ ޑޮކްޓަރުންގެ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ލިބިގަނެވޭނެ އުސޫލުތައް ގާއިމުކުރެވި، ހާއްސަ ދާއިރާތަކުން އެންމެ މަތީ ފަންތީގެ ހިދުމަތްތަކަށް ހާއްސަ ބޭރުގެ ޑޮކްޓަރުން ރާއްޖޭގައި ގާއިމުވެ ތިއްބަވައިގެން ހިދުމަތް ފޯރުކޮށްދެއްވުން ފަދަ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.