އިންޑިއާ ސަރުކާރުން އިތުރު 100،000 ޑޯޒްގެ ކޮވިޑު ވެކްސިން ރާއްޖެއަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ ރަމްޒީ ފިލާ ހަވާލުކޮށްދެއްވީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަބާނިއަމް ޖައިޝަންކަރެވެ. ރާއްޖޭގެ ފަރާތުން ފިލާއާ ހަވާލުވެ ވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.
ރާއްޖޭގައި މިހާރު ދެމުން އަންނަނީ ވެސް އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ވެކްސިނެވެ. އެއް ލައްކަ ޑޯޒްގެ އެ ޝިޕްމެންޓް ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އަދި މިމަހުގެ އެކަކުން ފެށިގެން މިހާތަނަށް 70،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފަ އެވެ.
އިންޑިއާގެ ސިރަމް އިންސްޓިޓިއުޓްގައި އުފައްދާ އޮކްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިން ބޭނުންކުރުމުގެ އެމަޖެންސީ ހުއްދައެއް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ވެސް މިހާރު ވަނީ ދީފިއެވެ.
އިންޑިއާ އިން މިހާރު ދީފައިވާ އެއް ލައްކަ ޑޯޒް ހުސްވަންދެން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމާފައިވާއިރު، ރާއްޖޭގައި ދެ ވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ޖަހާތައި، އަށް ހަފްތާ ފަހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު