އެމްޓީސީސީން ކުރިއަށްގެންދާ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026" 56 ބައިވެރިންނާއެކު މިއަދު ފަށައިފިއެވެ.
އެމްއެންޔޫ ބިޒްނަސް ސްކޫލްގެ އޮޑިޓޯރިއަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީއެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީނިއާ މެނޭޖްމަންޓްގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ތައުލީމީ އަދި އަމަލީ ތަޖުރިބާގެ އިތުރުން ސުޕަވައިޒަރުންގެ ބެލުމުގެ ދަށުން މަސައްކަތުގެ މާހައުލުގައި ހުނަރު ދަސްކޮށްދިނުމަށް އެކުލަވާލާފައިވާ ޕްރޮގްރާމެކެވެ. މިއަހަރުގެ ޕްރޮގްރާމްގައި 14 ދާއިރާއަކުން ތަމްރީނުވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
އެމްޓީސީސީން ބުނި ގޮތުގައި މިއީ މި ޕްރޮގްރާމް ފެށުނުފަހުން އެންމެ ގިނަ ދާއިރާތަކުން ފުރުސަތު ފަހިކޮށްދެވޭ ފަހަރެވެ. މި ޕްރޮގްރާމްގެ ބައިވެރިންނަށް މަހަކު 8،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާ އިރު، ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ދާއިމީ ވަޒީފާ ލިބުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ހަފުލާގައި ވާހަކަދައްކަވަމުން މެނޭޖިން ޑިރެކްޓަރު ސައުދީ ވަނީ، މި މުހިންމު ފުރުސަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފައި، ކުންފުންޏާއި މުޖުތަމައުއަށް އަދި ގައުމަށް ބޭނުންތެރި ބަޔަކަށްވުމަށް ވަރުބަލިކަމެއް ނެތި މަސައްކަތްކުރުމަށް ބައިވެރިންނަށް އިލްތިމާސްކުރައްވައިފައެވެ. މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާގެ އިތުރުން ފަންނީ އަދި ޕްރޮފެޝަނަލް ހުނަރުތައް ދަސްކޮށްދީ، މެންޓާޝިޕް ފޯރުކޮށްދޭނެއެވެ. އަދި ކަސްޓަމާ ސާވިސް، ފަޔާ ސޭފްޓީ އަދި ހޭލުންތެރިކުރުވުމުގެ ތަމްރީނުތަކާއި ކަމާ ގުޅޭ ފަންނީ ހާއްސަ ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.
އެމްޓީސީސީން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ މިފަދަ ފުރުސަތުތައް ދިވެހި ރައްޔިތުންނަށް ގިނަގިނައިން ފަހިކޮށްދީ، ވީހާވެސް ގިނަ ދިވެހި ޒުވާނުން ވަޒީފާގެ މައިދާނަށް ނެރުމެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
ކޮމެންޓް