ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އިސްވެރިންނާ، ސަރުކާރުން ބައްދަލުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނި ގޮތުގައި، މި ބައްދަލުވުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ ފަރާތްތަކާއެކު ސަރުކާރުން ކުރިއަށްގެންދާ ސިލްސިލާ މަޝްވަރާތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީންގެ އިތުރުން، ބަންޑާރަނައިބު އަހުމަދު އުޝާމާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އަދި ޓެކްސް ކޮމިޝަނާ ޖެނެރަލް ފާތިމަތު އަމީޒާ ބައިވެރިވެވަޑައިގެންނެވިއެވެ.

ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ސަން ސިޔާމް ކުންފުނީގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދާއި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗެއާޕާސަން ހުސައިން އަފީފް (ޗަމްޕާ އަފީފް) ފާހަގަކޮށްލެވެއެވެ.

5 އޮކްޓޯބަރު 2026، ފަތުރުވެރިކަމުގެ ސިނާއަތުގެ އިސްވެރިންނާ ސަރުކާރުން ބައްދަލުކުރުން -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، 2027 ވަނަ އަހަރަށް ކަނޑައަޅާފައިވާ ފަތުރުވެރިކަމުގެ އަމާޒުތަކަށް ވާސިލުވުމަށް ކުރެވިދާނެ ކަންކަމާއި، މިވަގުތު އެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ސިނާއަތުގެ އިސްވެރިން ދެއްވި ލަފަޔާއި އިރުޝާދުގެ މައްޗަށް ބިނާކޮށް، މުހިންމު ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް މި ބައްދަލުވުމުގައި ވަނީ އެއްބަސްވެފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ސަރުކާރުން ގާތުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އިސްވެރިންނާ ސަރުކާރުން ބައްދަލުކޮށްފައިވާ އިރު، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ބޭރުގެ ވިޔަފާރިތަކުން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ މުދަލާއި ހިދުމަތްތަކުން ޖީއެސްޓީ ނަގަން "މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު" އަށް ގެނައި އިސްލާހާ ގުޅިގެން ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ނެގުމާ ގުޅޭ ގާނޫނަށް ބަދަލުތަކެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.

ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި މިދިޔަ ހޮނިހިރު ދުވަހު ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަމީން ވިދާޅުވެފައިވަނީ، މި ނިންމެވުން ނިންމެވީ ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ފަރާތްތަކާއި ޓްރެވަލް އޭޖެންޓުންގެ ފަރާތުން ރައީސަށް ހުށަހެޅި ގިނަ ރިކުއެސްޓްތަކަކާ ގުޅިގެން ކަމަށެވެ.

5 އޮކްޓޯބަރު 2026، ފަތުރުވެރިކަމުގެ ސިނާއަތުގެ އިސްވެރިންނާ ސަރުކާރުން ބައްދަލުކުރުން -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

މިނިސްޓަރު އަމީން ފާހަގަކުރެއްވި ގޮތުގައި، ގާނޫނަށް ގެނައި ބަދަލުތަކާއެކު ސިނާއަތުގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ސަރުކާރަށް ފާހަގަކުރެވުނެވެ. އޭގެ ތެރޭގައި އަމަލުކުރަންޖެހޭ މުއްދަތާ ގުޅިގެންނާއި އެހެނިހެން ސަބަބުތަކާ ހުރެ ޓްރެވަލް އޭޖެންޓުންގެ ކަންބޮޑުވުންތައް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ސިނާއަތުގެ އިސް ފަރާތްތަކުންނާއި ގިނަ އަދަދެއްގެ ޓްރެވަލް އޭޖެންޓުން ވަނީ އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް އެދި ރައީސްގެ އަރިހަށް ހުށަހަޅައިފައެވެ. "މިވަގުތު ރައީސް ނިންމަވާފައިވަނީ ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ގާނޫނަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެނައުމަށް،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިދިޔަ އޮގަސްޓް މަހުގެ 31 ގައި ރައީސް ތަސްދީގުކުރެއްވި މި ބިލު ހުށަހެޅުމުގެ ބޭނުމެއްް ކަމަށް ބިލުގައި ބުނެފައިވަނީ، ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒު ކުރުމަށްޓަކައި، އޯފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ފޮރިން ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގުމުގެ އުސޫލުތައް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގައި ބަޔާން ކުރުން ކަމަށެވެ. މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ނިޒާމު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް އެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، ގާނޫނަށް ގެންނާން ޖެހޭ އެނޫންވެސް އިސްލާހުތައް ގެނައުން ކަމަށްވެސް ބުނެފައިވެއެވެ.

މި ބިލުގައި ބުނެފައިވަނީ ބިލު ފާސްކޮށް އެ އިސްލާހުތަކާ އެއްގޮތަށް ޓެކްސް ނަަގަން ފަށައިފި ނަމަ ބޭރުގެ ޓްރެވެލް އެޖެންޓުން ދައްކާ 299.3 މިލިއަން ރުފިޔާ އާއި ފޮރިން ޓުއާ އޮޕަރޭޓަރުން ދައްކާ 1،309.2 ބިލިއަން ރުފިޔާއާ އެކު ދައުލަތުގެ އާމްދަނީއަށް އަހަރަކު 1،608.5 ބިލިއަން ރުފިޔާ އިތުރުވެގެންދާނެ ކަމަށެވެ.

މި ބިލުގައި ޖީއެސްޓީ ނަގަން ހިމަނާފައިވަނީ އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި، ފޮރިން ޓުއާ އޮޕަރޭޓަރުންގެ އިތުރުން އޯވަސީސް ޓްރެވަލް އެޖެންޓުތަކެވެ. މީގެ އިތުރުން، މި ނިޒާމު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް އިތުރަށް ހަރުދަނާކުރުމަށް ވެސް އިސްލާހުތަކެއް ބިލުގައި ވަނީ ހިމަނައިފައެވެ.

މި ގާނޫނުގައިވާ ގޮތަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޓީޖީއެސްޓީ ނަގަން ވަނީ ފަށައިފައެވެ.