ގދ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ހުޅުވާރުލުގައި ވަޅުލާފައި ހުއްޓައި ފެނުނު 149 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ދައުވާކުރި ފަސް މީހުންގެ މައްސަލަ ބޭރު ކޮށްލި މައްސަލައާ ގުޅިގެން ބައެއް ކަންކަން ސާފުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ހާޒިރު ކުރަން ނިންމައިފި އެވެ.
ހުޅުވާރުލުގައި ވަޅުލާފައި ހުއްޓައި ފެނުނު 149 ކިލޯގެ މަސްތުވާތަކެތި މައްސަލަ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލުމުން، ހައްޔަރު ކުރި ފަސް މީހުން ވެސް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
މި މައްސަލައިގައި ޕީޖީ ޝަމީމު ކޮމިޓީއަށް ހާޒިރުކުރަން ހަމަޖެހިފައި ވަނީ މިއަދު 2:00 އަށެވެ.
އޭޕްރިލް 2019 ގައި ފެނުނު މަސްތުވާތަކެތީގެ އެ މައްސަލައިގައި ފަސް މީހަކު ހައްޔަރުކުރި އެވެ. އެއީ ގއ. ކޮނޑޭ/ ގަހާކޯޅި، އަހުމަދު އަނީލް (34)، ގދ. ގައްދޫ/ އެދުރުގެ، އަހުމަދު ހާމީމު (42)، ގއ. ކޮނޑޭ/ ރޮމޭންސް ޝަފީޒް މުހައްމަދު (35)، ގއ. ނިލަންދޫ/ ދިހްޝާންވިލާ އަލީ ޝާކިރު (30) އަދި ގދ. ގައްދޫ/ އެދުރުގެ ޔާމިހް ހާލިދު (23) އެވެ.
މި މީހުންގެ މައްޗަށް ދައުވާކުރީ އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެގޮތުން ހަތަރު މީހަކަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އަދި އެކެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލި އެވެ.
މި މައްސަލަތައް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން އެންމެ ފުރަތަމަ ހުށަހެޅީ ކުރިމިނަލް ކޯޓަށެވެ. ނަމަވެސް އެ މައްސަލައަކީ އެ ކޯޓަށް ބެލުމުގެ އިހްތިސޯސް ނެތް އަދި ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބަލަން ޖެހޭނެ މައްސަލައެއް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލި އެވެ. ކްރިމިނަލް ކޯޓުން މައްސަލަ ބޭރު ކޮށްލުމުން ޕީޖީން ދެން މައްސަލަ ހުށަހެޅީ ގައްދޫ ކޯޓަށެވެ. ނަމަވެސް އެކޯޓުން ވެސް ވަނީ މައްސަލަ ބޭރުކޮށްލައިފައެވެ.
އެނގިފައިވާ ގޮތުގައި، އެ މައްސަލަ ބޭރު ކޮށްލީ ދައުވާ ކުރަން ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވި ފަހުން މައްސަލަ ހުށަހަޅާފައިވާތީ ކަމަށް ބުނެ އެވެ. އަދި ދައުވާ ކުރީ ކޯޓު އަމުރެއް ނެތި ދެ ގެއަކަށް ވަދެ މީހުން ހައްޔަރުކޮށް، އެ ހައްޔަރުގައި ބަހައްޓައިގެން ގާނޫނާ ހިލާފަށް ހޯދާފައިވާ ހެކީގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.
ނަމަވެސް ޕީޖީން ނިންމީ މި މައްސަލަ އިސްތިއުނާފު ނުކުރުމަށެވެ. އަދި އެ ނިންމުމާ ގުޅިގެން އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް