އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް މިއަދު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ 2027 ވަނަ އަހަރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ސީދާ ދަރަނި ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ 117 ޕަސެންޓްގައި ކަމަށެވެ. އަދި 2028 ވަނަ އަހަރު އެ ޢަދަދު 116.3 ޕަސެންޓަށް ތިރިވާނެ ކަމަށް ލަފާކުރެވޭ އިރު، 2029 ވަނަ އަހަރަށް ދަރަނި 107.9 ޕަސެންޓަށް ތިރިކުރުމަކީ އަމާޒެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރު ނިމޭއިރު، ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކުރެވެނީ 7.6 ބިލިއަން ރުފިޔާގައި ކަމަށެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 6.2 ޕަސެންޓްގެ އަދަދެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަދި 2027 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކުރެވޭ އިރު، މިއީ ޖީޑީޕީގެ ނިސްބަތުން 7.3 އިންސައްތައިގެ އަދަދެއް. ޑެފިސިޓުގެ މި އަދަދުތަކާއެކު، 2026 ވަނަ އަހަރު ޖީޑީޕީގެ ނިސްބަތުން ޕްރައިމަރީ ބެލެންސް 2.5 އިންސައްތައިގައި އަދި 2027 ވަނަ އަހަރު 3.4 އިންސައްތައިގައި ހުންނާނެ ކަމަށް އަންދާޒާ ކުރެވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ދައުލަތުގެ ބަޖެޓަށް ބޮޑެތި ޝޮކްތައް ކުރިމަތިވި ނަމަވެސް، މި އަހަރުގެ ބަޖެޓު ޑެފިސިޓް ފާސްކުރި މިންވަރުގައި ހިފެހެއްޓޭނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެ މައިގަނޑު އެއް ސަބަބަކީ، ދައުލަތުގެ ބަޖެޓު ތަންފީޒު ކުރުމުގައި މިހާރު އަމަލުކުރަމުންދާ ހަރުދަނާ ކޮންޓްރޯލްތައް ކަމަށާއި މިހާރު ބަޖެޓު ތަންފީޒު ކުރުމުގައި އަޅަމުންދާ ކޮންޓްރޯލްތައް އަންނަ އަހަރުވެސް ދަމަހައްޓަމުން ގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.