ޖީޑީޕީގެ ނިސްބަތުން އަންނަ އަހަރު ދައުލަތުގެ ދަރަނި ހުންނާނީ 117 ޕަސެންޓްގައި ކަމަށް ދިނޭންސް މިނިސްޓަރު ޒަރީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް މިއަދު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމާއެކުވެސް، ގައުމުގެ މާލީ ހަމަޖެހުން ދެމެހެއްޓުން ކަށަވަރު ކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށެވެ. މި ބަޖެޓުގެ އެންމެ މުހިންމު ބަޔަކީ ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒުތައް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިގޮތުން، ދައުލަތުގެ އާމްދަނީ، ޖީޑީޕީގެ 32 ޕަސެންޓަށްވުރެ ދަށްނުވާނެ މިންވަރެއްގައި ހިފެހެއްޓުމަކީ އަންނަ އަހަރުގެ ބަޖެޓުގެ އެއް އަމާޒު ކަމަށެވެ. އަދި ދައުލަތުގެ ރިކަރަންޓް ހަރަދުތައް ލިބޭ އާމްދަނީން ފޫބެއްދުމަކީ ވެސް އަންނަ އަހަރުގެ ބަޖެޓުން ހާސިލުކުރަން އަމާޒުހިފާފައިވާ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން އަންނަ އަހަރު 43.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ އިރު، ރިކަރަންޓް ހަރަދަށް 42.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"2027 ވަނަ އަހަރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ސީދާ ދަރަނި ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ 117 އިންސައްތައިގައި. އަދި 2028 ވަނަ އަހަރު އެ ޢަދަދު 116.3 އިންސައްތައަށް ތިރިވާނެ ކަމަށް ލަފާކުރެވޭ އިރު، 2029 ވަނަ އަހަރަށް ދަރަނި 107.9 އިންސައްތައަށް ތިރިކުރުމުގެ އަމާޒުވެސް މި ބަޖެޓުގައި ވަނީ ކަނޑައަޅާފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޕީއެސްއައިޕީގެ ހަރަދުގެ ޖުމްލަ ކަނޑައެޅުމުގައި، ޑޮމެސްޓިކް ބަޖެޓުން ފަންޑުކުރާ މިންވަރު 70 ޕަސެންޓަށް ވުރެ ބޮޑުނުވާނެ މިންވަރެއްގައި ހިފެހެއްޓުމަކީ ވެސް އަމާޒެކެވެ. އަދި ބޭރުގެ ފަރާތްތަކުން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓް ހަރަދު، ގައުމަށް ލިބޭ ޖުމްލަ އާމްދަނީގެ ނިސްބަތުން 12 ޕަސެންޓްގައި ހިފެހެއްޓުމަށް ވެސް އަންނަ އަހަރުގެ ބަޖެޓުގައި އަމާޒު ހިފާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ހުރިހާ މަސައްކަތެއްގެ މައިގަނޑު މަގުސަދަކީ، 2028 ވަނަ އަހަރު ނިމުމުގެ ކުރިން ދައުލަތުގެ އޯވަރޯލް ބެލެންސް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް ޕަސެންޓަށް ދަށްކުރުން ކަމަށެވެ. އަދި 2028 ވަނަ އަހަރު ޕީއެސްއައިޕީގެ ހަރަދުވެސް ޖީޑީޕީގެ ނިސްބަތުން ހަތް ޕަސެންޓަށް ދަށްކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.