މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މި އަހަރު ރާއްޖޭގެ އިގުތިސޯދީ ދުވެލި ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި ނަމަވެސް އަންނަ އަހަރު އިގުތިސޯދީ ދުވެލި ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހަށް މިއަދު ހުށަހަޅައިދެއްވަމުން މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރަށާއި އަދި މެދުރާސްތާއަށް ފިސްކަލް ސިޔާސަތުތައް ބައްޓަން ކުރާނީ، ރާއްޖޭގެ އިގުތިސޯދީ އޮއިވަރު ހިނގާގޮތާއި ފިސްކަލް ހާލަތަށް ފުންކޮށް ބަލައި ދިރާސާ ކުރުމަށްފަހު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ އިގުތިސޯދަށް ނަޒަރު ހިންގާ އިރު، އަންނަ އަހަރު ދުނިޔޭގެ އިގުތިސޯދީ ދުވެލި ހުންނާނެ ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލަފާކުރަނީ 3.4 ޕަސަންޓުގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެލި 6.3 ޕަސަންޓުގައި ހުރި އިރު މި އަހަރަށް ފުރަތަމަ ލަފާކުރީ އިގުތިސޯދީ ދުވެލި 5.3 ޕަސަންޓުގައި ހުންނާނެ ކަމަށް ކަމަށެވެ.
"މި އަހަރު ކުރިމަތިލާން ޖެހުނު އިގުތިސޯދީ ގޮންޖެހުންތަކުގެ ސަބަބުން، މި ގައުމުގެ އިގުތިސޯދީ ދުވެލި ބޮޑުތަނުން ދަށްވެ، 2026 ވަނަ އަހަރުގެ އިގުތިސޯދީ ދުވެލި ހުންނާނެ ކަމަށް ލަފާ ކުރެވެނީ 0.6 (ސުމެއް ޕޮއިންޓް ހައެއް ޕަސަންޓާއި) އާ 1.8 ޕަސަންޓާ ދެމެދު." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ހަނގުރާމައިގެ ކުރީގެ ހާލަތަށް ރުޖޫއަވެ، ރާއްޖޭގެ އިގްތިސޯދީ ދުވެލި 3.9 ޕަސަންޓާއި 6.8 ޕަސަންޓާ ދެމެދުގެ ހަލުވިމިނެއްގައި ކުރިއަރައިގެންދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް 1.0 ޕަސަންޓުގައި ހުންނާނެކަމަށް ބެލެވޭ ކަމަށެވެ.
އަލީ ޔާމިން
ދައުލަތުގެ ބަޖެޓު 2027
ދައުލަތުގެ ބަޖެޓު 2027
ދައުލަތުގެ ބަޖެޓު 2027
ދައުލަތުގެ ބަޖެޓު 2027
ކޮމެންޓް