މަޖިލިސް މެންބަރު އަލީ ނިޔާޒް

ކައުންސިލް އިންތިހާބަށް، ސަރުކާރު ސިޔާސަތުތައް އެކަނި ވިއްކޭ ގައިޑްލައިނެއް އެކުލަވާލާނަމަ ދެކޮޅު ހަދާނަން: ނިޔާޒު

އިބްރާހިމް ޒަކީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ބެހޭގޮތުން، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އެކުލަވާލައްވާ ގައިޑްލައިން އަކީ ހަމައެކަނި ސަރުކާރުގެ ސިޔާސަތުތައް ވިއްކޭ ގޮތަށް ނުވަތަ ސަރުކާރު ނިސްބަތްވާ ޕާޓީއަށް ނިސްބަތްކޮށް އޮތް ގައިޑްލައިނެއް ނަމަ އެ ގައިޑްލައިންއަށް ދެކޮޅު ހައްދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

މެންބަރު އަލީ ނިޔާޒު މިހެން ވިދާޅުވީ، ކައުންސިލް އިންތިހާބާބެހޭ ކަންކަން ކުރިއަށް ގެންދަން ޖެހޭނީ، ކޮވިޑް 19 އާ ގުޅިގެން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށްފަހުގައި ކަމަށް އެ އިންތިހާބާބެހޭ ހާއްސަ ގާނޫނުގައި ކަނޑައަޅާފައި އޮތް އޮތުން ބަދަލުކޮށް، އެ ގާނޫނު އިސްލާހު ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސައަށް ހުށަހަޅުއްވަމުންނެވެ.

ކައުންސިލް އިންތިހާބު އަވަހަށް ބޭއްވުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ފަށާފައި މިވަނީ، ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވައިގެންނެވެ.

އެގޮތުން މިއަދު ކުރިއަށް ގެންދާ ޖަލްސާގައި ނިޔާޒު ވިދާޅުވީ، ކައުންސިލް އިންތިހާބު އަވަހަށް ބޭއްވުމަށްޓަކައި، އިންތިހާބުގެ ކަންތައް ކުރިއަށް ގެންދަން ޖެހޭނީ، ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށްފަހުގައި ކަމަށް ބުނެ ގާނޫނުން އަޅުވާފައިވާ ލޮކު ފުރަތަމަ އުވާލަން ޖެހޭ ކަމަށެވެ.

"އެ ލޮކު ފުރަތަމަ ނައްޓުވާލަން ޖެހޭ، އެހެންކަމުން އެ ގާނޫނުގެ ހަތްވަނަ މާއްދާއަށް އިސްލާހު ވަނީ ގެނެސްފަ، އެގޮތުން ގާނޫނަށް މި ގެންނަ އިސްލާހަށް އަމަލު ކުރަން ފަށާތާ ގިނަވަގެން ހަތް ދުވަހުގެ ތެރޭގައި، އިންތިހާބު ބޭއްވުމުގެ މަސައްކަތްތައް ކުރަން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވާނެ،" ނިޔާޒު ވިދާޅުވިއެވެ.

ކޮވިޑް 19 އާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްހާ ހިނދަކު އިންތިހާބާބެހޭ ކަންތައް ކުރިއަށްގެންދަންވާނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް އެ އިސްލާހުގައި ހިމެނޭކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.

ނަމަވެސް އޭނާ ވިދާޅުވީ، އެގޮތަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ދެއްވާ ގައިޑްލައިންއެއްގެ ސަބަބުން އިންތިހާބު ލަސްވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން އެ ގައިޑްލައިން ތައްޔާރުކުރަންވާނީ، އިންތިހާބު ބޭއްވޭނެ ފަދަ ގޮތަކަށް އެންމެނަށް ހަމަހަމަ ފުރުސަތު ލިބޭގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

"މިސާލަކަށް ކެމްޕެއިން ކުރުމަށްޓަކައި ގައިޑްލައިންގައި އެންމެނަށް ހަމަހަމަ ފުރުސަތުތައް އޮންނަންވާނެކަމަށް އަޅުގަނޑު ދެކެން، އިދިކޮޅު ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މިވަގުތު ހަމައެކަނި އެފުރުސަތު އޮތީ ސަރުކާރަށް ނުވަތަ ސަރުކާރު ނިސްބަތްވާ ޕާޓިއަށް، ސަރުކާރުގެ ސިޔާސަތުތައް ވިއްކުމަށްޓަކައި އޮތް ފުރުސަތެއްގެ ގޮތުގައި، އެހެން ނަމަވެސް މި އެކުލަވާލެވޭ ގައިޑްލައިންގެ ތެރޭގައި ހުރިހާ އެންމެންނަށް، ހުރިހާ ފަރާތްތަކަށް އެފުރުސަތު ލިބޭނެކަމަށް އަޅުގަނޑު ގަބޫލު ކުރަނީ، އަޅުގަނޑުމެން އެއްވެސް ހާލެއްގައި 2017 ވަނަ އަހަރު ކައުންސިލް އިންތިހާބު އޭރުގެ ސަރުކާރުން ބޭއްވިގޮތަށް ހަމައެކަނި ވަކި ބަޔަކަށް ފުރުސަތު ލިބޭގޮތަށް ބޭއްވުމަކީ އެދޭ ގޮތެއް ނޫން، ހަމައެކަނި ސަރުކާރު ނުވަތަ ސަރުކާރު ޕާޓީއަށް ކެމެޕެއިން ކުރެވޭ ގޮތަށް ގައިޑްލައިން އޮންނަ ނަމަ އެކަމާ ދެކޮޅު ހަދައި އެ ބަދަލު ކުރަން މަސައްކަތް ކުރާނަން،" ނިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަމަ އެކަނި ގާނޫނަށް ބަދަލު ގެނެސްގެން ކައުންސިލް އިންތިހާބު ބޭއްވެން ނެތް ކަމަށެވެ. އެގޮތުން އިންތިހާބާ ބެހޭ ތިން މައްސަލައެއް ކޯޓުގައި ވެސް އެބައޮތްކަން ފާހަގަ ކުރައްވައި އިންތިހާބު ބޭއްވޭނީ އެ ތިން މައްސަލަ ނިމިގެން ކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.

އެ ތިން މައްސަލައަކީ، ކައުންސިލްތަކާބެހޭ ގާނޫނުގައި އަންހެނުންނަށް ވަކި އަދަދަކަށް ގޮނޑި ހާއްސަކޮށްފައިވާ މައްސަލަ އާއި، ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ކެންޑިޑޭސީ ބާތިލު ކުރި މައްސަލައާއި، އިންތިހާބު ފަސްކުރި މުއްދަތުގައި އަލަށް 18 އަހަރު ފުރުނު ފަރާތްތަކުގެ ހައްގުތައް ގެއްލިފައިވާކަމަށް ބުނެ އެ ފަރާތްތަކަށް އިންތިހާބުން ފުރުސަތު ލިބޭގޮތަށް އިންތިހާބު އަލުން ހުޅުވާލުމަށް އެދި އަމިއްލަ ފަރާތަކުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކަމަށް ނިޔާޒު ފާހަގަ ކުރެއް ވިއެވެ.

އޭނާ ވިދާޅުވީ ގާނޫނުތަކަށް ބަދަލު ގެނައި ނަމަވެސް ކައުންސިލް އިންތިހާބު ބޭއްވޭނީ ދައުލަތުގެ އެހެން މުއައްސަސާތަކުގެ އެއްބާރުލުން ލިބިގެން ކަމަށެވެ.