ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން ބޭއްވުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލާއި ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރު ޖަލްސާތަކެއް ބާއްވަން އެމްޑީޕީން މަޝްވަރާކޮށްފިއެވެ.
ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު "ވަން" އަށް ވިދާޅުވީ ރޭ އެމްޑީޕީގެ ޕާލިއަމެންޓް ގްރޫޕްގެ ބައްދަލުވުމުގައި ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވަން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެގޮތުން މަޖިލިސް އިންތިހާބު ރޯދައިގެ ފަހަށް ފަސް ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މަޝްވަރާ ކުރެވުނު ކަމަށެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލުތައް މިއަދު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަ ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރަކު ވަނީ ވަޒީރުންނަށް ރުހުން ދިނުމާއި އެހެނިހެން ކަންކަން ނިންމުމަށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މަޝްވަރާ ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅޭ ގޮތުން އެހެން ޕާޓީތަކާ މަޝްވަރާ ކުރުމަށްވެސް ނިންމާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މަސައްކަތް ކުރަމުން އަންނައިރު، އެއްވެސް އިންތިހާބެއް ރޯދަ މަހު ނުބޭއްވޭ ގޮތަށް މާއްދާއެއް ހިމަނައި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު އިސްލާހު ކުރަން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ މިއަދު މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
ޝިފާއު ވިދާޅުވީ އެ އިސްލާހު ހުށަހަޅާފައި ވަނީ ރޯދަމަހު ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވާތީ، އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮތް ބޮޑު ނުތަނަވަސްކަމާއެކު އިންތިހާބުގައި ރައްޔިތުންގެ ބައިވެރިވުން ކުޑަވެދާނެ ކަމަށް އޮތް ކަންބޮޑުވުމަށް ހައްލެއް ހޯދުމަށް ކަމަށެވެ.
ޝިފާއު އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށެވެ. އެގޮތުން 20 އިސްލާހެއް އެ ގާނޫނަށް ގެނައުމަށް ވަނީ ހުށަހަޅުއްވައިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލިސް އިންތިހާބު އަންނަ މާޗް މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފައެވެ. އެއީ ރޯދަ މަހުގެ ހަތް ވަނަ ދުވަހެވެ. އިންތިހާބު ރޯދަ މަހާ ދިމާވާތީ، އާންމުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އީސީން ބުނެފައިވަނީ އިންތިހާބު ފަސް ކުރެވޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށެވެ.
މަޖިލިސް އިންތިހާބު ފަސްކުރުމަށް ސަރުކާރުން ވެސް ވަނީ ތާއީދުކޮށްފައެވެ. އެގޮތުން އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްވިދާޅުވީ މަޖިލިސް އިންތިހާބު، ރޯދަ މަހު ބޭއްވުމަށް ނިންމީ އެއްވެސް ސިޔާސީ ޕާޓީއަކާ މަޝްވަރާކުރުމަށްފަހު ނޫން ކަމަށެވެ. މަޖިލިސް އިންތިހާބު ބާއްވާ ތާރީހު ބަދަލުކުރުމަށް އޭނާ ތާއީދުކުރައްވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު