"ލާމަރުކަޒީ ގުޅުން" ގެ ނަމުގައި ބޮޑު ތިލަދުންމަތީގެ ތިން އަތޮޅު ކަމަށްވާ ހއ. ހދ. ށ. އަށް ނިސްބަތްކޮށް އިދިކޮޅު އެމްޑީޕީން ހދ. ކުޅުދުއްފުށީގައި މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
އެކަމާބެހޭ ގޮތުން މައުލޫމާތު ދިނުމަށް އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ލާމަރުކަޒީ ކޮމިޓީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ، އެ މަޝްވަރާ ބައްދަލުވުމަކީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން އެމްޑީޕީން ފަށާ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުން ކަމަށެވެ.
އެ ބައްދަލުވުމަކީ ލާމަރުކަޒީ ނިޒާމު ރޫޅައިލާ ފަދަ ބަދަލުތަކެއް ގާނޫނަށް ގެންނަން މިސަރުކާރުން ކުރަމުންދާ މަސައްކަތާ ގުޅިގެން، މަޝްވަރާކުރުމާ އެކު ޕާޓީ އާއި ރަށްރަށުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނާ އޮންނަ ގުޅުން ރަނގަޅުކުރުމަށް ބާއްވާ މަޝްވަރާ ބައްދަލުވުންތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ މި ބައްދަލުވުމުގައި ލާމަރުކަޒީ ނިޒާމުގެ ފުރިހަމަ މައުލޫމާތު އެފަރާތްތަކަށް ފޯރުކޮށްދޭނެ ކަމަށެވެ.
މި ބައްދަލުވުމުގައި ކައުންސިލަރުންނާއި ޑަބްލިއުޑީސީތަކުގެ މެންބަރުންނާ އެކު 85 ފަރާތެއް ބައިވެރިވާނެ ކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ. އޭގެ އިތުރުން ހުރިހާ ސިޓީތަކެއްގެ މޭޔަރުން ބައިވެރިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެމްޑީޕީގެ އިސްބޭފުޅުންގެ ތެރެއިން ޕާޓީގެ ރައީސް އަބުދުﷲ ޝާހިދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލު ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ މި މަޝްވަރާ ބައްދަލުވުމަކީ ފެށުމެއް ކަމަށާއި އަމާޒަކީ މިއަހަރު ނިމެންވާއިރަށް ނުވަތަ އަންނަ އަހަރުގެ ކުރީކޮޅާ ހަމައަށް މުޅި ރާއްޖެ ކަވަރުކުރުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު