ރައްޔިތުންގެ މަޖިލީހުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް އެކުގައި މަސައްކަތް ކުރުމަށް ގޮވާލާ އަޑުތަކެއް ސޯޝަލް މީޑިއާގައި ގަދަވެފައި ވަނިކޮށް، ދެ ޕާޓީގެ އިސްވެރިން މިއަދު ހަވީރު އެއް މޭޒެއްގައި ބައްދަލުވުމެއް ބޭއްވި ކަމަށް ބުނާ ފޮޓޯއެއް ދައުރުވާން ވަނީ ފަށައިފައެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި އެމްޑީޕީގެ ޕީޖީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ޕާޓީގެ ޕީޖީ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ އިތުރުން އެ ޕާޓީގެ ޕީޖީ މެމްބަރުން ކަމަށްވާ އަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު، މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.
އެ ފޮޓޯއާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް "ވަން" އިން ނިޔާޒަށް ގުޅުމުން ވިދާޅުވީ އެއީ ދެ ޕާޓީގެ ފަރާތުން ބޭއްވި ބައްދަލުވުމެއް ނޫން ކަމަށެވެ.
"އެއީ ބައްދަލުވުމެއް ނޫން، އެއީ ސަޔެއް، އެކުގައި ސައިބޯން ތިއްބައި މީހަކު ނަގައި އާންމުކުރި ފޮޓޯއެއް،" ނިޔާޒު ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި އެ ފޮޓޯ އާންމުވުމާއެކު ބައެއް މީހުން ސިފަކޮށްފައިވަނީ، އެއީ މިއަހަރު ބާއްވާ މަޖިލީހުގެ އިންތިހާބުގައި ދެ ޕާޓީ ގުޅިގެން އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
އެފަދަ ބައްދަލުވުމެއް ބޭއްވި އިރު، ދަ ޑިމޮކްރެޓްސްގެ ބައެއް އިސްބޭފުޅުން ވަނީ އެމްޑީޕީއާ އެކުގައި މަޖިލިސް އިންތިހާބުގައި ވާދަކުރުން މުހިންމު ކަމަށްބުނެ ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު