އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަށް ބައިވެރިވެވަޑައިނުގެންނެވުނީ އެ މަނިކުފާނު ރާއްޖޭގައި ނެތުމުން ކަމަށް އެމަނިކުފާނުގެ ކޮއްކޮ އަދި ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާ ރައީސް ސޯލިހުގެ ފެކްޝަނުން ބޮއިކޮޓް ކުރި ކަމުގެ އަޑުތައްވެސް ފެތުރުނެވެ. ނަމަވެސް އެކަމާ ގުޅިގެން އެމްޑީޕީން ރަސްމީ ސިފައެއްގައި ވާހަކަ ދައްކާފައެއް ނުވެއެވެ.

ރައީސް ނަޝީދު ރޭ އެމްޑީޕީއާ ގުޅިވަޑައިގަތް ޖަލްސާގައި އެމްޑީޕީގެ ލީޑަޝިޕުގެ ގިނަ ބޭފުޅުން ބައިވެރިވެލެއްވިއެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މިހާރުގެ އަދި ކުރީގެ ގިނަ މެންބަރުން ހިމެނެއެވެ.

ރައީސް ނަޝީދު ވަނީ ވެރިކަމަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމެވި ފަހުން ރައީސް ސޯލިހުވެސް ވަނީ ވެރިކަމަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.

ރައީސް ސޯލިހާއި ނަޝީދުގެ އިތުރުން ފައްޔާޒާއި ޝާހިދުވެސް ވަނީ އެމްޑީޕީގެ ރިޔާސީ ރޭހަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. އެހެންކަމުން އެމްޑީޕީގެ ރިޔާސީ ރޭހުގެ ވާދަވެރިކަން މިހާރު މިވަނީ ވަރަށް ބޮޑުވެފައެވެ.