ރިޕޯޓް

ފަރުދީ ޒިންމާ އަދާކުރެވެނީ ކިހާވަރަކަށްތަ؟ ލޮކްޑައުންގެ ވޭން އެހާ އަވަހަށް ހަނދާން ނެތުނީތަ؟

އީމާ މުހައްމަދު ވަހީދު

"ނުރައްކާތެރި ކޮވިޑް 19 އަށް ރާއްޖެއިން 133 މީހަކު ފައްސިވެއްޖެ." "ރާއްޖެއިން ކޮންމެ ދުވަހަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 މަތީގައި އުޅޭތާ ހަފްތާއެއް."، "ކޮވިޑުގައި އިތުރު މީހަކު މަރުވެއްޖެ."، މިއީ މި ވޭތުވެދިޔަ ދެތިން ހަފްތާއެއް ދުވަހު އަޅުގަނޑުމެންނަށް ހަބަރުތަކުގެ ފަލަ ސުުރުހީތަކުން ފެންނަމުންދާ ހަބަރުތަކެވެ. ރާއްޖޭގައި ކޯވިޑް 19 ވަރަށް ހަލުވިކަމާއިއެކު ފެތުރެމުންދާ ވާހަކައެވެ. ދުވަހަކަށްވުރެ ދުވަހެއް ނުރައްކާ ބޮޑުވަމުންދާ ވާހަކައެވެ. ކޮވިޑަށް ފަރުވާ ދިނުމަށް ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކާއި ފަރުވާދޭ މަރުކަޒުތައް ފުރެމުންދާ ވާހަކައެވެ. ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ އަދަދު މަދު ނުވާނަމަ އެންމެންނަށް ފަރުވާ ނުދެވިދާނެ ވާހަކައެވެ. ހާލަތު ބަދަލުނުވެއްޖެނަމަ ދެވަނަ ލޮކްޑައުން އަކަށް ދާން ޖެހިދާނެ ކަމަށް ޑޮކްޓަރުން ދަނީ ބުނަމުންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ޑޮކްޓަރުންނާއި 24 ގަޑިއިރު އެ ދައްކަނީ އެއް ވާހަކައެކެވެ. ރައްޔިތުން ކިބައިން އެދެނީ އެންމެ ކަމަކަށެވެ. އެއީ ފަރުދީ ޒިންމާ އަދާކުރުމަށެވެ. ޒަރޫރީ ބޭނުމެއް ޖެހިގެން ނޫނީ ބޭރަށް ނުދިއުމަށެވެ. އެހެންނަމަވެސް ބައެއް މީހުންނަށް އެވާހަކަތައް އިވޭކަމާ މެދު ޝައްކެވެ. ބައެއް ފަހަރު ހީވަނީ ބާރު ލާފައި އެންމެން ބޭރަށް ދާށޭ ކިޔާ ހެންނެވެ. ވިސްނުމެއް ފިކުރެއް ނެތި އެކުވެރިންނާއި އެކު ކޮފީތަކަށް ވެސް ދަނީއެވެ. ގައިދުރުކުރުމެއް ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅުމެއް ނެތި އެއްވުންތައްވެސް ބާއްވަނީއެވެ. ފަރުދީ ޒިންމާއޭ ކިޔަންވެސް ގިނަ ދިވެހިން ވަނީ ނުކުޅެދިފައެވެ.

މީގެ ދެތީން މަހެއްހާ ދުވަސްކުރިން މުޅި ރާއްޖެ ލޮކްޑައުން ކުރުމުން އަޅުގަނޑުމެން އުޅެން ޖެހުނު ދަތި ދުވަސްތައް މަތިން އެހާ އަވަހަށް ހަނދާން ނެތުނީތޯއެވެ؟ ހަނދާން ނެތް ނަމަ ހަނދާން ކޮށްލަމާ ހިންގަވާށެވެ. ގެޔަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމަށް ފިހާރަތަކަށް އޯޑަރު ދީގެން އެ ލިބޭނެ އިރެއްގެ އިންތިޒާރުގައި އެތައް ގަޑިއިރެއް، ބައެއް ފަހަރަށް އެތައް ދުވަހެއް ވާންދެން ތިބެން ޖެހުނު ހަނދާން ނެތުނީތޯއެވެ؟ ގެއިން ކާޑުގެ ބާވަތްތައް ހުސްވެގެން ލައިގެން ކާނެ އެއްޗެއް ނެތި ބަނޑުހައިވެފައި ތިބިއިރު އެކުރުވި އިހްސާސްތައް މަތިންވެސް މިއަދު ހަނދާން ނެތީތޯއެވެ؟ ކުޑަދަރިފުޅު ގޭގައި ގިނަ ދުވަސް ވަންދެން ހުންނަން ޖެހިގެން ފޫހިވެގެން ރޯން ފެށުމުން ހަދާނެ ގޮތެއް ނެތިގެން އެކި ކަންކަން ކޮށްގެން ދަރިފުޅު މަސަލަސް ކުރަން އުޅުނު ގޮތް ހަނދާން ނެތުނީތޯއެވެ؟ ރާއްޖެ ލޮކްޑައުން ކުރުމާ ގުޅިގެން އަމިއްލަ ފަރާތްތަކުގެ ވިޔަފާރިތަކަށް ބުރޫއަރައި ފައިދާ ނުލިބުމުގެ ސަބަބުން އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލުނުކަން ހަނދާން ނެތުނީތޯއެވެ؟ މުސާރަ ނުލިބި ދެތިން މަސްވެގެން އަތްމަތި ހުސްވެގެން ގޭ ކުލި ނުދެއްކުމުން ގެއިން ނެރެލުމުން މަގުމަތިވެފައިވެސް އެތައް އާއިލާއެއް ތިބެން ޖެހުނުކަން ހަނދާން ނެތުނީތޯއެވެ؟ އެތައް ދުވަހެއް ވާންދެން ގޭތެރޭގައި އެންމެން ތިބޭން ޖެހުމުން އޭގެ ސަބަބުން ދެން ނުކުންނަމުން ދިޔަ ނަފުސާނީ އަދި އިޖުތިމާއީ މައްސަލަތައްވެސް މިހާ އަވަހަށް ހަނދާން ނެތުނީހެއްޔެވެ؟ އެފަދަ ލޮކްޑައުންއެއް ދެމިގެން ގޮސްފި ނަމަ ގައުމު ބަނގުރޫޓުވެދާނެކަން ނޭނގެނީތޯއެވެ؟

ރާއްޖެ ލޮކްޑައުން ކޮށް އެތެރޭގެ ދަތުރުފަތުރުތައްވެސް ހުއްޓާލުމުން ހާލުގައި ޖެހުނީ ހަމައެކަނި މާލޭގައި ދިރިއުޅުނު ރައްޔިތުންނެއް ނޫނެވެ. ރާއްޖެތެރޭ ރަށްރަށުގައި ދިރިއުޅެމުން ދިޔަ ރައްޔިތުންނަށްވެސް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އެގޮތުން މާލެއިން މުދަލާއި ކާޑުގެ ބާވަތްތައް ހިފައިގެން ރަށްރަށަށް ދަތުރުކުރާ މުދާ އުފުލާ ދޯނިތަކުގެ ދަތުރުތައް މެދުކަނޑާލަން ޖެހުމުުން ބައެއް ރަށްރަށުގެ ފިހާރަތަކުން މުދާ ހުސްވާން ފެށިއެވެ. ކުދި އަދި އާބާދީ މަދު ރަށްތަކަށް ބޭނުންވާ މުދާ ބަލައި ދާން ޖެހުނީ ރަށް ކައިރީގައި އޮތް ބޮޑެތި ރަށްތަކަށެވެ. ލޮކްޑައުން ކުރުމާ ގުޅިގެން އެކަމުގެ އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރީ ސުކޫލުތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށެވެ. ގޭގައި ތިބެގެން އޮންލައިންކޮށް ކިޔެވުން އެކުދިންނަށް ވީ ވަރަށް ބޮޑު ތަކުލީފަކަށެވެ. ފޮނި އުންމީދުތަކާއި އެކު މި ދިރާސީ އަހަރު ނިންމަން ހިތުލައިގެން ތިބި ކުދިން ޖެހުނީ މާޔޫސްވާށެވެ.

ރާއްޖެ ލޮކްޑައުން އަކަށް ދިއުމާއި ގުޅިގެން އަޅުގަނޑުމެންގެ ނަފްސާނީ ސިއްހަތަށް ކުރި ނޭދެވޭ އަސަރުތަކުގެ ވާހަކަތައް ނުކިޔައި ދޫކޮށްލެވޭކަށް ނެތެވެ. ބޭރަށް ނުދެވި ގޭގައި އަބަދު ތިބެން ޖެހުމުން ކަންކަމާއި ވިސްނާއި ފިކުރުކުރުމުގެ ސަބަބުން ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށްވީ އަޅުގަނޑުމެންގެ ތެރެއިން ކިތަން މީހުންތޯއެވެ؟ އެ ދެތިން މަހު ހޭދަކުރި ވޭނުން ފުރިގެންވާ ދުވަސްތައް އަލުން އިޔާދަވުމަށް ބޭނުންވަނީތޯއެވެ؟ އެ ހާލުގައި ދެވަނަ ފަހަރަށް ގަނަތެޅެން އެކަކުވެސް ބޭނުމެއް ނުވާނެއެވެ.

އަޅުގަނޑުމެން އަމިއްލަ ނަފްސާ ކޮށްލަން ޖެހޭ ސުވާލެއް އެބައޮތެވެ. އަޅުގަނޑުމެންނަށް ހަމަ ހަގީގަތުގައި ފަރުދީ ޒިންމާ އެބަ އަދާކުރެވޭ ހެއްޔެވެ؟ ތިޔަބޭފުޅުންނަށް ފަރުދީ ޒިންމާ އަދާކުރެވެނީ ކިހާ މިންވަރަކަށް ތޯއެވެ؟ މާލޭގައި ދިރިއުޅޭ ރައްޔިތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަށް އޮޅުވާލާފައި ރަށަށް ޗުއްޓީއަށް އާއިލާ ގާތަށް ދިއުމަކީ ފަރުދީ ޒިންމާ އަދާކުރުންތޯއެވެ؟ އެގޮތަށް ކަންތައް ކުރުމުން ނުރައްކަލުގެ ތެރެއަށް އެ ހުށަހެޅިގެން ދަނީ ތިބާ އެކަންޏެއް ނޫނެވެ. ތިބާގެ މުސްކުޅި މައިންބަފައިންނާއި އާއިލާވެސް ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެން ދެއެވެ. އޮފީސް ނިންމާލާފައި އެކުވެރިންނާއި އެކު ކޮފީތަކަށާއި ކެއުންތަކަށް ދާއިރު ތިބާގެ ސަބަބުން އެތައް ބައެއްގެ ފުރާނައަށް ނުރައްކަލަށް ހުށަހެޅޭ ކަން ހަނދާން ނެތުނީ ހެއްޔެވެ؟

ވިސްނާލަމާ ހިނގާށެވެ. އަޅުގަނޑުމެން ކޮންމެ މީހަކުވެސް އެމީހެއްގެ ބޮލުގައި އެޅިފައިވާ ޒިންމާ އަދާކޮށްފިނަމަ މި ގައުމު ވެއްޓެމުން މިދާ އަނދަވަޅުން ސަލާމަތް ކުރެވިދާނެއެވެ. ބޭރަށް ކިތަންމެ ދާ ހިތްވިޔަސް ކެތްތެރިކަމާއިއެކު ގޭގައި މަޑުކޮށްލަމާ ހިނގާށެވެ. އަހަރެމެންގެ މުސްކުޅި މައިންބަފައިންގެ ހައްގުގައެވެ. ސިއްހީ ދާއިރާގައި ބުރަކޮށް މަސައްކަތް ކުރާ އަޅުގަނޑުމެންގެ ދައްތައިންނާއި ބޭބެމެންގެ ހައްގުގައެވެ. ސުކޫލުގައި ކިޔަވަމުން އަންނަ އަޅުގަނޑުމެންގެ ކޮއްކޮމެންގެ ހައްގުގައެވެ. ހުރިހާ އެންމެން އެއްބަސް ކިޔައި ފަރުދީ ޒިންމާ އަދާކޮށްފިނަމަ މި ހާލަތުން އަވަސް މުސްތަގުބަލެއްގައި އަރައިގަނެވޭނެއެވެ. ކޮންމެހެން މުހިންމު ކަމެއްގައި ނޫނީ ބޭރަށް ނުދާށެވެ. ޒަރޫރީ ބޭނުމެއްގައިވެސް ބޭރަށް ދާނަމަ މާސްކް އަޅަން ހަނދާން ކުރާށެވެ. ގައިދުރުކުރާށެވެ.

މިހާލަތުގައި މުހިންމީ ގޯސްކޮށްވެފައި ހުރި ކަންކަމުގެ ވާހަކަ ދެއްކުމެއް ނޫނެވެ. ރާއްޖޭގައި ކޮވިޑް ފަތުރަން އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެވެ. މިއީ އަޅުގަނޑުމެން އެންމެންގެ ގައުމެވެ. އެހެންކަމުން މިއީ ގައުމީ ވިސްނުން އިސްކުރާންވީ ވަގުތެވެ. ގައުމީ ނަޒަރިއްޔާތަކުން ވިސްނާންވީ ވަގުތެވެ. އަޅުގަނޑުމެން ކޮންމެ މީހަކުމެ ވަކި ވަކީން މި ވިސްނުން ކުރިޔަށް ނެރެ، ބަސް އަހައިގެން ގެޔަށް ވަދެއްޖެ ނަމަ ލޮކްޑައުނަކާ ނުލައި، ދެމަހެއްހާ ދުވަސް ތެރޭގައި ވެސް އަދަދުތައް ފަސޭހަކަމާ އެކު ތިިރިޔަށް ޖެއްސޭނެ އެވެ. ކޮވިޑަކީ އެކަހަލަ އެއްޗެއްކަން އަޅުގަނޑުމެން އެންމެނަށްވެސް އެނގެ އެވެ. އަޅުގަނޑުމެންނާ ހަމަޔަށް އަމިއްލަޔަށް އައުމުގެ ބާރެއް އެބައްޔަކަށް ނެތެވެ. ބައްޔާ ބައްދަލުވާން ދާން ޖެހެނީ އަޅުގަނޑުމެން އަމިއްލައަށެވެ. އެހެންކަމުން ކޮވިޑާ ބައްދަލުވުމުގެ ފުރުސަތު ބަންދުކުރަން އަޅުގަނޑުމެން އެންމެން އަތު ގުޅާލައި އެއް ވާނެއްގައި މަސައްކަތްކޮށް ގައުމު ސަލާމަތުގެ އައްސޭރިޔަކަށް ގެންދަމާ ހިންގަވާށެވެ.