ރިޕޯޓް

ރޭގަނޑުގެ 8 ގެ ފަހުން ވެހިކަލް ކާފިއު! ނަތީޖާ ނެރެވޭނެ ނިންމުމެއްބާ؟

މުހައްމަދު ސިމާއު

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދެއް ނޫނެވެ. މިމަހުގެ ހިސާބުތަކަށް އެކަނި ބެލި ނަމަވެސް މިވީ 23 ވަރަކަށް ދުވަހުގެ ތެރޭގައި 2711 މީހުންނަށް ކޮވިޑް ޖެހިއްޖެ އެވެ. ކުޑަކުދިންނާއި ބަލީގެ ނުރައްކާ ބޮޑު މީހުން ނުރައްކަލަށް ހުށަހެޅޭވަރު އިތުރުވެއްޖެ އެވެ. އަތޮޅު ތެރެއަށް ބަލި ފެތުރިއްޖެ އެވެ. ބަލީގައި މިމަހުގެ ތެރޭގައި ވެސް 10 މީހަކު ދުނިޔެ ދޫކޮށްފި އެވެ. މިއީ މިމަހަށް ބަލާނަމަ އެވްރެޖްކޮށް ކޮންމެ ދެ ދުވަހުން މީހެކެވެ.

ކޮވިޑާ ގުޅިގެން ހިފަހައްޓާފައި ހުރި ކަންކަމަށް ދޫ ދިނުމުން ހައްދުން ނެއްޓި ކޮވިޑް ކޭސްތައް އިތުރުވާން ފެށުމުގެ ނަތީޖާއަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފިޔަވަޅުތައް ހަރުކަށި ކުރަން މަޖުބޫރު ވުމެވެ. އެގޮތުން މިމަހުގެ ހަތަރަކުން ފެށިގެން މާސްކު އަޅަން މަޖުބޫރުކުރި އެވެ. ރޭގަނޑު 10:00 އިން ފަތިހު 5:00 އާ ދޭތެރޭގައި ކާފިއު ހިންފަން ފެށި އެވެ. މާލެއިން އަތޮޅުތެރެއަށް ދާން އޮތް އުސޫލު ހަރުކަށި ކުރި އެވެ. މި ފިޔަވަޅުތަކާއެކު ވެސް ބަދަލުނުވީ އެއް ކަމެކެވެ. ކޮވިޑް ކޭސްގެ އަދަދެވެ. ފިޔަވަޅުތަކާއެކު ވެސް ކޮވިޑަށް ޕޮޒިޓިވް ވާ މީހުންވީ އިތުރެވެ.

ނަތީޖާއަކަށްވީ ރެއިން ފެށިގެން އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމުމެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވަނީ ރޭ 8:00 ފެށިގެން ފަތިހު 5:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރަން ނިންމައިފަ އެވެ. އެ އުސޫލާ ހިލާފުވާ ނަމަ ނަސޭހަތް ދިނުމަށްފަހު ޖޫރިމަނާ ކުރާނެ އެވެ. އެކަން ތަކުރާރުވާނަމަ، އެ އުޅަނދެއް ޓޯ ކުރާނެ އެވެ. ޓޯ ކުރުމަށްފަހު އެ އުޅަނދެއް ދޫކުރެވޭނީ ޖޫރިމަނާ ދެއްކުމަށްފަހުގަ އެވެ.

އެއްގަމު އުޅަނދު ދުއްވުން ރޭގަނޑު 8:00 ގެ ފަހުން މަނާވި ނަމަވެސް ކުރިން ނެރެފައިވާ ގައިޑްލައިނާ އެއްގޮތަށް ރޭގަނޑު 10:00 ޖަހަންދެން ބޭރުގައި އުޅެވޭނެ އެވެ. އުޅެން ޖެހޭނީ ފައިމަގުގަ އެވެ. ފިހާރަތައް ބަންދުކޮށްފައި ވެސް އެމީހަކު ދާ މަންޒިލަކަށް ދާން ޖެހޭނީ ހިނގާފައި ނުވަތަ ބަހުގައި ނުވަތަ ޓެކްސީއެއްގަ އެވެ.

ނަމަވެސް މި ގެނައި ބަދަލާއެކު އާންމުންގެ ކަންބޮޑުވުން އިންތިހާއަށް ގޮސްފި އެވެ. އެއްބަޔަކު ބުނާ ގޮތުން ރޭގަނޑު 9:30 ވަންދެން ފިހާރަތަކާއި ހޮޓާ ކެފޭ ރެސްޓޯރެންޓް ހުޅުވާފައި ބަހައްޓާއިރު ރޭގަނޑު 8:00 ގެ ފަހުން ދުއްވާ އެއްޗެހި ދުއްވުން މަނާކުރުން ދެކޮޅެއް ނުޖެހެ އެވެ.

އެގޮތުން ކޮވިޑާއެކު އަތްމަތި ދަތިވެ އެތައް ބައެއްގެ މުސާރަ ކުޑަކޮށްފައިވާއިރު ރޭގަނޑު ދަން ކޮށްފައި ވަޒީފާ ނިމޭ މީހާ ކާރެއްގައި ގެއަށް ދާންޖެހުމަކީ މާލީ ބޮޑު ބުރައެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ހާއްސަކޮށް މާލޭގައި ދިރިއުޅޭ ހުޅުމާލެ ރައްޔިތުންގެ ކަންބޮޑުވުން މިކަމުގައި ބޮޑެވެ. ރޭގަނޑުގެ އަށެއްގެ ފަހުން ވަޒީފާގެ މަސައްކަތުގައި އުޅޭން ޖެހޭ މީހުން ހިނގާފައިދާން ޖެހުމަކީ ބޮޑު ބުރައަކަށްވާނެ ކަމުގެ ކަންބޮޑުވުން ހިއްސާކުރާ އިރު، ކޮވިޑް ކޭސްތައް އިތުރުވާތީ، ދުއްވާ އެއްޗެހި ދުއްވުން މަނާކުރުމުގެ ބޭނުމާ މެދުވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި އަނެއް ބަޔަކު ދަނީ މިއީ ޖޫރިމަނާ ފައިސާ ހޯދަން ދައުލަތުން އަޅަމުން އަންނަ ފިޔަވަޅެއް ކަމަށް ބުނެ ސަރުކާރަށް ވެސް ފާޑުކިޔަމުންނެވެ.

ނަމަވެސް މި އުސޫލާއެކު އެންމެ ގިނަ ބަޔަކު ކަންބޮޑުވީ ވިޔަފާރިތަކަށް ދިމާވެދާނެ ދައްޗަށެވެ. ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، ރޭގަނޑު 8:00ގެ ފަހުން ދުއްވާ އެއްޗެހި ނުދެއްވޭނަމަ ފިހާރަތަކަށް ކަސްޓަމަރުން ނާންނާނެ އެވެ. އަދި އެކަހަލަ މޮޔަ ނިންމުންތައް ނިންމައިގެން ކުދި ވިޔަފާރިތައް ހުއްޓިގެން ގޮސްދާނެ ކަމަށާއި ކޮވިޑާއެކު ބޮޑު ކުލި ދައްކައިގެން އުޅޭ ފިހާރަތައް ދަރަނިވެރިވެގެންދާއިރު މި އުސޫލުގެ ދަށުން ވިޔަފާރި ހިންގަން ދަތިވާނެ ކަމަށް ބުންޏެވެ.

"ގިނަ ރެސްޓޯރެންޓް ކެފޭ އަދި ފިހާރަތަކަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ލިބެނީ ރޭގަނޑު. ރޭގަނޑު 8:00 ގެ ފަހުން ވެހިކަލްތައް ދުއްވުން މަނާކުރުމުން އެފަދަ ވިޔަފާރިތައް ދަރަނިވެރިވާނެ. ސަރުކާރުގެ އެއްވެސް ޕްލޭނެއް ނެތް،" ސޯޝަލް މީޑިއާގައި ކަންބޮޑުވުން ހިއްސާކުރި ޒުވާނަކު ބުންޏެވެ.

"ފިހާރަ ނިންމާފަ ދެން ހުޅުމާލެއަށް ދާނީ ކިހިނެއް؟ ސައިކަލަށް އަރައިފިއްޔަ ޖޫރިމަނާ. ހިނގާފަ ދާން ދިމާކޮށްދިއްޔާ 10ގެ ފަހުން ބޭރުގައި އުޅެގެން ޖޫރިމަނާ. ޓެކްސީގައި ކޮންމެ ރެޔަކު ދަތުރުކުރަންޏާ 3000 ރުފިޔާ. ލިބެނީ 4000 ރުފިޔާ،" ފިހާރައެއްގައި މަސައްކަތްކުރާ ޒުވާން އަންހެން ކުއްޖަކު އޭނާގެ ކަންބޮޑުވުން ހިއްސާކުރި އެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ އެޗްޕީއޭ އިން ނިންމާ ބައެއް ނިންމުންތައް ނިންމަނީ ރައްޔިތުންނަށް ޖެއްސުން ކުރަންތޯ ސުވާލު އުފެދޭ ކަމަށެވެ. މި އާ އުސޫލަކީ އެތައް ބަޔަކަށް ބޮޑު ތަކުލީފަކަށްވާނެ ކަމެއް ކަމަށާއި އެކަހަލަ ކަންކަން ކުރުމުގެ ބަދަލުގައި ތަންކޮޅެއް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން މެނުވީ ހައްލެއް ނެތް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އާ އުސޫލާމެދު ކަންބޮޑުވުން ފާޅުކުރި އިތުރު މީހަކު ބުނި ގޮތުގައި، ހިނގާފައި އުޅެން ޖެހުމުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާނެ އެވެ. އަދި އުޅަނދު ދުއްވުން މަނާކޮށްގެން ގޭގައި ގިނަ ބަޔަކު ނުތިބޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ނަމަވެސް މި އުސޫލަށް ތާއީދުކޮށް އުސޫލަށް ގެންނަން ފެންނަން ބަދަލުތައް ވެސް ބައެއް ދިވެހިން ހިއްސާކުރި އެވެ. އެގޮތުން ބައެއް މީހުން ބުނި ގޮތުގައި ރޭގަނޑު 8:00ގެ ފަހުން ކުރާނެ ކަމެއް ނިންމާފައި ގެއަށް ވަނުމަކީ އެންމެ ބުއްދިވެރި ގޮތެވެ. އަދި ހިނގާފައި އުޅުން މާ ރަނގަޅުވާނެ ކަމަށާއި އެގަޑީގައި މާލޭގެ މަގުތައް އެންމެ ކާރުބާރު ގަޑިކަމުން ދުއްވާ އެއްޗެހި ނުދުއްވެންޏާ އެގަޑީގައި ގިނަ ބަޔަކު ގޭގައި ތިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"އަށެއްގެ ފަހުން މީހުން ހިނގާ ބިނގާވެ އުޅުން މަނާކޮށްފިނަމަ ކޮންމެވެސް މިންވަރަކަށް ކޮންޓްރޯލްވާނެ! ޑައިރެކްޓް ކޮންޓެކްޓުތައް މަދު ކުރެވޭނެ. އެކަމަކު ވެހިކަލް ދުއްވުން މަނާކޮށްފަ 8 އިން 10 އާ ދެމެދު އެންމެ ނުކުމެ މަގުމަތީ އުޅޭ ނަމަ، މަގުސަދު ހާސިލެއް ނުވާނެ!،" އުސޫލަށް ގެންނަން ފެންނަ ބަދަލު މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.

ބައެއް މީހުން ދެކޭ ގޮތުގައި، އެންމެ ރަނގަޅު ގޮތަކީ ކުރިޔެކޭވެސް އެއްގޮތަށް ވިޔަފާރިތައް ކުރާ މީހުންނަށް ހުއްދައާ އެކު އުޅެވޭނެ ގޮތް ވުމެވެ. އެހެން ނޫނަ ނަމަ އަށެއްގެ ފަހުން ޑެލިވަރީ ފަދަ ޒަރޫރީ ކަންކަމަށް ދަތިތައް އަންނާނެ ކަމަށް އެފަދަ މީހުން ބުނެ އެވެ. އަދި ހަމަ އެހެންމެ ގިނަ ބަޔަކު ދަތުރުކުރާ ޕަބްލިކް ޓްރާންސްޕޯޓް ނުވަތަ ޓެކްސީއަށް އެރުމަށްވުރެ އަމިއްލަ ސައިކަލުގެ ރައްކާތެރިކަން ހުރިހާ ގޮތަކުންވެސް ބޮޑުވާނެ ކަމަށް އެފަދަ ފަރާތްތަކުން ދެކެ އެވެ.

"ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހިއްޖެ ކަމާމެދު އެއްވެސް ޝައްކެއް ނެތް. އެކަމަކު މިގެނައި ބަދަލު އެފަދަ ފިޔަވަޅަކަށް ނުވޭ. މިކަމުން މަގުސަދެއް ހާސިލެއް ނުވާނެ، އޭގެ ބަދަލުގަ އެންއީއޯސީ އޮތް އިރު އޮތް ގޮތަށް ރޭގަނޑު އަށެއްގެ ފަހުން އުޅޭ ނަމަ ހުއްދަ އޮންނަންވީ. އެފަދަ ފަރާތްތަކަށް ވަކި ނިސްބަތަކުން ވެހިކަލް ބޭނުން ކުރެވޭ. އެދުވަސްވަރު މާ ބޮޑަށްވެސް ބަލި ކޮންޓްރޯލު ކުރެވުނު. މިހާރު މިވީ ގޮތުން މާލެ ތެރޭ އެންމެން އުޅޭނީ ހިނގާފަ. ހުޅުމާލޭގައިވެސް ހިނގާފަ. ނުވާނެ ކަމަކީ ބުރިޖު ހުރަސްކުރުން. ހިނގާފަ ވިޔަސް މީހުންގަނޑު ވިޔަފާރިޔަށް އަދި ކޮފީއަށް ނުކުންނާނެ." ޒުވާނަކު އޭނާގެ ހިޔާލު ފާޅުކުރި އެވެ.

އޭނާ ބުނީ ރޭގަނޑު 9:30 އާއި ހަމަޔަށް ހުރިހާ ވިޔަފާރިއެއް ހުޅުވާފައި ހުންނަ އިރު އެތަންތަނުގެ ވަޒީފާތަކުގައި އެތައް ހާސް ބަޔަކު އުޅޭނެ ކަމަށާއި މި ނިންމުމުން އެމީހުންނަށް ވަރަށް ބޮޑު ތަކުލީފެއްވެސް އުފުލަން ޖެހޭނެ ކަމަށެވެ. އެއް ގަޑިއެއްގައި އެ އެންމެން ނިމޭ އިރު ޕަބްލިކް ޓްރާންސްޕޯޓު ސިސްޓަމުގައި އެވަރުގެ ގާބިލުކަން ނެތް ކަމަށާއި މާލެ އަދި ހުޅުމާލެއާ ދެމެދުގައި އުޅޭ މީހުންނަށް ޓެކްސީގައި ދަތުރުކުރުމަކީ މިދުވަސްވަރު ކުރެވޭނެ ހަރަދެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑަށް ހީވަނީ ކޮންޓްރޯލެއް ނެތި ބަލި ފެތުރިގެން މި ދަނީ ތަންފީޒީ ފިޔަވަޅުތައް ވެސް މާބޮޑަށް ލުއިވެ ދޫކޮށްލެވިގެންހެން. އެކަމަކު ރޭގަނޑު އަށަކުން ފަތިހު ފަހަކަށް އަމިއްލަ ވެހިކަލް ނުދުއްވޭ ގޮތަށް ހެދުމުގެ ސަބަބުން މީހުންނަށް އެ ވާ ތަކުލީފާ އަޅައި ބަލާއިރު މި ފިޔަވަޅުން އެވަރުގެ ބޮޑު ނަތީޖާއެއް ނުކުންނާނެ ކަމަކަށް ނުބެލެވޭ. ތަކުލީފު ބޮޑު ފިޔަވަޅެއް އަޅަން ވާނީ އެވަރުގެ ނަތީޖާއެއް ނެރެވޭނެ ނަމަ. މި ފަދަ ކަމަކަށްވުރެ ރަނގަޅު ވާނެ ރޭގަނޑު 8 ގެ ފަހުން އެއްކޮށް ކާފިއު ހިންގިޔަސް." އެހެން މީހަކު ބުންޏެވެ.

ކޮންމެޔަކަސް، މި ގެނައި ބަދަލަކީ މިހާތަނަށް އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ބަދަލެވެ. މުޅި ސޯޝިއަލް މީޑިއާ ބަންޑުން ކޮށްލައިފައި ވަނީ ފާޑުކިޔުމުންނެވެ. އެހެންޏާ އަޅާ ފިޔަވަޅުތަކަށް މިހާ ބޮޑަށް ފާޑުކިޔުން އަމާޒުވެފައެއް ނުވެއެވެ. އެންމެންވެސް އެދެނީ ބަލި ކޮންޓްރޯލު ކުރުމެވެ. ފިޔަވަޅުތައް ވެސް އަޅަންވީ އެވެ. ތަންފީޒުވެސް ވާން ޖެހޭނެ އެވެ. އަޅާ ފިޔަވަޅުތަކުގެ ތަކުލީފާއި ބޮޑުކަމާއި އެއްވަރުގެ ނަތީޖާއެއްވެސް އެ ފިޔަވަޅުން ނެރެވޭން ޖެހޭނެ އެވެ.