ރިޕޯޓް

ރާއްޖޭގެ ގިނަ އަތޮޅުތަކަށް ކޮވިޑު ފެތުރިއްޖެ، ރަށްރަށުގައި ހޯމް ކަރަންޓީންކުރުން ހުއްޓާލާކަށް ނުވޭބާ؟

މުހައްމަދު ސިމާއު

1

ކޮވިޑް-19ގެ އެންމެ ފުރަތަމަ ކޭސް މާލެއިން ފެނުނުތާ ހަތަރު މަސް ވެފައިވާއިރު އޭރު ވެސް އެންމެ ބޮޑު ނުރައްކަލެއް އޮތީ ރަށްތަކަށް ބަލި ފެތުރިގެން ދިއުމެވެ. އެކަށީގެންވާ ވަސީލަތްތައް ރަށްރަށުގައި ނެތުމާވެސް އެކު އެވެ. ނަމަވެސް އެ ފުރުސަތު ނުދިނުމަށް މުޅި މާލެ ލޮކްޑައުން ކުރި އެވެ. އެއާއެކު އަތޮޅު ތެރެއިން އެކި ބޭނުންތަކަށް މާލެ ސަރަހައްދަށް އައި އެންމެން ގޭބަންދު ވިއެވެ. އެތައް ބަޔަކު ހާލުގައި ޖެހުނެވެ. އެތައް ބަޔަކު ދައުލަތުން ވެސް ބެލެހެއްޓި އެވެ.

ނަމަވެސް ގާތްގަނޑަކަށް މަހެއްހައި ދުވަސް ފަހުން ލުއިތަކެއްދީ މާލޭގައި ތިބި މީހުން ރަށްރަށަށް ފޮނުވަން ފެށި އެވެ. އަދި އޭގެ ފަހުން ރަށަށް ގޯސް ހޯމް ކަރަންޓީނު ވުމުގެ އުސޫލެއް ގާއިމްކޮށް، މިފަހަކާ ޖެހެންދެން ރަށަށް ދާން ބޭނުންވާ އެންމެންނަށް އެ ފުރުސަތު ދިނެވެ. ނަތީޖާއަކަށްވީ މަދުން ނަމަވެސް އަތޮޅު ތެރެއިން ކޮވިޑް ކޭސްތަކެއް ފެންނަން ފެށުމެވެ. މާލޭގައި ކޮވިޑް ކޭސްތައް އިތުރުވަމުން ދިއުމުން އަތޮޅުތެރެއަށް އެ ނުރައްކާ އިތުރަށް ބޮޑު ވިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް މިފަހުން ބުނި ގޮތުގައި އެ އެޖެންސީގެ މިހާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ވެސް ރަށްރަށަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމެވެ.

ޓްރާންސިޓް ކަރަންޓީން ފެސިލިޓީތައް ހުއްޓާލުން، ކޮވިޑް ފެތުރުމުގެ ފެށުން؟

މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށަށް ދިއުމަށް ހުޅުވާލުމުން 5000 އަށްވުރެ ގިނަ މީހުން ނަން ނޯޓު ކުރިއެވެ. އޭރު އެތައް ބަޔަކު ރަށަށް ދާން ބޭނުންވީ މާލޭގައި ތިބުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށް ނުދެކޭތީ އަމިއްލަ ރައްކަލަށެވެ. އެއާއެކު އެކަން ކުރަމުން ދިޔައީ ކޮންމެހެން ގެންދަން ޖެހޭ މީހުންނަށް އިސްކަން ދީގެންނެވެ.

ނަމަވެސް އޭރު ސަރުކާރުން މީހުން ރަށްރަށަށް ފޮނުވަމުން އައީ ރިސޯޓްތަކުގަ އާއި އެކަމަށް ހާއްސަ ފެސިލިޓީތަކުގައި ހަދާފައި ހުންނަ ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކުގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރުމަށްފަހު އެވެ. އޭރު އެމީހުން ތިބީ ރަށު ރައްޔިތުންނާ ދުރުގައި ބައެއްގެ ބެލުމުގެ ދަށުގަ އެވެ. ނަމަވެސް އެކަން ފެށިތާ ގާތްގަނޑަކަށް މަހެއް ފަހުން ޓްރާންސިޓް ކަރަންޓީން ފެސިލިޓީތައް ފުރުމުންނާއި އަމިއްލަ ގެދޮރުގައި އަމިއްލަ ރަށުގައި ކަރަންޓީނު ވެގެން ތިބެން ރައްޔިތުން ބޭނުންވާތީ، ރަށްރަށަށް ދާ މީހުން ރަށަށް ދިއުމަށްފަހު ކަރަންޓީން ކުރަން ނިންމި އެވެ. މިހާރު ވެސް އަމަލު ކުރަމުން އަންނަނީ އެ އުސޫލަށެވެ.

ނަމަވެސް އެ އުސޫލަށް އަމަލު ކުރަން ފެށިތާ މަހެއް ނުވެ އުޅެނިކޮށް، ހޯމް ކަރަންޓީނަށް ދާ މީހުން ކޮވިޑަށް ޕޮޒިޓިވް ވާ ކޭސްތައް ފެންމަތިވާން ފެށި އެވެ. އެއާ ގުޅިގެން ބައެއް ރަށްރަށަށް އަރައި ފޭބުން މަނާ ވެ، ރަށު ރައްޔިތުން ހާސްކަމަށް ވެޓުނެވެ. އެކަމާ ކަންބޮޑުވާ އަދި ނުރުހުން ފާޅުކުރި މީހުން ވެސް މަދެއް ނޫނެވެ. ސަަބަބުތައް ބައިވަރެވެ. މާލެ ތެރޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮއްވައި، މާލެއިން ރަށްރަށަށް މީހުން ފޮނުވަނީ އާންމު ދަތުރުފަތުރު ނިޒާމުގެ ތެރެއިން ކަމަށް ވުމެވެ. ރަށްރަށަށް ހޯމް ކަރަންޓީނަށް ދާ މީހުން ރަށުގައި ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއްވެސް ނެތެވެ. އެމީހުން ރަށު ތެރޭގައި ވެސް އުޅެނީއެވެ. މީހުންނާވެސް ބައްދަލުކުރަނީ އެވެ. ފަރުދީ ޒިންމާ ނަގަނީ މަދު މީހެކެވެ.

އެގޮތުން މިހާރު މީހުން ފޮނުވާ ގޮތަށް ފޮނުވާނަމަ އަތޮޅުތެރޭގެ ގިނަ ބަޔަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އެހެން ވެއްޖެނަމަ މީހުން މަރުވާ ނިސްބަތް އިތުރުވެ ސަރުކާރަށް ވެސް ބޮޑު ބުރަޔަކަށް އެކަން ވެދާނެ އެވެ.

ގައުމާ މުހާތަބު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެއް ވާހަކަފުޅަކީ މިއީ އެވެ. މާލޭގައި ކޮވިޑް ފެތުރިފައިވާތީ، މާލެއިން ރަށްރަށަށް ދާ މީހުން، އެމީހެއްގެ ރަށުގައި ކަރަންޓީނު ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށާއި އެއީ އެ ރަށްރަށުން ވެސް ބޭނުންވާ ގޮތެއް ނޫން ކަމަށް އެމަނިކުފާނު އެއިރު ވެސް ވިދާޅުވި އެވެ.

ރަށްރަށުގައި ކޮވިޑް ކޭސްތައް އިތުރުވަނީ، ބަލި ނުފެތުރެނީ ހަތް އަތޮޅަކަށް!

މާލޭގައި ކޮވިޑް ކޭސްތައް އިތުރުވަމުން އަންނައިރު، އެޗްޕީއޭ އިން މިހާރު ދަނީ އަތޮޅުތެރެއިން ފެންނަ ކޭސްތައް ވަކިން އާންމު ކުރަމުންނެވެ. މިވީ މަހެއްހާ ދުވަހުގެ ތެރޭގައި އެ އެޖެންސީން އާންމުކޮށްފައިވާ މައުލޫމާތުން ރަށްރަށުން ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަކަން ފާހަގަ ވެއެވެ. އެގޮތުން މިއަދާ ހަމަޔަށް 21 ރަށަކުން ވަނީ ކޮވިޑް ފެނިފަ އެވެ. މިއީ އެޗްޕީއޭ އިން މައުލޫމާތު އާންމުކުރަން ފެށި ދުވަހަށްވުރެ ދެ ގުނަ އިތުރު އަދަދެކެވެ.

މިއަދާ ހަމައަށް މާލޭގެ އިތުރުން ކޮވިޑް ޖެހިފައިވާ މީހުން މިހާރު ތިބީ ހދ. ކުރިނބި، ހދ. ނާވައިދޫ، ނ. މިލަދޫ، ބ. ކަމަދޫ، ރ. އިނގުރައިދޫ، ރ. ހުޅުދުއްފާރު، ޅ. ނައިފަރު، ޅ. ހިންނަވަރު، ކ. ގުޅި، ކ. ތުލުސްދޫ، ކ. ހިންމަފުށި، އދ. މާމިނގިލި، އދ. އޮމަދޫ، ފ. ނިލަންދޫ، ވ. ތިނަދޫ، ވ. ކެޔޮދޫ، ތ. ވިލުފުށި، ތ. ތިމަރަފުށި، ތ. މަޑިފުށީގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫ އެވެ. އޭގެ އިތުރުން 10 ރިސޯޓަކުން ހަތަރު ޓޫރިސްޓުންނާއި 13 މުވައްޒަފަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

މި މައުލޫމާތަށް ބަލާއިރު ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ބަލި މިވަނީ ފެތުރިފަ އެވެ. އަދި ރާއްޖޭގައި އޮންނަ 20 އަތޮޅުގެ ތެރެއިން ހަތް އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅަކަށް މިހާރު މިވަނީ ބަލި ފެތުރިފަ އެވެ. މިއީ ނުރައްކަލެއްގެ ރަނގަބީލެކެވެ. މިއީ މިކަމާމެދު ވިސްނައި ފިޔަވަޅެއް އަޅަންޖެހޭ ކަމެކެވެ. ސަބަބަކީ އަތޮޅުތެރެއަށް ދިއުމަށް އެތައް ބަޔަކު އަދިވެސް އިންތިޒާރުގެ ލިސްޓުގައި ތިބުމެވެ.

އެގޮތުން އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވި ގޮތުގައި މިމަހުގެ އެކަކުން 18 ވަނަ ދުވަހުގެ ނިޔަލަށް ރަށަށް ދިއުމަށް 5490 މީހަކު އެދިފައި ވެއެވެ. އޭގެ ތެރެއިން 1780 މީހަކަށް ރަށަށް ދިއުމަށް ހުއްދަ ދީފައިވާއިރު އިތުރު 580 މީހެއްގެ ރިކުއެސްޓް އޮތީ ލިސްޓުގައެވެ. މިއިން ކޮންމެ މީހަކީ ވެސް އުސޫލުތަކަށް ތަބާ ނުވާނަމަ ރަށަށް އޮތް ނުރައްކަލެކެވެ.

މި ހާލަތަށް ބަލާއިރު ރަށްރަށުގައި މިދޭ ހޯމް ކަރަންޓީން އެއްކޮށް ހުއްޓައިލުމަކީ ގިނަ ބަޔަކު އެދޭ ކަމެކެވެ. އެހެން ނުވެއްޖެ ނަމަ ރަށްރަށުގައި ކޮވިޑް ކޮންޓްރޯލު ކުރުން ފަސޭހަ ނުވާނެ ކަމަށް އެމީހުން ބުނެ އެވެ. އަދި ރާއްޖޭގެ ދަތުރުފަތުރު ހުރި ގޮތުން ގިނަ ބަޔަކު އެކީގައި އެއް ބޯޓު ފަހަރުގައި ދަތުރުކުރުމުގެ ސަބަބުން އަބަދުވެސް މި ބަލި އެއް ތަނުން އަނެއް ތަނަށް އުފުލުމުގެ ފުރުސަތު ރަށު ކަރަންޓީނު ހުޅުވިފައި އޮންނަހާ ދުވަހަކު ހުޅުވިފައި އޮންނާނެ އެވެ. އެހެން ކަމުން މިއީ މީހުން ދިރިއުޅޭ ރަށްރަށުގައި ހޯމް ކަރަންޓީނުކުރުން ހުއްޓައިލުމުގެ ވަގުތު ނޫން ބާވައެވެ؟