Close
ރިޕޯޓް

ނަތީޖާއެއް ނުނެރެވި މަރުކޮމިޝަނާ މެދު ރައްޔިތުންގެ އިތުބާރު ގެއްލެނީ، ކޮމިޝަން ހިމޭނުން!

އަލީ އަފާފު ރަމީޒު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕެއިންގައި އެންމެ ހަރުއަޑުން ގޮވަމުންދިޔަ އެއް ވާހަކައަކީ މަރާލާފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް އިންސާފުވެރިކަމާއެކު ބަލައި އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. އަދި އެމައްސަލަތަކުގެ އެންމެ ފުނަށް ވާސިލްވާނެ ކަމަށެވެ. ރައްޔިތުންގެ ކަންބޮޑުވުން އޮތް އެންމެ ބޮޑެތި މައްސަލަތައް ތަހުގީގުކޮށްދޭނެ ކަމުގެ އުންމީދު ދެއްވައި ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ވަނީ މަރުތަކާ ބެހޭ ކޮމިޝަން އުފައްދަވައިފައެވެ.

މަރު ކޮމިޝަން އުފައްދަވައި، އެ ކޮމިޝަންގެ މަސައްކަތަށް ހުރަސް އެޅެންހުރި ހުރިހާ ދޮރެއް ބަންދުކުރެއްވިއެވެ. އެގޮތުން ކޮމިޝަނަށް އެތައް ބާރުތަކެއް ދެއްވައި ކޮމިޝަންގެ ތަހުގީގުތަކަށް "ތަޅުދަނޑި" ހަވާލުކުރައްވައިފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.

ބާރުތައް ލިބި ތަހުގީގުތައް ވަރަށް ހަލުވި ކަމާއެކު ފެށިއެވެ. އެގޮތުން ކޮމިޝަނުން ވަނީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލި މައްސަލަ އާއި ޔާމީން ރަޝީދު މަރާލި މައްސަލައިގެ އިތުރުން އަހުމަދު ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލުނު މައްސަލައިގެ ތަހުގީގުތައް ނިންމައި އެކަމާ ގުޅޭ ހާއްސަ ރިޕޯޓެއް ތައްޔާރުކޮށްފައެވެ. މިވެނި އެވެނި ބަޔަކީ ގާތިލުންނާއި އެހީތެރިންނާއި ފާރަވެރިން ކަމަށް، ކޮމިޝަނަށް މިހާރު އޮތީ ޔަގީން ވެފައެވެ. މަގުސަދާއި އަޑީގައި ތިބި މީހުންގެ ނަންތައް ވެސް ކޮމިޝަނަށް އޮތީ ޔަގީންވެފައެވެ.

އެގޮތުން ރިލްވާނާއި އަފްރާޝީމާއި ޔާމީން މަރާލަން ރާވައި އެކަން ކުރުވި މޭސްތިރިން ކަމަށް ތުހުމަތުކުރެވޭ ހަރުކަށި ފިކުރުގެ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދަށް ދައުވާ ކުރަން ފޮނުވިއެވެ. ނަމަވެސް ތަހުގީގު ފުރިހަމަ ނުވުމުގެ ސަބަބުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަތައް އަނބުރާ ފޮނުވާލީއެވެ. އޭގެ ފަހުން އެކަމަށްވެސް ވީނުވީއެއް ނޭނގުނެވެ.

މައްސަލަތަކުގެ އެންމެ ފުނަށް ދެވި ޝާމިލްވާ ގިނަ ބަޔަކު މިވަނީ ހޯދިފައެވެ. ނަމަވެސް ދައުވާ ކުރެވިގެންދާތަން ނުފެންނާތީ ރައްޔިތުން ކަންބޮޑު ވެއެވެ. ކޮމިޝަނަށް ދެ އަހަރުވާން ކައިރިވިއިރުވެސް ކޮމިޝަންގެ މައްސަލަތައް މި ފެންނަނީ ކޮޅެއްގައި ނުޖެހިގެން އުޅޭ މަންޒަރެވެ. އެއްވެސް މީހަކަށް ފިޔަވަޅެއް އެޅިފައެއް ނުވެއެވެ. ދައުވާއެއް ކުރެވުނު މީހަކު ނެތެވެ. ތަހުގީގު އޮތީ ކިހާ ހިސާބެއްގައި ކަމެއް ނޭނގެއެވެ. ފެންނަނީ "ބްލޭމް ގޭމް" ޖައްސާތަނެވެ. ލަސްވެ އިތުބާރު ގެއްލި ކޮމިޝަނުގެ އަގު ވެއްޓެނީ އެވެ.

މަރުކޮމިޝަންގެ ތަހުގީގުތައް ލަސްވަނީ ކީއްވެ؟

މައްސަލަތަކުގެ ތަހުގީގު ލަސްވާ މައްސަލައަކީ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. މި ކަމުގައި މި ފެންނަނީ ދެކަފިވެފައިވާ ހިޔާލުތަކެކެވެ. އެގޮތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވާ ގޮތުގައި ކޮމިޝަންގެ މަސައްކަތްތައް ލަސްވަނީ ފުލުހުންގެ ސަބަބުންނެވެ.

"އަޅުގަނޑު ހިތާމައާ އެކީގައި ދަންނަވާލަން ޖެހޭނީ މި ދައުވާތައް ކުރެވިފައި ނެތީ ފުލުސް އޮފީހުގެ އިހުމާލުން. އަޅުގަނޑަށް ވަރަށް އުނދަގޫ ވަރިހަމަކޮށްގެން އިންނަން. އަޅުގަނޑު އަނެއްކާ ވެސް އެދެނީ މަރުތަކުގެ މައްސަލަތައް ނިންމާ ދެއްވާށޭ." މަޖިލިސް ރައީސް ނަޝީދު މީގެ ކުރިން ބޭއްވި މަޖިލިސް ޖަލްސާއެއްގައި ވިދާޅުވެފައި ވެއެވެ.

އެކަމަކު މި މައްސަލަތައް ލަސްވަނީ ފުލުހުންގެ ސަބަބުން އެކަންޏެއް ނޫނެވެ. މަޖިލިސް ރައީސް ވަނީ މަރު ކޮމިޝަނަށްވެސް ތުހުމަތުތަކެއް ކުރައްވައިފައެވެ. އެގޮތުން އެކޮމިޝަނަށް މައްސަލަތައް ރަނގަޅަށް ނުބެލޭ ކަމަށް ވިދާޅުވެފައި ވެއެވެ. މައްސަލަތައް ބެލޭނެ މަގު ބަންދުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވަނީ މައްސަލަތައް ލަސް ވަނީ ފުލުހުންގެ ސަބަބުން ނޫން ކަމަށް ވިދާޅުވެފައެވެ.

މަޖިލިސް ރައީސް ވަނީ މި މައްސަލައިގައި އިތުރު އެހެން ކަމެއްވެސް ފާހަގަ ކުރައްވައިފައެވެ. އެއީ މައްސަލައިގައި ޝާމިލްވާ ގިނަ މީހުން މިހާރު ރާއްޖޭގައި ނޫޅޭ ކަމެވެ. އެފަރާތްތައް ރާއްޖޭގައި ނެތުމުން މައްސަލަތަކުގައި ދައުވާ ނުކުރެވި ވާ ކަމަށެވެ. ބައެއް މައްސަލަތަކުގައި ހެކިބަސް ދޭން ހެކިވެރިން ޖެހިލުން ވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވެފަވެއެވެ.

އެހެން ކަމުން އަސްލު މައްސަލައަކީ ކޮބައި ހެއްޔެވެ؟ ކޮމިޝަން ހެއްޔެވެ؟ ނޫނީ އެހެން އިދާރާތައް ހެއްޔެވެ؟ ނުވަތަ އެހެނިހެން ކަންކަން ހެއްޔެވެ؟ ލަސްވާން ޖެހޭ ސަބަބެއް އޮންނަން ވާނެ ނޫންހެއްޔެވެ؟ އެމައްސަލަތަކަށް އިންސާފު ނުލިބި ލަސްވާތީ ކަންބޮޑުވާ އެތައް އާއިލާއެއް އެބަތިއްބެވެ. އެތައް ރައްޔިތުންނެއް އެބަތިއްބެވެ. މި ސުވާލަށް މިހާތަނަށްވެސް ކޮމިޝަނުން ޖަވާބެއް ދެވޭ ވަރެއް ނުވެއެވެ.

ލަސްވެ، ކޮމިޝަނާއި ސަރުކާރަށް ފާޑުކިޔުން

މި މައްސަލަތައް ލަސްވެ މިކަން ސީޔާސީ ކަމަކަށް ވެފައިވާ ކަަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ. ހާއްސަކޮށް މި މައްސަލަތަކުގައި ޝާމިލްވާ އާއިލާތަކުގެ ނުރުހުން ސަރުކާރަށް އަންނަނީ އަމާޒުވަމުންނެވެ.

ރިލްވާން ގެއްލުނުތާ ހަ އަހަރު ފުރުނު ދުވަހު ރިލްވާންގެ ދައްތަ ޝެހެނާޒް އަދުނާން ބުނީ މިދިޔަ ހަ އަހަރު ވެސް އިންސާފު ހޯދުމަށް އުޅެން ޖެހުނީ ވަރަށް ހާލުގައި ކަމަށާއި މަގުމަތިންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ ދޮރުގައި ޓަކި ޖަހައި އާދޭސްކުރަން ޖެހުނު ކަމަށެވެ. ޝެހެނާޒް ބުނިގޮތުގައި މި ސަރުކާރާއެކު ކޮންމެވެސް ވަރެއްގެ އުންމީދެއް ލިބުނަސް ރިލްވާނަށް އިންސާފު ހޯދައި ދިނުމުގައި މިއަދާ ހަމައަށް އެއްވެސް ނަތީޖާއެއް ނެރެދެވިފައި ނެތުމަކީ ވަރަށް ބޮޑު ހިތާމަ އެކެވެ.

ޝެހެނާޒް ވަނީ މުއައްސަސާތައް ފެއިލްވެފައިވާ ކަމަށްވެސް ބުނެފައެވެ. އެގޮތުން އިންސާފު ނުލިބި ލަސްވަނީ ހާއްސަކޮށް ފުލުހުންގެ މުއައްސަސާ ފެއިލް ވެފައިވާތީ ކަމަށް ބުނެފައެވެ. އަދި މިހާރުވެސް ފުލުހުންގެ މުއައްސަސާގައި ތިބި މީހުންނަށް އާއިލާއިން އިތުބާރު ނުކުރާ ކަމަށް ޝެހެނާޒް ބުންޏެވެ.

މި މައްސަލަތައް ބެލުން ލަސްވެ ކުރީގެ އެޓާނީ ޖެނެރަލް ފާތިމަތު ދިޔާނާ ސައީދުވެސް ވަނީ ހޫނު ރައްދެއް ދެއްވައިފައެވެ. އޭނާ ވިދާޅުވީ އެދިވަޑައިގެންނެވި ހުރިހާ ބާރެއް ރައްޔިތުން އަރުވާފައިވާއިރު އިންސާފު ހޯދައިދިނުމުގައި ލަސްވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ފައިންޑް މޮޔަމީހާ އަކީ ހޭޝްޓެގެއް ނޫން. އެއީ ދައުލަތުގެ މައްޗަށް އޮތް އިލްތިޒާމެއް. އިންސާފު ކަށަވަރުކޮށްދެއްވާ!" ދިޔާނާގެ ޓުވީޓުގައި އެދިވަޑައިގެންފައިވެ އެވެ.

ދިޔާނާގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ މި ކަން ސިޔާސީ ކަމަކަށް ސަރުކާރުން ހަދާފައިވާ ކަމަށްވެސް ވިދާޅުވެފައެވެ. ރިލްވާން ގެއްލުނުއިރު މިނިސްޓަރު ކަމުގައި ހުންނެވި އުމަރު ވިދާޅުވީ ރިލްވާންގެ މައްސަލާގައި އޭއިރު ވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެމަރުތައް ސިޔާސީ ހަތިޔާރަކަށް ހަދައިފައިވާ ކަމަށެވެ.

އާއިލާ އާއި އެހެން ފަރާތްތަކުގެ ކަންބޮޑުވުމާއި ނުރުހުން ސަރުކާރަށް އަމާޒުވާ މިންވަރު އިންތިހާއަށް ބޮޑުވެފައިވާއިރު، ކޮމިޝަން އޮތީ ހިމޭނުންނެވެ. މައްސަލަތައް މިހާރު ގޮސްފައިވާ ހިސާބު ސާފު ކޮށްދޭން މަސައްކަތް ކުރާތަނެއްވެސް ނުފެނެއެވެ. ފެންނަނީ މަޑު ދުވެއްޔެއްގައި އަދިވެސް ލަސްކަމެއްގެ ތެރޭގައި މަރު ކޮމިޝަން އޮތް ތަނެވެ. ރައްޔިތުންގެ އޮތް އެންމެ ބޮޑު އެއް ސުވާލަކީ މަރު ކޮމިޝަން އޮވެގެން އިންސާފަށް ވާސިލް ވެވޭނެ ހެއްޔެވެ؟

މަރު ކޮމިޝަން އުވާލަން ޖެހޭ؟

މަރު ކޮމިޝަނަށް އެދެވޭ ގޮތުގައި މަސައްކަތް ނުކުރެވި އިންސާފު ނުލިބި ލަސްވަމުންދާތީ ކޮމިޝަން އުވާލަން ޖެހޭ ކަމުގެ އަޑުތައްވެސް އޮތީ ގަދަވެފައެވެ. އެންމެ ބޮޑަށް އެވާހައިގެ އަޑު އިވެނީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އިސްވެރިންގެ ދުލުންނެވެ.

އެގޮތުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަރު ކޮމިޝަން އުފައްދަވާފައިވަނީ މަރުތަކަށް އިންސާފު ދިނުމަށް ކަމަށާއި އެހެން ނަމަވެސް ކޮމިޝަންތަކުގެ ގާނޫނެއް މަޖިލީހުން ވުޖޫދުކޮށް ކޮމިޝަނަށް ވެސް ގާނޫނުން ހަވާލު ކުރި މަސްއޫލިއްޔަތުތައް އަދާ ކުރެވޭ ކަމަށް ގަބޫލުފުޅު ކުރައްވަން ދަތި ކަމަށް ވިދާޅުވިއެވެ. ކޮމިޝަންތައް ނުވަތަ ގާނޫނު އުވާލަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.

މަޖިލިސް ރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މިކާއީލް ނަސީމުވެސް ވަނީ މަރު ކޮމިޝަން އުވާލުމަށް ގޮވާލައްވައިފައެވެ. އަދި ކޮމިޝަން އޮތުމުގެ ބޭނުމެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

"ޓެކްސް ފައިސާއިން ބޮޑު މުސާރަ ދީގެން ފައިސާ ހަރަދު ކޮށްގެން ދެއަހަރެއްހާ ދުވަސް ވީ އިރުވެސް ނަތީޖާ ނުނެރެވޭ ނަމަ ކޮމިޝަންގެ ބޭނުމެއް ނެތް،" މީކާއިލް ވިދާޅުވެފައި ވެއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ މަރުކޮމިޝަން އުވާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މަރުކޮމިޝަނަކީ ފެއިލްވެފައިވާ ތަނެއް ކަމަށާއި އެތަނުން ކުރެވުނީ އެންމެ ކަމެއް ކަމަށެވެ. ދެން އެހެންކަމެއް އެތަނަކުން ނުކުރާނެ ކަމަށެވެ.

ބައެއް ރައްޔިތުންގެ ހިޔާލުވެސް މިކަމުގައި ހުރީ އެއް ގޮތަކަށެވެ. އެގޮތުން ދައުލަތުން ބޮޑު ހަރަދެއް ކޮށްގެން ކޮމިޝަނެއް އުފައްދައި ބާރުތައް ދިނުމުންވެސް ނަތީޖާ ނުނެރެވޭ ކަމީ އެކޮމިޝަން ފެއިލްވެފައިވާކަމުގެ ހެކި ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ. އަދި ކޮމިޝަން އުވާލަން ޖެހޭ ކަމަށްވެސް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.

"ކޮމިޝަނެއް އުފައްދައި ދެ އަހަރު ވަނީ، އަދިވެސް ކޮޅެއްގައި ނުޖެހޭ، ދައުލަތުން މިހާ ބޮޑު ހަރަދެއް ކޮށްގެން ކޮމިޝަން އުފައްދާފަ ބޭއްވުމުގެ ބޭނުމެއް ނެތް، މިހާރުން މިހާރަށް އުވާލަން ޖެހޭ،" އާންމު މީހަކު ސޯޝަލް މީޑިއާގައި ބުނެފައި ވެއެވެ.

އަދިވެސް އުންމީދު އެބައޮތް؟

މައްސަލަތައް ބެލުމުގައި މަރު ކޮމިޝަން ލަސްވި ނަމަވެސް ކޮމިޝަނަށް އަދިވެސް ކުރާ އުންމީދު ބޮޑީ ރައީސަށް ކުރާ އިތުބާރުގެ ބޮޑުކަމުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަދިވެސް ކޮމިޝަނަށް އިތުބާރު އޮތް ކަމަށް ގަބޫލު ކުރާ ރައްޔިތުން މަދެއް ނޫނެވެ.

ރިލްވާންގެ ދައްތަ ޝެހެނާޒް ބުނީ މި ސަރުކާރަށް އަދިވެސް އުންމީދު އެބައޮތް ކަމަށެވެ. އޮތް ހަމައެކަނި އޮތް އުންމިދަކީވެސް ރައީސް ސޯލިހު އުފައްދަވާފައިވާ މަރު ކޮމިޝަން ކަމަށެވެ. އެކޮމިޝަނުން އިންސާފު ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އިތުބާރު އޮތީ ކޮމިޝަނަށް ވުރެ ބޮޑަށް ރައީސަށް، އަދިވެސް އުންމީދު އެބައޮތް ރައީސް މިކަން ދޫނުދީ ބައްްލަވާނެ ކަމަށް، ރައީސަށް ކުރާ އިތުބާރު ބޮޑު، އިންސާފު ހޯދައިދޭނެ ކަމުގެ އުންމީދު އެބަ އޮތް، އެ އުންމީދު އޮތަތީ ރައީސް އަށް ވޯޓްދީފައި ގިނަ ރައްޔިތުން ހޮއްވެވީވެސް،" ޒުވާނަކު ބުންޏެވެ.

ރިލްވާން ގެއްލުނުތާ ހަ އަހަރުވީ ދުވަހު ރައީސް ވަނީ އަނެއްކާވެސް އުންމީދު އާކޮށްދެއްވައިފައެވެ. ރައީސް އަތްޕުޅުން ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވެފައިވަނީ ރިލްވާންގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ އާއިލާއަށް ލިބޭ އިތުރު ހިތްދަތި ކަމެއް ކަމަށެވެ. އަދި އާއިލާގެ އެދުމާއި އެއްގޮތަށް، މައްސަލަ ތަހުގީގުކުރާ ޓީމުގައި އިތުބާރު ކުރެވޭ ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރެއް ހިމެނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ކޮމިޝަނުންވެސް ވަނީ އަންނަ މަހުގެ ތެރޭގައި ބޭރުގެ އިންވެސްޓިގޭޓަރެއް ގެންނަން މަސައްކަތް ކުރާ ކަމަށް ބުނެފައެވެ. ރިލްވާންގެ އާއިލާ އާއި ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ އެހެނިހެން މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށް އެ ކޮމިޝަނުން ފަށާފައިވާ ބުރަ މަސައްކަތް، އެއް އަޒުމެއްގައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް ކޮމިޝަނުން ވަނީ ދީފައެވެ.

ކޮމިޝަނަށް ދެ އަހަރުވާން ކައިރިވެފައިވާއިރު، ރައްޔިތުން އުންމީދު ކުރި ހިސާބަށް ކޮމިޝަނަށް ވާސިލް ނުވެވި ރައްޔިތުންގެ އިތުބާރު ކޮމިޝަނަށް މިވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ. އެހެން ކަމުން ކޮމިޝަނަށް ރައްޔިތުން ކުރަމުން އައި އިތުބާރު އަލުން ހޯދަން ޖެހެއެވެ. ދައުލަތުން މަރު ކޮމިޝަނަށް ކުރަމުން އަންނަ ހަރަދުތަކަކީ އެކޮމިޝަނަށް ހައްގު ހަރަދުތަކެއް ކަން ދައްކުވައިދީ ކޮމިޝަން އޮތުމުގެ މުހިންމުކަން ރައްޔިތުންނަށް ސާބިތުކޮށްދޭން ޖެހެއެވެ. ކޮމިޝަންގެ ދުވެލި ހަލުވިކޮށް މައްސަލަތަކަށް އިންސާފު ލިބޭނެކަމުގެ ޔަގީންކަމާއި އިތުބާރު ކޮމިޝަނުން އުފައްދައިދޭން ޖެހެއެވެ. އެހެން ނޫންނަމަ އިތުބާރު އެއްކޮށް ގެއްލި ރައްޔިތުންގެ އުންމީދު ފުނޑުފުނޑުވެގެން ހިނގައިދާނެއެވެ.