ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކުރިމިނަލް ކޯޓުން ބާތިލުކުރި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުމެއް މާދަމާ ހައިކޯޓުގައި ބާއްވަން ތާވަލު ކޮށްފި އެވެ.

ހައިކޯޓުން ބުނީ، އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:15 ގައި ކަމަށެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލްކުރީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

އެ ދައުވާތައް ކޯޓުން ބޭރުކޮށްލީ، ކުށަށް އިއުތިރާފު ވެ ދައުލަތާއެކު އަދީބު ވީ އެއްބަސްވުމަކީ ގާނޫނު އަސާސީއާއި ހިލާފު އެއްބަސްވުމެއް ކަމަށް ކޯޓުން ނިންމުމަށްފަހުގައެވެ.

ނަމަވެސް އެ ނިންމުން ބަލައިނުގަނެ ޕީޖީ އޮފީހުން ބުނީ އެ މައްސަލަ ޖުލައި 15 ވަނަ ދުވަހު ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އެ މައްސަލަ ހައިކޯޓަށް ބަލައިގަތީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

އަދީބުގެ މައްސަލަތައް ބާތިލުކުރަން ކަނޑައެޅި ސަބަބެއް ކަމަށް އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ، އެ ދައުވާތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މުއްދަތުގައި ހުށަހަޅާފައިނުވާ ދައުވާތަކަކަށްވުމާއި މައްސަލާގައި ގޯސްކޮށް އަދީބާއެކު އިއުތިރާފު އެއްބަސްވުމެއް ހަދާފައިވުމެވެ. ނަމަވެސް އެ ނިންމުންތައް ނިންމެވީ އިބްތިދާއީ މަރުހަލާގަ އެވެ. އަދި އޭރު ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ލިޔުންތައް ވެސް ހުށަހަޅާފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން ޕީޖީ ޝަމީމުގެ ގިނަ ފާޑުކިޔުންތަކެއް ގާޒީއަށް އަމާޒުވި އެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ އެ ނިންމުމާމެދު ހިތްހަމަ ނުޖެހޭކަން ފާހަގަކުރައްވާ ޕީޖީ ވިދާޅުވީ، މި މައްސަލަ ނިންމާފައިވަނީ އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދަށް ފެނިވަޑައިގެންނެވި ކަންތައްތަކެއްގެ މައްޗަށްކަން ފާހަގަކުރައްވައިގެން ކަމަށެވެ. އެގޮތުން ފަނޑިޔާރަކަށް އެނގޭ މައުލޫމާތުތަކެއްގެ މައްޗަށް ހުކުމް ކުރަން ވެއްޖެނަމަ ފުލުހުން އަދި ޕީޖީގެ ބޭނުމެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

ޝަމީމު ވިދާޅުވީ، ފަނޑިޔާރު ރިއާޔަތް ކުރަންވާނީ ކޯޓަށް ހުށަހެޅޭ ލިޔުންތަކަށާއި ދެ ފަރާތުން ދައްކާ ވާހަކަަތަކެއްގެ މައްޗަށް ކަމަށް ގާނޫނުގައި ބުނެފައި އޮތް ނަމަވެސް މި މައްސަލައިގައި އަދީބުގެ ފަރާތުން ޝަރީއަތުގެ އަޑުއެހުމުގައި އެއްބަސްވުންތަކާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައި ނުވާއިރު އަދި އޭނާ ފުރަތަމަ ހައްޔަރުކުރި ދުވަހުގެ އެއްވެސް ލިޔުމެއް ދައުލަތުން ކޯޓަކަށް ހުށަހަޅާފައި ނުވާއިރު ވެސް އަލީ ރަޝީދު ކުރެއްވި ހުކުމުގައި ހައްޔަރުކުރި ދުވަހާއި ސަބަބާއި ތުހުމަތު ކުރެވުނު ދުވަހާ ހިމަނާފައިވާ ކަމަށެވެ.

އޭގެ އިތުރުން ދައުލަތާއި އަދީބާ ދެމެދު އެއްބަސްވުމެއް ހަދާފައިވަނީ އަދީބަށް މަޖުބޫރުކޮށް ޓޯޗާ ކޮށްގެން ކަމަށް ފަނޑިޔާރު ކަނޑައަޅުއްވާފައިވާތީ، އެއީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށާއި އެކަން ގާޒީ ވެސް ގަބޫލުކުރައްވާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.