ސޯސަން މަގުގައި މިދިޔަ އާދިއްތަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ދެ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެ، އޭޑީކޭ ފަރުވާ ދެމުންދިޔަ ދިވެހި އަންހެން މީހާ މަރުވެއްޖެ އެވެ.

އިތުބާރު ހިފޭ މަސްދަރަކުން "ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި އެ އަންހެން މީހާ މަރުވެފައިވަނީ އެކްސިޑެންޓުގައި އޭނާގެ ބޮލަށް ލިބުނު އަނިޔާތަކަށް އޭޑީކޭގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް މިއަދު 17:26 އެހާކަންހާއިރެވެ.

އެނގިފައިވާ ގޮތުގައި، މަރުވެފައިވަނީ އައިޝަތު މާހިދާ 26އ އެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ އިމިގްރޭޝަންގައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގީ އާދިއްތަ ދުވަހުގެ ރޭ 1:50 ހާއިރު ސޯސަން މަގު ސިޓީ ބޭކަރީ ކުރިމަތިން ވޭވް 125 ބްރޭންޑުގެ ކަޅު ކުލައިގެ ސައިކަލަކާއި އެކްޒައިޓާ 150 ބްރޭންޑުގެ ސައިކަލެއް ޖެހިގެންނެވެ. އެ ތަނުން ވޭވް ސައިކަލުގައި ތިބީ އަންހެނަކާއި ފިރިހެނެކެވެ. އަނެއް ސައިކަލު ދުއްވަން އިނީ ފިރިހެނެކެވެ.

"އެކްސިޑެންޓުވި ވަގުތު ސައިކަލުގެ ފަހަތުގައި އިން އަންހެން މީހާ ދިޔައީ ވިއްސައިގެން. ބޯ ފަޅައިގެން ގޮސް ވަރަށް ގިނަ ލޭ ފައިބައިފައި ހުރި." މަންޒަރު ދުށް މީހަކު "ވަން" އަށް ބުނެފައިވެއެވެ.

"ވަން"ގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރުވެސް މަގުމަތީގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. އަދި އެކްސިޑެންޓުވި ދެ ސައިކަލަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އަންހެން މީހާއަށް ފަރުވާ ދިނުމަށް ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. އޭނާއަށް ސީރިއަސް އަނިޔާތަކެއްވެފައިވާކަންވެސް އެނގިފައިވެއެވެ.

"އެކި ވަރުގެ އަނިޔާތައް އެބަހުރި. މިހާރު އައިސީޔޫއަށް ގެންދަނީ. ހާލު ކްރިޓިކަލް" މައުލޫމާތު އެނގޭ ފަރާތަކުން "ވަން" އަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެކްސިޑެންޓުވި ދެ ފިރިހެނުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔައިރު އެ ދެ މީހުންގެ މޫނުގެ ކަށިގަނޑު އެކި ތަންތަނުން ބިންދައިގެން ގޮސްފައިވާ ކަމަށް "ވަން" އަށް އެނގިފައިވެއެވެ.

"އިންޓާނަލީ ބްލީޑިން އެބަހުރި ދެ މީހުންގެވެސް" މައުލޫމާތު އެނގޭ ފަރާތަކުން "ވަން" އަށް ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި އޭޑީކޭ ހޮސްޕިޓަލުގައި ވަނީ އޭނާގެ ބޮލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. ނަމަވެސް އެދެވޭ ކުރިއެރުމެއް ނުލިބި އޭނާގެ ސިކުނޑި ވަނީ މަރުވެފައެވެ. އޭނާ މަރުވެފައިވަނީ ސިކުނޑިއަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުންނެވެ.

21 ސެޕްޓެމްބަރު 2026، ‎ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް —— ވަންފޮޓޯ: އަލީ ޔާމީން

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ދިޔަމިގިލި، އައްސޭރި، މާހު ހަސަން (21) އެވެ. އޭނާއަށް ތުހުމަތުކުރަނީ އެއްގަމު އުޅަނދެއް އެކްސިޑެންޓެއްވުމުގެ ތުހުމަތެވެ.

މިދިޔަ ބުދަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭނެ އެކަށިގެންވާނެ ހެކި ވަނީ ލިބިފައެވެ. އެގޮތުން ސީސީޓީވީ ފޫޓޭޖުގެ ސްނެޕް ޝޮޓް ފޮޓޯ ރިޕޯޓު، ހާދިސާ ރިޕޯޓު އަދި ޓްރެފިކް ވައިލޭޝަން ރެކޯޑް ހިމެނޭކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، އޭނާ ބަންދުން ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ބަންދުގައި ބަހައްޓަންޖެހޭކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށްކަމަށް ކޯޓުންވަނީ ކަނޑައަޅައިފައެވެ. ކޯޓުގައި އޭނާ ވަނީ ވަކީލަކު އެހީ ބޭނުންވާކަމަށް އެދިފައެވެ. ވަކީލަކު ނެތުމުން ޝަރީއަތުގައި އޭނާ ދައްކާ ވާހަކަތަކަކީ އޭނާއަށް ދެކޮޅަށް ބޭނުން ކުރެވިދާނެ ވާހަކަތަކެއްކަމާއި، ހަނު ހުރުމުގެ ފުރުސަތު އޮތްކަން ޝަރީއަތުން ހަނދާންކޮށްދީފައިވާނެކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

އެކްސިޑެންޓުގައި އަނިޔާވެފައިވާތީ ބަންދަށް ލުޔެއް ދިނުމަށް އޭނާ އެދިފައިވާކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލަ ތަހުގީގުކުރާ އިންވެސްޓިގޭޝަން އޮފިސަރު ބުނެފައިވަނީ، މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ފަރާތަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތެއް ނޫން ކަމަށެވެ. އޭނާ ބާރު ސްޕީޑުގައި، ޒިގްޒެގްކޮށް ނުރައްކާތެރިކަމާއެކު ދުއްވުމުގެ ސަބަބުން އިތުރު ސައިކަލެއްގައި ޖެހި އެކްސިޑެންޓުވެ ސައިކަލުގައި ތިބި ދެފަރާތުގެ ސިކުޑިއަށް ގެއްލުންވެ، ހާލަތު ވަރަށް ނާޒުކުކަމަށް އިންވެސްޓިގޭޝަން އޮފިސަރު ބުނެފައިވެއެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން މިއަހަރުގެ ތެރޭގައި ހަތަރު ފަހަރެއްގެ މަތިން ފުލުހުން ވަނީ އޭނާ ހުއްޓުވައި ޖޫރިމަނާކޮށްފައިކަމަށް އިންވެސްޓިގޭޝަން އޮފިސަރު ބުނެފައިވެއެވެ.