އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް 59.7 މިލިޔަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ބަޖެޓް ހުށަހެޅުމަށްޓަކައި މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ބަޖެޓް ހުށަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވީ 2027 ވަނަ އަހރުގެ ބަޖެޓްގެ އެންމެހާ އަސާސްތައް ބައްޓަން ކޮށްފައި ވަނީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކަށައަޅުއްވާފައިވާ ތަސައްވުރު ހާސިލް ކުރެވޭނެފަދަ ގޮތަކަށް ކަމަށެވެެ.
މިއީ މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓާ އަޅައި ބަލާއިރު 4.5 ބިލިޔަން ރުފިޔާގެ ދަށް އަދަދެކެވެ.
މިއަހަރަށް ފާސްކުރީ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
އަންނަ އަހަރަށް ލަފާކޮށް މިިނިސްޓަރު ހުށަހެޅުއްވި ބަޖެޓްގައި، ޖުމްލަ ހަރަދުގެ ގޮތުގައި ދައުލަތުން ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 52.6 ބިލިޔަން ރުފިޔާއެވެ. މީގެ ތެރެއިން 42.7 ބިލިޔަން ރުފިޔާ ހިމެނެނީ ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް ހަރަދުގެ ގޮތުގައެވެ.
ދައުލަތުގެ ތަރައްގީގެ މަޝްރޫއުތަކަށް ހިމެނޭ ކެޕިޓަލް ހަރަދުގެ ގޮތުގައި ހިމަނާފައިވަނީ 9.9 ބިލިޔަން ރުފިޔާއެވެ. އަދި ޕީއެސްއައިޕީއަށް 8.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ވަނީ ހިމަނައިފައެވެ.
އަންނަ އަހަރު އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި 43.2 ބިލިޔަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.
މިއީ މި ހިނގާ 2026 ވަނަ އަހަރާ އަޅައި ބަލާއިރު 1.4 ބިލިޔަން ރުފިޔާ އިތުރު އަދަދެކެވެ. އަދި މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުވަމުން ދާނެ ކަމަށް އަންދާޒާކުރެވޭ އިރު، 2028 ވަނަ އަހަރު، 46.6 ބިލިޔަން ރުފިޔާ އަދި 2029 ވަނަ އަހަރު، 49.7 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އިބްރާހިމް ޒަކީ
ދައުލަތުގެ ބަޖެޓު 2027
ދައުލަތުގެ ބަޖެޓު 2027
ކޮމެންޓް