ވެލާނާ އިންޓަނޭޝަން އެއާޕޯޓުން: މުހައްމަދު ސިމާއު

ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް މި އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު ބަންދުރުކުރުމަށް ފަހު، ބޯޑަރުތައް މިއަދު އަލުން ހުޅުވައިލުމާ އެކު ޖެއްސި ފުރަތަމަ ފުލައިޓުން 103 ފަތުރުވެރީން ރާއްޖެ އަށް އަތުވެއްޖެ އެވެ.

މިއަދު ހެނދުނު 8:26 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ޖައްސާފައިވަނީ ގަތަރު އެއާވޭސްގެ އޭ350 މަރުކާގެ ބޯޓެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެއާވޭސް އިން މިއަދު ކުރިން ބާއްވަން ހަމަޖެހިފައި އޮތީ އޭ320 މަރުކާގެ ބޯޓެކެވެ. ނަމަވެސް އެ ފްލައިޓުގެ ޖާގަ އޯވާބުކް ވުމުން ބޮޑު ފްލައިޓެއް ބޭއްވީ އެވެ.

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލުމަށް މިއަދު ވީއައިއޭގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

ޓޫރިޒަމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދުގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެން އެ ރަސްމިއްޔާތުގައި ގަތަރު އެއާވޭސްގެ ފްލައިޓަށް މަރުހަބާ ކިއުމުގެ ގޮތުން ވަނީ ވޯޓާ ސެލިއުޓެއް އަރުވައިފަ އެވެ.

އެމްއޭސީއެލް އާއި ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އެ ފްލައިޓުން ޖުމްލަ 128 މީހަކު ރާއްޖެ އައިސްފައި ވެއެވެ. އޭގެ ތެރެއިން 23 މީހުންނަކީ ދިވެހިންނެވެ. ދެން އައިސްފައިވަނީ ހުސް ޓޫރިސްޓުންނެވެ. އޭގެ ތެރޭގައި ގިނައީ ޔޫރަޕްގެ ގައުމުތަކުގެ މީހުންނެވެ.

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި އިރު، އެކަމަށްޓަކައި އެއާޕޯޓް ހިންގާ އެމްއޭސީއެލުން އޮތީ ވަރަށް ބޮޑަށް ތައްޔާރު ވެފައެވެ. އެގޮތުން އެއާޕޯޓު އޮތީ ކޮންމެ 20 މިނެޓަކުން ފްލައިޓް ޖެއްސޭ ވަރަށް ތައްޔާރުވެފަ އެވެ. ބޯޓު ޖައްސައި އަދި ފުރާ ކޮންމެ ފަހަރަކު އެއާޕޯޓް ޑިސްއިންފެކްޓް ކުރާނެ އެވެ.

އޭގެ އިތުރުން އިޖްތިމާއީ ގައިދުރުކޮށް ހިދުމަތް ދެވޭ ގޮތަށް މުޅި އެއާޕޯޓްގެ ނިޒާމު ބައްޓަން ކޮށްފައިވާއިރު ކުރިން އެއް ފަހަރާ 1000 މީހުންނަށް ހިދުމަތް ދެވޭ އިންޓަނޭޝަނަލް އެރައިވަލް ހޯލުގައި މިހާރު ހިދުމަތް ދެވޭނީ 557 މީހުންނަށެވެ. ކުރިން 1200 މީހުންނަށް ހިދުމަތް ދޭ އިންޓަނޭޝަނަލް ޑިޕާޗާ ހޯލުގައި މިއަދުން ފެށިގެން ހިދުމަތް ދޭނީ 750 މީހުންނަށެވެ.

ސަރުކާރުން ބުނެފައިވާ ގޮތުން ބޯޑަރު ހުޅުވާލާއިރު ރާއްޖެއަށް އަންނަން 11 އެއާލައިނަކުން ވަނީ ޖާގަ ނަގައިފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ ބޮޑެތި އެއާލައިންތައް ހިމެނެއެވެ.