ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރަން ކުރިމިނަލް ކޯޓުން އަމުރު ނެރުނީ، ރަނގަޅަށް ކަމަށް ހައިކޯޓުން ދެންމެ ހުކުމް ކޮށްފިއެވެ.
އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހުޅުމާލޭގައި ޝާހިދު ދިރިއުޅުއްވާ އެޕާޓްމަންޓުން މިމަހުގެ ދެވަނަ ދުވަހުގެ ރޭ އޭނާ ހައްޔަކުރީ، ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ޝާހިދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ ތިން ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އޭނާ 30 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
ޝާހިދުގެ ފަރާތުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހުއެވެ.
އެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް މިމަހު 17 ގައި ހައިކޯޓުގައި ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. ހަމަ އެދުވަހު މައްސަލައިގެ އަޑުއެހުންތައް ނިންމައިލިއެވެ.
އެ މައްސަލައިގެ ހުކުމް އިއްވުންވެސް މިއަދު ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެންނެވެ.
މިއަދުގެ އަޑުއެހުން ނިމުމުން، ހައިކޯޓުގެ މީޑިއާއިން މައުލޫމާތު ދިން ގޮތުގައި، މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމްގައިވަނީ، ޝާހިދު ހައްޔަރުކުރަން ކޮށްފައިވާ ކުރިމިނަލް ކޯޓުގެ އަމުރަށް ހައިކޯޓުން ތާއީދު ކުރާ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާކަން އިއުލާންކުރައްވާފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް ޝާހިދު ވަނީ ހައްޔަރުކުރުމުގެ ކުރިން އެކްސްގައި ޕޯސްޓެއް ވެސް ކުރައްވައިފައެވެ. އެ ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ، އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ކަމަށާއި އެފަދަ ސާބި ނުހިފޭ ވާހަކަ ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް