އިހުގައި ދިވެހީންގެ ތެރޭގައި އިހްތިރާމު ކުރުން އޮތް މިންވަރު މިސާލުތަކާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަފްސީލީ ގޮތެއްގައި ކިޔައިދެއްވައިފިއެވެ.
އިހްތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހުކުރުމަށް މާފަންނު ސްޓޭޑިއަމްގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އިހްތިރާމު އަދާކުރުމަކީ ވަރަށް ފުން މާނައެއް އެކުލެވޭ ކަމެއް ކަމަށާއި މިއީ ދިވެހިންގެ ތެރޭގައި ވަރަށް މަތިވެރިކޮށް އެއް ޒަމާނެއްގައި ފެނުނު ކަމެއް ކަމަށެވެ.
"ދިވެހީންގެ ތެރެއިން އެއް ޒަމާނެއްގައި މަތީ ދަރަޖައަކަށް ފެނުނު އިހްތިރާމު އަދާކުރުމުގެ މާތް ސިފައަކީ ދިވެހި އޮނޑިފަހަރުގެ ފަށަން އެހެން މުގޫތަކާ ގުޅިފައިވާ ފަދައިން ދިވެހީންގެ އެންމެހާ ކަންތައްތަކާ ގުޅިފައިވާ ދިވެހިވަންތަކަމުގެ ހާއްސަ މީޒާއެއް. ހާއްސަ ފާހަގައެއް. ދިވެއްސެއްކަމުގެ ސާފު ދަލީލެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދިވެހީންގެ ތެރޭގައި އިހުގައި ވަގުތަށް ކަމޭ ހިތުމަކީ ފެންނަ ވަރަށް މަތިވެރި ސިފައެއް ކަމަށެވެ. އެގޮތުން އެއީ ސަރުކާރުގެ މުވައްޒަފެއް ކަމުގައި ވިޔަސް، އާންމު ދިވެއްސެއް ކަމުގައި ވިޔަސް އަދި އޮފީހެއްގެ ވެރިއެއްކަމުގައި ވިޔަސް ވަގުތަށް ކަމޭ ހިތުމަކީ އޭރު ވަރަށް ބޮޑަށް އިސްކަން ދޭ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
"ރަށުގެ ރައްޔިތުންނަށް މަސައްކަތަކަށް ގޮވާލީމާ ގަޑިއަށް ރައްޔިތުން އޭރު ހާޒިރުވޭ. އޮފީސް މުވައްޒަފުންގެ ރެކޯޑްތައް ރީތި. ބައެއް ބޭފުޅުންގެ ރެކޯޑް ސަރުކާރުގައި ހުންނާނެ 50 އަހަރު ސަރުކާރަށް ހިދުމަތްކުރެއްވީއިރުވެސް ދުވަހަކުވެސް ގަޑި ޖެހިވަޑައިގެންފައިނުވާ ބޭފުޅުން. މަދަރުސީ ދަރިވަރުންގެ ތެރޭގައިވެސް މިފަދަ ކުދީން ތިބި" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އިހުގައި ދިވެހީންނަކީ އަވަށްޓެރިންނަށް ކަމޭ ހިތާ ހިތްހެޔޮ ބައެއް ކަމަށެވެ. އެގޮތުން، ބޭރުގެ ބައެއް ދަތުރުވެރިންގެ ބަސްތަކުން މިސާލު ނަންގަވައި ރައީސް ވަނީ، އޭރު، ގެއަކުން "އުނދުޅި ކާއްތާލާ އަޑު އިވުނަސް އެ ގެއަކަށް ކާ އެއްޗެހި ގެންގޮސްދޭ" ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިއަދު ފެށި އިހްތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއަކީ ފިކުރީ ގޮތެއްގައި ރާއްޖެއަށް ތަރައްގީ ގެނެސްދިނުމަށް ފެށި މަޝްރޫއެއް ކަމަށެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް