ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ މައްސަލަތަލުގައި، ކުށަށް އިއުތިރާފު ވުމުގެ އެއްބަސްވުމެއްގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހާ އެކު ސޮއިކުރީ ބޭސްކުރުމަށް، ރާއްޖޭން ބޭރަށް ފޮނުވަން އެއްބަސްވުމުން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އަދީބު މިހެން ވިދާޅުވީ، ހިޔާނާތާ ގުޅުން ހުރި މައްސަލަތަކެއްގައި އޭނާގެ މައްޗަށް ކޮށްފައިވާ ހަތް ދައުވާއެއްގެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.

އަދީބުގެ މައްޗަށް ކުރާ ހަތް ދައުވާގެ ތެރޭގައި ހިމެނެނީ، މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި، ދައުލަތާއެކު ހަދާފައިވާ އެ އެއްބަސްވުމާ ބެހޭގޮތުން ގާޒީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން، ދައުލަތުގެ ވަކީލު ވިދާޅުވީ، އެއްބަސްވުން ހެދީ އަދީބު ބޭނުން ވެގެން ކަމަށެވެ.

ނަމަވެސް އަދީބު ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރަން އެދިވަޑައިގަތީ އޭރު ހުންނެވި ޕީޖީ އައިޝަތު ބިޝާމާއި ފުލުހުންގެ ބައެއް އޮފިސަރުން އޭނާއާ ބައްދަލު ކުރުމަށް ފަހުގައި ކަމަށެވެ. އަދި އެ އެއްބަސްވުމުގައި ސޮއިކުރީ ޖަލުގައި ހުއްޓާ ކުރިމަތި ވި ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ކަމަށާއި، ބޭރަށް ފުރުނީ އެ އެއްބަސްވުމުގައި ސޮއިކޮށް އިއުތިރާފުގެ ބަޔާން ނެގުމުން ކަމަށެވެ. އިޖުރާއީ އެތައް މައްސަލައެއް، ވަކީލުން އޭނާއަށް ފާހަގަ ކޮށްދެމުން ދަނިކޮށް އެ އެއްބަސްވުމުގައި އޭރު ސޮއިކުރީ، ބޭސް ފަރުވާ މާބޮޑަށް މުހިއްމު ވެގެން ކަމަށްވެސް ވިދާޅުވިއެވެ.

އަދީބު އިތުރަށް ވިދާޅުވީ، ޖަލުތަކާއި ޕެރޯލްގެ ގާނޫނު އޮތްގޮތުން ވެސް ޑޮކްޓަރުން ލަފާ ދީފި ނަމަ، ގައިދީން ބޭރަށް ފޮނުވަން ލާޒިމް ވާނެ ކަމަށެވެ. ނަމަވެސް އޭނާއަށް އެ ހައްގު ނުދީ ގަސްދުގައި ހިފަހައްޓާފައިވާ ކަމަށާއި، ކޯޓަށް ދިއުމުން ވެސް އެ ހައްގަށް ހުރަސް އެޅި ކަމަށް އަދީބު ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ގާނޫނުގައި ބުނާ ގޮތަށް އިއުތިރާފުގެ އެއްބަސްވުމެއް ހެދީ ބޭސްފަރުވާގެ ކަންކަން ނިމިގެން އޭނާ ރާއްޖެ ވަޑައިގަތް ފަހުން ކަމަށެވެ. އަދި އެ އެއްބަސްވުން އޮތަސް ކުށަށް އިންކާރު ކުރުމުގެ ހައްގު އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެކުރިން އަދީބުގެ މައްޗަށް ކުށް ސާބިތުވި އަދި ފަހުން ހައި ކޯޓުން ހުކުމް ބާތިލުކުރި ޅ. މާބިންހުރާގެ މައްސަލައިގެ ވާހަކަ ވެސް އެއްބަސްވުމުގައި ހިމަނާފައި އޮތުމުން އެކަމާ ބެހޭ ގޮތުން ވެސް ގާޒީ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ މާބިންހުރާގެ މައްސަލާގައި އަދީބަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލުކުރި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނިކޮށް އެ އެއްބަސްވުމުގެ ދަށުން އެ މައްސަލަ ވެސް ފަހުން އަނބުރާ ގެންދިޔައީ ކަމަށެވެ. މިހާރު ދައުވާތައް ކުރަނީ ވަކިވަކި ރަށްތަކާ ގުޅިގެން ވަކި ދައުވާތައް ކުރުމުގެ ބަދަލުގައި ހުރިހާ ރަށްތަކާއި މުއާމަލާތްތަކެއް ހިމެނޭ ގޮތަށް ޖޮއިންޓް ދައުވާތަކެއްގެ ގޮތުގައި ކަމަށް ވެސް ދައުލަތުން ބުންޏެވެ.

މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން ގާޒީ ވިދާޅުވީ މިއަދުގެ އަޑުއެހުމަކީ އަދީބާއެކު ދައުލަތުން ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން އިޖުރާއީ ބައެއް ކަންކަން ސާފުކުރައްވަން ބޭއްވި އަޑުއެހުމެއް ކަމަށެވެ. ދެން އަންނަ އަޑުއެހުމެއްގައި އެއްބަސްވުމާ ގުޅޭ ގޮތުން ޝަރީއަތުން ނިންމާ ގޮތެއް އަންގަވާނެ ކަމަށްވެސް ވިދާޅުވިއެވެ.