ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ތިނަދޫގެ މޭޔަރު ސައުދު އަލީގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގައި، އެ މައްސަލަ ސާބިތު ކުރުމަށް، ރައީސް އޮފީހާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މުވައްޒަފުންތަކެއް ހިމެނޭގޮތަށް ދައުލަތުން ހެކި ހުށަހަޅައިފިއެވެ.
މި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ސައުދުގެ މައްޗަށް ދެ ދައުވާއެއް ކުރުމަށް ނިންމައި، ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ އޮގަސްޓް މަހުގެ 31 ގައެވެ. ސައުދުގެ މައްޗަށް ކޮށްފައިވަނީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި، ސައުދުގެ ފަރާތުން ހުށަހެޅި ދިފާއީ ވަކީލު ތަކުރާރުކޮށް ވިދާޅުވީ، އެ މައްސަލައާ ހަވާލުވީ މިއަދު ކަމަށާއި، އެހެންކަމުން މައްސަލަ ދިރާސާ ކުރުމަށް ވަގުތު ބޭނުންވާތީ، އެކަމަށް ވަގުތު ދެއްވުމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ މީގެ ކުރިންވެސް ސައުދަށް ވަގުތު ދީފައިވާ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ޖަވާބުދާރީވުމަށް ސައުދަށް ތަކުރާރުކޮށް ފުރުސަތު ދެއްވުމުންވެސް ދިފާއީ ވަކީލުން ވިދާޅުވީ، މައްސަލައިގައި ވާހަކަދައްކަން ސައުދަށް ގާނޫނީ ލަފައެއް ދެވޭނީވެސް މައްސަލަ ދިރާސާ ކުރުމަށްފަހުގައި ކަމަށެވެ.
ނަމަވެސް މިއަދުގެ އަޑުއެހުމުގައި ދައުވާ އިއްވާނެ ކަމަށާއި، އެ ދައުވާއަށް މިއަދަށް ބޭނުންވާ މިންވަރަށް ސައުދަށް ޖަވާބުދާރީވެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ގާޒީ ޝަރީއަތް ކުރިއަށްގެންދެވިއެެވެ.
އެގޮތުގެ މަތިން ދައުވާ ހުށަހެޅުމަށް ފުރުސަތު ދެއްވުމުން ދައުލަތުގެ ވަކީލުން ވަކިވަކިން ދެ ދައުވާ ހުށަހެޅުއްވިއެވެ. އަދި އެ ދައުވާތަކަށް ސައުދު އިންކާރުކުރެއްވުމުން ހެކި ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް ގާޒީ ދެއްވިއެވެ.
ހެކި ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ އެ ދެ ދައުވާއަށްވެސް ދައުލަތުން ހުށަހަޅަނީ އެއް ހެކިތަކެއް ކަމަށެވެ.
އެގޮތުން ޝަފަވީ ހެކިންގެ ގޮތުގައި، އެ މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް ސާފުކުރުމަށް ތިނަދޫ ކައުންސިލުގެ އޭރުގެ މެންބަރުންނާއި މުވައްޒަފުންނާއި، ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ތިނަދޫ ކައުންސިލާއި ކަމާބެހޭ އިދާރާތަކާއެކު ބޭއްވި ބައްދަލުވުންތަކުގެ ބައިވެރިން ދައުލަތުން ހުށަހެޅިއެވެ.
އޭގެ ތެރޭގައި ރައީސް އޮފީހުގެ މުވައްޒަފުންނާއި އެލްޖީއޭގެ މުވައްޒަފުން ހިމެނޭކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
މީގެ އިތުރުން ތިނދޫ ރަށްވެހިންގެ ލިސްޓުގައި ސައްހަނޫން މަގުން މީހުން ހިމަނާފައިވާކަން ސާބިތުކުރުމަށްޓަކައި، ރަށްވެހިންގެ ލިސްޓުގެ އިތުރުން، މި މައްސަލައިގެ ތަހުގީގުގެ ތެރޭގައި ހިނގާފައިވާ ކަންކަން ހާމަކުރުމަށްޓަކައި، މައްސަލަ ތަހުގީގުކުރި ފަރާތް ވެސް ހެތްކެއްގެ ގޮތުގައި ވަނީ ހުށަހަޅައިފައެވެ.
ކިތާބީ ހެކީގެ ގޮތުގައި ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ހޯދަން ކައުންސިލް އެތެރޭގައި ނިންމި ނިންމުންތަކާއި، ސީޓީއެއްގެ ދަރަޖަ ހޯދުމަށް ކައުންސިލުން އެެހެނިހެން އިދާރާތަކަށް ހުށަހެޅި ހުށަހެޅުންތަކާއި ކުރި މުއާމަލާތްތައް ވަނީ ހުށަހަޅައިފައެވެ.
ހަމަ އެއާއެކު ތިނަދޫ ކައުންސިލުން އެލްޖީއޭއާ ހިއްސާކުރި ސައްހަނޫން ލިސްޓުތަކާއި، ތިނަދުއަށް ސިޓީގެ ދަރަޖަދޭން 20 މެއި 2023 ގައި ތިނަދުއަށް ސިޓީ ކައުންސިލްގެ ދަރަޖަ ދިނުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގެ ޔައުމިއްޔާ ވެސް ވަނީ ހުށަހަޅައިފައެވެ.
އޭގެ އިތުރުން ސައްހަނޫން ލިސްޓުތައް އެލްޖީއޭއާ ހިއްސާކުރެވުނުކަން ސާބިތު ކުރުމުގެ ގޮތުން ޖެމްސް ޕޯޓަލްސްގެ ސްކްރީންޝޮޓްތަކާއި، މި މައްސަލައިގައި މީގެކުރިން ސައުދު އަލީގެ ފަރާތުން ދެ މީޑިއާއަކަށް ދީފައިވާ ބަޔާނާއި، ތިނަދޫގައި 10،150 މީހުންގެ އާބާދީއެއް އޮންނާނެކަމަށް ބުނެ އިލެކްޝަން ކޮމިޝަނަށް މައުލޫމާތު ދީފައިވާކަން ސާބިތު ކުރުމަށްޓަކައި، 10000 މީހުން ހަމަވެއްޖެތޯ ބެލުމަށް، އެ ކޮމިޝަނުން އެދިގެން އެ ކޮމިޝަނަށް ފޮނުވި، 1 ފެބްރުއަރީ 2023 އިން ފެށިގެން 31 ޖުލައި 2023 ގެ ނިޔަލަށް ގދ. ތިނަދޫ ރަށްވެހިންގެ އާބާދީގެ ލިސްޓާއި، އެއާ ގުޅިގެން 14 އޯގަސްޓް 2023 ގައި ކައުންސިލުން އެލްޖީއޭއަށް ފޮނުވި 10،150 މީހުންގެ އާބާދީ ހިމެނޭ ލިސްޓާ ގުޅިގެން ނެޝަނަލް ރެޖިސްޓްރޭޝަނުން ތައްޔާރުކޮށްފައިވާ އެނަލިސިސްއެއް ވެސް ވަނީ ހުށަހަޅައިފައެވެ.
ދައުލަތުން ހުށަހެޅި ހެތްކާ ގުޅިގެން ދިފާއުން ހެކި ހުށަަހަޅަން ދިން ފުރުސަތުގައިވެސް ސައުދުގެ ދިފާއީ ވަކީލުން ބުނީ، މައްސަލަ ދިރާސާ ކުރުމަކީ ގާނޫނުތަކުން ދިފާއަށް ދޭންޖެހޭ ވަގުތެއް ކަމަށެވެ. އެހެންކަމުން މައްސަލަ ދިރާސާކޮށް، ދިފާއުން ހެކި ހުށަހަޅަން ވަގުތު ދެއްވުމަށް ތަކުރާރުކޮށް ދިފާއީ ވަކީލުން ވިދާޅުވަމުން ގެންދެވިއެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް