ރަސްފަންނު ގޮނޑުދޮށުން ފޯނެއް ވަގަށް ނެގި މައްސަލައެއްގައި ކުރި 4،200 ރުފިޔާގެ ޖޫރިމަނާ ދައުލަތަށް ނުދެއްކި މީހަކު 21 ދުވަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި ހުކުމް އިއްވީ، ސ. ހިތަދޫ، މިސްރުގަނދަކޯޅިމާގޭ، އަލީ ވަހީދުގެ މައްޗަށެވެ.
އަލީ ވަހީދުގެ މައްޗަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެ، 4،200 ރުފިޔާއިން ޖޫރިމަނާ ކުރީ މިދިޔަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އަދި އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ކޯޓުން މުއްދަތު ދިން ނަމަވެސް، މުއްދަތު ހަމަވި އިރުވެސް އެ ފައިސާ ދައްކާފައި ނުވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
ޖޫރިމަނާ ފައިސާ ނުދެއްކުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދުނީ އަލީ ވަހީދުގެ މައްޗަށް ކަނޑައެޅި އަސްލީ އަދަބު ތަންފީޒުކުރުމުގެ އަމުރެއް ނެރެދިނުމަށެވެ. އެ އެދުމާ އެއްގޮތަށް ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ވަނީ ޖޫރިމަނާގެ އަދަބު މުރާޖާކޮށް، އޭނާ ތަންފީޒުކުރަން ޖެހޭނީ އަސްލީ އަދަބު ކަމަށްވާ 21 ދުވަހުގެ ޖަލު އަދަބު ކަމަށް ކަނޑައަޅައިފައެވެ.
އަލީ ވަހީދު ވަގަށް ނަގާފައިވަނީ 24 ފެބްރުއަރީ ވަނަ ދުވަހުގެ ހެނދުނު 11:00 ހާއިރު ރަސްފަންނު ގޮނޑުދޮށުގައި ހުރި ގަހެއްގައި އަޅުވާފައި ހުރި ދަބަހެއްގައި އޮތް ނޮކިއާ ފޯނެކެވެ. އެ ދަބަހުގެ ވެރިފަރާތް މޫދަށް އެރުނު ވަގުތު ދަބަސް ވަގަށް ނެގިއިރު، އޭގައި ފޯނުގެ އިތުރުން 5 ރުފިޔާ އަދި ކޭޝް ކާޑެއް އޮތެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި އަލީ ވަހީދު ވަނީ ވައްކަން ކުރި ކަމަށް އިއުތިރާފުވެފައެވެ.
އަލީ ޔާމިން
ހައިކޯޓު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ބަޔާން މިއުނިކް
ކޮމެންޓް