ރިޕޯޓް

މާލޭގައި ބިދޭސީންގެ މުޒާހަރާތައް ގިނަވެ ބިރުގަންނަން ޖެހޭ ހާލަތަކަށް! ފަހަތުގައި ފޮރުވިފައިވަނީ ކޮންކަމެއް؟

މުހައްމަދު ސިމާއު

4

ބިދޭސީން ލައްވައި ގުލާނުކޮށް، މުސާރަ ނުދޭ އެތައް މައްސަލައެކެވެ. ނިކަމެތިކޮށް، އަޅުވެތިކޮށްގެން ގެންގުޅޭ އެތައް ޝަކުވާއެކެވެ. ބޮޑެތި ކުށްތަކަށް އަރައިގަންނަ މިންވަރު ދަނީ އިތުރުވަމުންނެވެ. ނަމަވެސް މިއަދު ގައުމަށް ބޮޑުވެފައި އޮތީ އެކަންކަމާ ގުޅިގެން އެމީހުން މުޒާހަރާ ކުރަން ފެށުމެވެ. މުޒާހަރާތައް އިތުރުވުމެވެ. ވަރުގަދަވެ އަދަދުވެސް ގިނަ ވެފައިވުމެވެ.

މުސާރަ ނުދޭތީ ތިލަފުށީގައި މިދިޔަ މެއި މަހު ކުރި މުޒާހަރާގައި ވެސް ފުލުހުންތަކަކަށް ވަނީ އަނިޔާވެފައެވެ. ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި މިމަހުގެ ކުރީކޮޅު ކުރި އިހުތިޖާޖުގައި އެރަށުގައި ތިބި ބިދޭސީން ރުޅިގަދަވެ، އެތަނުގައި މަސައްކަތްކުރާ ދިވެހިން ވަނީ ރަހީނުކޮށްފައެވެ. އޭގެ ފަހުން ވެސް އެތައް މުޒާހަރާއެއް މާލެ ސަރަހައްދުގައި ވަނީ ކޮށްފައެވެ. މިއީ ހުޅުފަޅައިގެން ހިނގައިދާނެ ބޮޑު މައްސަލައެކެވެ. ބިޔަ ރާޅެއްގެ އިންޒާރެކެވެ.

މުޒާހަރާތައް ހިންގަނީ ރޭވުންތެރިކޮށް، ތުހުމަތު ވެސް ކުރޭ!

މާލެ ސަރަހައްދުގައި މިފަހަކަށް އައިސް ބިދޭސީން ކުރާ މުޒާހަރާތައް މިވަނީ އިތުރުވެފައެވެ. ސިފައިންނާއި ފުލުހުންނަށް ހުޅުމާލޭގައި ހަދާ އިމާރާތްތަކުގެ މަސައްކަތް ކުރާ ބިދޭސީންނަށް މުސާރަ ނުދޭތާ މަސްތަކެއް ވެގެން ދިއުމުން ތޮށިގަނޑު ފަޅާލައި، މަގުތަކަށް ނުކުމެ ވަނީ އަޑު އުފުލައިފައެވެ. މިދިޔަ ބުރާސްފަތި ދުވަހު މާލޭ އާޓިފިޝަލް ބީޗު ސަރަހައްދަށް ސަތޭކައެއްހާ ބިދޭސީން އެއްވެފައިވާއިރު، އިއްޔެ ޗާންދަނީ މަގާއި މަޖީދީމަގާ ގުޅޭ ޖަންކްޝަނަށް އެއްވާން ރާވާފައިވާ ކަމުގެ މެސެޖުތަކެއް ދައުރު ވެފައި ވެއެވެ.

ދާދި ފަހުން ހުޅުމާލޭ މަގުތަކުގައި ބިދޭސީންގެ ނުކުމެ ކުރި އިހުތިޖާޖުގައި ރައްޔިތުންގެ މުދަލަށް ވެސް ގެއްލުން ދީފައި ވެއެވެ. އެ ގޮތުން ބައެއް ފްލެޓުތަކަށް ވެސް ގެއްލުން ދިން ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.

ނަމަވެސް މި މުޒާހަރާތައް މިއަދު އިތުރުވެގެން މިއުޅެނީ ކީއްވެ ހެއްޔެވެ. މިއީ އުފެދޭ ސުވާލެެކެވެ. ބައެއް ބިދޭސީންގެ ވާހަކަތައް ހުރި ގޮތުން އެމީހުން މުޒާހަރާތަކަށް ނުކުތީ، ބޮޑުފިނޮޅު ހާދިސާއިން ހިތްވަރު ލިބިގެންނެވެ. އެމީހުންގެ އަޑު އަހާނެ ހަމައެކަނި ގޮތަކީ އެއީ ކަމަށް ދެކިގެންނެވެ. އެމީހުންނަށް މިއަދު މުޒާހަރާ ކުރުމަކީ ހައްގެއްކަން އެނގިއްޖެއެވެ. މުޒާހަރާ ކުރާނެ ސަބަބެއް ވެސް ފެނިއްޖެއެވެ. މިކަމުގައި ބައިވެރިވަނީ ދަތި ހާލުގައި އުޅޭ މީހުން އެކަންޏެއް ވެސް ނޫނެވެ. އެމީހުންނަކީ އެކަތިގަނޑެކެވެ.

އެގޮތުން މި މުޒާހަރާތައް އިންތިޒާމު ކުރަނީ ވެސް އޭގެ ތެރެއިން ބައެކެވެ. ބައެއް މީހުން އެއްވުންތަކަށް ގޮވާލައި މެސެޖުތައް ވެސް ފޮނުވައެވެ. އަނެއް ބަޔަކު މުޒާހަރާތައް އޮންނާނެ ދުވަހާއި ގަޑި ސޯޝަލް މީޑިއާގައި ވެސް އިއުލާންކޮށްފައި އެބަ ހުއްޓެވެ. ނަމަވެސް މިކަމުގައި ފޮރުވިފައިވާ އެހެން އެޖެންޑާތަކެއް ވެސް އެބަ އޮތް ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު މޫސާ މަނިކު (ރީކޯ) ވިދާޅުވި ގޮތުގައި، ބަންގްލަދޭޝީންގެ މުޒާހަރާތައް މިހާރު ލީޑްކުރަނީ އިންޑިއާ މީހުންނެވެ. އިންޑިއާ މީހުން ބަންގްލަދޭޝީން ފަހަތުލައިގެން ނުކުމެ ކުރާ ކަމެއްވެސް ބަލަން ޖެހޭ ކަމަށް މޫސަ ވިދާޅުވެފައި ވެއެވެ.

އަނެއް ބަޔަކު ދެކޭ ގޮތުގައި، މިއީ ސިޔާސީ ބަޔަކު އެމީހުން ލައްވައި ކުރުވާ ކަމެކެވެ. ބައެއް މީހުން ބުނާ ގޮތުގައި މީގެ ކުރިން ވެސް ބިދޭސީން ބޭނުން ކުރަމުން އަންނަނީ "ޓޫލެއް"ގެ ގޮތުގައެވެ. ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކުގެ ގޮނޑި ފުރާލަން ކުޑަ ފައިސާ ކޮޅެއް ދީގެން އެމީހުން ގެންދެއެވެ. ގައުމު ހަލަބޮލިކުރަން ވެސް އެމީހުން ބޭނުންކުރެއެވެ. ކުށްތަކަށް އަރައިގަންނަން ވެސް އެމީހުންގެ ބޭނުން ހިފައެވެ.

މިހާރު ފެށިގެން މި ހިންގާ ބިދޭސީން މުޒާހަރާ ތަކާއި މަގުތަކަށް ބޯޑުރައް ހިފައިގެން މި އެއްވާ އެއްވުންތަކުގައި ވެސް ސިޔާސީ އެކި ފަރާތްތަކުގެ އަތެއްވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އެމީހުންނަށް އެކަމަށް ހިތްވަރުދީ، ފަންޑުކުރާ މީހުންވެސް އުޅޭ ކަމަށް ތުހުމަތު ކުރެވެ އެވެ.

ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް!

ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ތިންބައިކުޅަ އެއްބައި ހިއްސާ ކުރަނީ ބިދޭސީންނަށް ވާއިރު އޭގެ ތެރެއިން ބޮޑު ޕަސެންޓެއް އުޅެމުންދަނީ ގަވާއިދާ ހިލާފަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ މީހުން ކަމެއް ޔަގީންކޮށް ބުނާކަށް ސަރުކާރަކަށް ވެސް ނޭނގެއެވެ. ބެލެވިފައިވާ ގޮތުގައި އެ އަދަދު ގާތްގަނޑަކަށް 60،000 އާއި އެއް ލައްކައާ ދެމެދުގައި އުޅޭނެ އެވެ. މިއީ ތިން ލައްކަ ކިރިޔާ ހަމަވާ މި ރާއްޖެއަށް އޮތް ވަރަށްވެސް ބޮޑު ނުރައްކަލެކެވެ. އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން އަދި ގައުމީ ސަލާމަތަށް ވެސް އޮތް ގޮންޖެހުމެކެވެ.

ބައިނަލްއަގްވާމީ އަދި ގައުމީ އެޖެންސީތަކުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލައި، ރާއްޖެއަށް ކުރިމަތިވެފައިވާ އިޖުތިމާއީ އަދި އިގްތިސާދީ އެކި މައްސަލަތައް ހައްލުކުރުމަށް އުފައްދާފައިވާ ޑައިރެކްޓް ޑިމޮކްރެސީ ގްލޯބަލް (ޑީޑީޖީ)ގެ ބޯޑު މެންބަރެއް ކަމުގައިވާ އަލީ ހުސެއިން ދީދީ ވިދާޅުވި ގޮތުގައި ބިދޭސީންގެ މައްސަލަ ގައުމީ ނުރައްކަލަކަށްވާ ދެ ސަބަބެއް އެބަ އޮތެވެ.

އެއް ސަބަބަކީ ލިޔެކިޔުމެއް ނެތް ބިދޭސީން ގިނަވުމެވެ. ދައުލަތަށް އެއީ ކިހާ އަދަދެއްގެ މީހުންކަން ނޭންގުމެވެ. އެގޮތުން ދައުލަތަށް ވެސް އޭގެ ތެރެއިން ގޮންޖެހުންތަކެއް ދިމާވެއެވެ. ކޮވިޑުގެ ތެރޭގައި ނަން އޮޅުވާލައިގެން އުޅުނު ބިދޭސީން ގިނަކަންވެސް ވަނީ އެނގިފައެވެ.

ދެވަނަ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، ބިދޭސީން ކުރަމުން އަންނަ މުޒާހަރާތަކެވެ. މިއަދު އެމީހުންގެ ތެރޭގައި މުޒާހަރާކުރަން ޖޯޝު ހުރުމެވެ.

"ރާއްޖޭގައި ގާތްގަނޑަކަށް 120،000 އެއްހާ ބިދޭސީން އުޅޭއިރު އޭގެ ތެރެއިން 30،000 މީހުން މުޒާހަރާއަށް ނުކުމެއްޖެ ނަމަ ކޮންޓްރޯލް ކުރެވޭނެތޯ؟ މިސާލަކަށް 25،000 ނުކުތް ނަމަވެސް. ރާއްޖޭގައި މުޒާހަރާއަކަށް 10،000 މީހުން ނުކުމެފައެއް ނެތް. މުޒާހަރާ ކޮންޓްރޯލް ކުރުމުގެ އިތުރުން މިއީ ހާރިޖީ ގުޅުންތަކަށް ވެސް ބުރޫ އަރާނެ ކަމެއް. ބައިނަލްއަގްވާމީ މުއާހަދާތަކާ ގުޅޭ އެއްބަސްވުންތަކާ ވެސް ހިލާފު ވެދާނެ. ބޮޑު މައްސަލައަކާ ދިމާއަށް ވެސް ހިނގައިދާނެ،" އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި މީގެ ކުރިން މަސައްކަތް ކުރެއްވި އަލީ ހުސެއިން ދީދީ ވިދާޅުވިއެވެ.

އަލިދީ އެ ވިދާޅުވި ކަންތައްތަކެއް ކޮޅުމަތި ދށދި ފަހުންވެސް ވަނީ ފެނިފައެވެ. ބ. ބޮޑުފިނޮޅުގައި ކުރި އިހްތިޖާޖު ކޮންޓްރޯލް ކުރުމަށް ދިޔަ ފުލުހުންނާއި ބިދޭސީން ކުރިމަތިލައި ހަމަނުޖެހުންތަކެއް ހިންގިއެވެ. އެއީ އެރަށުގައި ތިބި 200 އެއްހާ ބިދޭސީންގެ ތެރެއިން މަދު ބައެކެވެ. އެގޮތުން އެޅިގަލާއި ދަގަނޑު އަދި މިރުސް ފެން ވެސް ފުލުހުންނާ ދެކޮޅަށް ބޭނުން ކުރަން އެމީހުން ހުރީ ތައްޔާރުކޮށްފައެވެ.

މުޒާހަރާ ކުރާ މީހުން ބޯޓަކަށްލައި ފޮނުވާލާ!

މިއީ ބައެއް އާންމުން ކުރިންސުރެ ވެސް ބުނަމުން އަންނަ ވާހަކައެވެ. ނަމަވެސް މިއީ ކުރެވޭނެ ކަމެއް ނޫނެވެ. އެއް ސަބަބަކީ ރާއްޖެއަށް ބިދޭސީން ބޭނުން ވުމެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މީގެ ކުރިން ވިދާޅުވި ގޮތުގައި، މުސްތަގުބަލުގައި ވެސް ބޭރު މީހުން ރާއްޖޭގައި މަސައްކަތް ކުރާނެއެވެ. އިގްތިސާދު މިހާރު މިދާ ސްޕީޑްގައި ކުރިޔަށް ގެންދިއުމަށް އަދިވެސް އިތުރު ބިދޭސީން ބޭނުން ވެއެވެ.

އެގޮތުން ރާއްޖޭގައި ދެ ލައްކައަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން އުޅޭއިރު ވަޒީފާއެއް ނެތި، ވަޒީފާއެއް ހޯދަން އުޅެނީ 15،000 އާއި 20،000 އެއްހާ ދިވެހިންނެވެ. އިތުރު 30،000 އެއްހާ ދިވެހިންނަކީ އެހާ ބޮޑަށް ވަޒީފާއެއް ހޯދަން ނޫޅޭ، ނަމަވެސް ބޭނުންވާ ވަރުގެ މުސާރައެއްގައި ބޭނުންވާ ވަޒީފާއެއް ލިބޭ ނަމަ ދާންތިބި މީހުންނެވެ.

"ޖުމްލަ ބަލަމާ ހިނގާ އަޅުގަނޑުމެންގެ ވަޒީފާ އަދާކުރަން ބޭނުންވާ 50،000 އެއްހާ ބޭފުޅުން މިތިބީ މިސާލަކަށް. ދެލައްކަ ކޮންމެވެސް ވަރެއް އެބަތިބި ބޭރު މީހުން. އެ ދެ ލައްކަ މީހުން ފޮނުވާލިޔަސް އަދި 50،000 މީހުން ލައިގެން އަޅުގަނޑުމެންގެ އިގްތިސާދެއް ކުރިއަކަށް ނުދޭ. އިގްތިސާދު ކުރިއަށް ގެންދަން ބޭނުންވާ ނަމަ އިތުރަށް އަދިވެސް މީހުން އެބަ ބޭނުންވޭ،" ފައްޔާޒު ވިދާޅުވިއެވެ.

ދެން އޮތީ ބިދޭސީން ފުރުވައިލުމުގެ ވާހަކައެވެ. އެކަމަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވީ، ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ގިނަ ބިދޭސީންނަކީ އެ މީހުން ރާއްޖެ ގެނައި ފަރާތްތަކުގެ އަމަލުތައް ހުރި ގޮތުން އަނިޔާ ލިބިފައިވާ މީހުން ކަމަށާއި އެހެންކަމުން، ބައެއް އާންމުން އެބުނާ ގޮތަށް، ކަނޑު ބޯޓަކަށް ލައި އަނބުރާ ފޮނުވައި ނުލެވޭނެ ކަމަށެވެ. ސަބަބަކީ ތަބާވާން ޖެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތައް ވެސް ހުންނާތީ އެވެ.

ބިދޭސީންގެ މި މައްސަލައަކީ އެތައް ސަރުކާރަކަށް ވާރުތަ ވަމުން އައިސް މި ސަރުކާރުގެ މައިބަދަޔަށް ހެރިފައިވާ ކައްޓެކެވެ. އެއްވެސް ސަރުކާރަކަށް މިކަން ހައްލުކުރެވިފައެއް ނުވެއެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވަނީ މި މައްސަލަ މި ސަރުކާރުން ހައްލުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެޔާއި އެކު، ފެނިގެން ދިޔައީ ނުގަވައިދުން އުޅޭ މީހުން ގަވައިދުގެ ތެރެޔަށް ވެއްދުމަށް ހާއްސަކޮށްގެން ހާއްސަ ޕްރޮގްރާމެއް ފެއްޓިތަނެވެ. މި ހުޅުވައިލުމާއެކު ގަވައިދުގެ ތެރެޔަށް ވަންނާނެ ބޭނުންވެގެން ބިދޭސީން މިނިސްޓްރީ ބޭރުގައި ކިޔު ހެދި އެވެ. ކިޔުގެ ފޯރި ގަދަވެ، އެއްދުވަސް ދެދުވަސްކުރީން ކިޔުއަށް އަރައި ނުނިދައި މިނިސްޓްރީ ދޮށުގައި ފޯރިޔަށް ތިބެން ޖެހޭ ހިސާބަށް ބިދޭސީންގެ ކިޔު ދިގުވުމުން ސަރުކާރުން ދެން އެކަން ބަދަލުކުރީ ގަލޮޅު ރަސްމީ ދަނޑަށެވެ. ދަނޑު ބޭރުން ހަދައިލި ކިޔުވެސް މަޖީދީމަގުން އިރަށް ގޮސް ސޯސަންމަގާ ހަމަޔަށް ދެމިގެން ދިޔަ އެވެ. ދަނޑުގެ އުތުރުފަޅީ ސިޑިބަރި އެއްކޮށް ފުރިގެން ދިޔައެވެ. މަންޒަރު ދުށް މީހުން ބިރުން ފިއްކަނޑައިގެން ދިޔަ އެވެ. އެހެން ނަމަވެސް ސަރުކާރުން އެމަސައްކަތް ފަށައި އެތައް ހާސް ބަޔަކު ރަޖިސްޓްރީ ކުރި އެވެ. އަދި ހަމަ އެހެންމެ މި ސަރުކާރު އައިސް އަލަށް ރާއްޖެއަށް ބަންގްލަދޭޝް މީހުން ގެންނާން ވޯކް ވިސާ ދިނުންވެސް ހުއްޓައިލި އެވެ.

އެހެންކަމުން މީގައި އޮތް ހައްލަކީ ކޮބައި ހެއްޔެވެ. ބިދޭސީން ހިމާޔަތް ކުރުމުގެ ގާނޫނަކާއި ސިޔާސަތެއް ގެންގުޅުމެވެ. މުދަލަށާއި އާންމުންނަށް ގެއްލުމެއް ދީފި ނަމަ އެކަމަކާމެދު ފިޔަވަޅު އަޅަން ޖެހޭނެއެވެ. ނަމަވެސް އެކަންކުރި އެއްބަޔަކު ހައްޔަރުކޮށް، އަނެއް ބަޔަކު އަރުވައިލުމަކުން މިކަމެއް ނުނިމޭނެއެވެ. ބިދޭސީންނާ ގުޅުން ހުރި ގާނޫނުތަކާއި ގަވާއިދުތަކެއް އެބަހުއްޓެވެ. މިކަމުގައި ވެސް އޮތީ އެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރުމެވެ. އެހެން ނޫންނަމަ މިހާރު ރޯވަމުން އަންނަ ހުޅުގަނޑު ދާނީ ފަޅައިގެންނެވެ. އޭރުން ނުކުންނަ ނަތީޖާ މާ ހިތި ވާނެއެވެ. ސިޔާސީ މީހުންވެސް މިކަމާ މެދު ވިސްނައި ފިކުރު ހިންގާން ޖެހެ އެވެ. ވަގުތީ ފައިދާއެއްގެ ބޭނުމުގައި ގައުމު ހަލަބޮލިކުރުމަށް ބިދޭސީންނަށް ހިތްވަރުދީ، އެމީހުންނަށް ފަންޑުކޮށް މަގުތަކަށް ނެރޭ ނަމަ، އެ ދަސްކޮށްދެވެނީ ވަރަށް ބިރުވެރި ފިލާވަޅެއްކަން ހަނދާން ބަހައްޓަން ޖެހެ އެވެ. އެ ފިލާވަޅުން އެދުރުވެ އެމީހުންގެ ދޮޅުލައްކަ މީހުންގެ ތެރެއިން ފަސް ވަރަކަށް ޕަސެންޓު މީހުން އަބަދާއި އަބަދު މަގުތަކަށް ނުކުމެ، ހަމަނުޖެހުންތައް ހިންގައި ގައުމާ ދިމާކުރަން ނުކުތަސް އެއީ މުޅި ގައުމުގެ ދާޚިލީ ހަމަޖެހުން ގެއްލި އަމަން އަމާންކަން ގެއްލިގެން ހިނގައިދާނެ އަމަލެއްކަން ދަނެ، އެކަންކަމަށް ހިތްވަރުދިނުން ހުއްޓައިލާން ޖެހެ އެވެ. ކޮންމެ ކަމަކަށްވުރެވެސް ބޮޑަށް ގައުމުގެ ހަމަޖެހުމާއި މަސްލަހަތު އިސްކުރާން ޖެހެ އެވެ.