ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ދައުވާތައް، ކުރިމަނަލް ކޯޓުގައި މާދަމާއަށް އަނެއްކާވެސް ތަވާލް ކޮށްފިއެވެ.

މި ދައުވާތައް ކުރިޔަށް ގެންދިއުމަށް މިދިޔަ ބުރާސްފަތި ދުވަހަށްވެސް ތާވަލް ކުރިއެވެ.

ނަމަވެސް ޕީޖީ އޮފީހުގެ އިދާރީ މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން، އެދުވަހުގެ ޝަރީއަތްތައް ކެންސަލްކުރީއެވެ.

އަދީބުގެ މައްޗަށް ކުރާ ހަތް ދައުވާއެއް މާދަމާއަށްވެސް ވަނީ ތާވަލް ކޮށްފައެވެ.

މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން އަދީބުގެ މައްޗަށް ދެން އުފުލާފައިވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެކެވެ.

މި ދައުވާތަށް ކުރިއަށް ގެންދިއުމަށް މާދަމާއަށްވެސް ތާވަލް ކޮށްފައިވަނީ އެކުއެކީގައެވެ. ގަޑިޔަކީ ހެނދުނު 10:30 އަށެވެ.

ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓުން ބުނީ 1:00 އަށް ތާވަލްކޮށްފައި އޮތް އަދީބުގެ ޝަރީއަތްތައް ކެންސަލް ކުރީ ޕީޖީ އޮފީސް ޑިސްއިންފެކްޓް ކުރަމުންދާތީ ކަމަށެވެ.

އެ މައްސަލަތަކަކީ، ގިނަ އަދަދެއްގެ ލިޔުންތައް ހުށަހަޅާފައިވާ މައްސަލަޔަކަށް ވާތީ ޕީޖީގެ ވަކީލުންގެ ޓީމު އޮފީހަށް ހާޒިރުވެގެން މެނުވީ، މައްސަލައިގެ އަޑުއެހުން ކުރިޔަށް ގެންދިއުމަށް ދަތިކަމަށް އެ އޮފީހުން ބުނެފައިވާ ކަމަށާއި، އެހެންކަމުން އެ ދުވަހުގެ 3:00 އަށް ޝަރިއަތް ރީޝެޑިއުލްކޮށް ދިނުމަށް ޕީޖީ އޮފީހުން އެދިފައިވީ ނަމަވެސް އެ ގަޑިޔަށް ޖަލުގެ ވީޑިއޯ ކޮންފަރެންސް ހަމަޖެހިފައި ނުވާތީ ޝަރީއަތް ކެންސަލް ކުރީ ކަމަށްވެސް ކްރިމިނަލް ކޯޓުން ބުންޏެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިސަރު އަހުމަދު ޝަފީއު "ވަން އޮންލައިން" ބުރާސްފަތި ދުވަހު ވިދާޅުވީ، އެތަނުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން 12:00 އިން ފެށިގެން ޕީޖީ އޮފީސް ޑިސް އިންފެކްޓްކުރަން ފެށިކަމަށެވެ.