ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފޯނުން ކޮށްފައިވާ މުއާމަލާތްތަކެއް ކަމަށްބުނާ މައުލޫމާތުތަކެއް ސޯޝަލް މީޑިއާގައި ލީކުކޮށްލައިފިއެވެ.

ކޯލު ލޮގްތައް ވެސް ހިމެނޭ އެ ފޯނު ޑޭޓާގައި 81،000 އަށްވުރެ ގިނަ މެސެޖު ހިމެނެއެވެ. އެ މެސެޖުތަކަކީ 2014 ވަނަ އަހަރުގެ ތެރޭގައި ކޮށްފައިވާ މެސެޖުތަކެކެވެ.

ޕީޑީއެފް ފައިލެއްގެ ގޮތުގައި ލީކު ކޮށްލާފައިވާ އެ ޑޭޓާގައި 2900 އަށްވުރެ ގިނަ ޕޭޖު ހިމެނެއެވެ. މެސެޖުތައް ކޮށްފައިވާ މީހުންގެ ތެރޭގައި ފަނޑިޔާރުންނާއި އޭރުގެ ސަރުކާރުގެ މިނިސްޓަރުންނާއި ކުންފުނިތަކުގެ އިސް ބޭފުޅުންނާއި މަޖިލިސް މެންބަރުން އަދި ނޫސްވެރިން ވެސް ހިމެނެއެވެ.

އޭގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ މީހުންނާއި އަދީބާ ދެމެދު ކޮށްފައިވާ މެސެޖުތަކެއް ވެސް އެ ޑޭޓާ ފައިލުގައި ހިމެނެއެވެ.

އެ މެސެޖުތަކުގައި ގިނަ ބަޔަކު އަދީބުގެ ފަރާތުން ފައިސާއަށް އެދެމުން ގޮސްފައިވެއެވެ. އަދި ލޯބީގެ ގޮތުން، އަންހެނުންތަކެއް ކޮށްފައިވާ ޒާތީ މައުލޫމާތުތަކެއް ހިމެނޭ މެސެޖުތަކެއް ވެސް ހިމެނެއެވެ.

އެ ފައިލުން ދައްކާގޮތުގައި އަދީބު ވަނީ ބައެއް މީހުންނަށް ބޮޑެތި އަދަދުތަކުން ފައިސާދޭން ޖެހޭ ދުވަސްތައް ވެސް ފޯނުގައި ނޯޓުކޮށްފައެވެ.