މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ބޮޑު ހިޔާނާތުގެ މައްސަލައިގައި ޖަލަށްލާފައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް މައާފު ދިން ނަމަވެސް، ދައުލަތަށް ގެއްލުނު ފައިސާ ހޯދުމުގެ ފުރުސަތު މިހާރުގެ ސަރުކާރަށް އެބައޮތްކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުރީގެ ތިން ރައީސުން ކަމަށްވާ އަބްދުﷲ ޔާމީން، މުހައްމަދު ނަޝީދު އަދި އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވަނީ އެކުގައި މަސައްކަތް ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، އެކުގައި މަސައްކަތް ކުރުމާބެހޭ އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ.
އެއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސޯލިހު ވިދާޅުވީ އަދީބަށް ލުއިދިނުމުގައި އަމަލުކޮށްފައިވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އެގޮތުން އެ ނިންމުން ނިންމާފައިވަނީ އަދީބު އޭނާގެ ހުކުމުގެ ބޮޑު ބައެއް ތަންފީޒުކޮށްފައިވާ މިންވަރަށާއި، ކަރެކްޝަންސްގެ ލަފަޔަށް ބެލުމަށްފަހުކަމަށް ސޯލިހު ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވީ އަދީބަށް ލުއިދިނީ ހަމައެކަނި ޖިނާއީ ކުށުގެ އަދަބަށް ކަމަށާއި، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަދަނީ މައްސަލަތައް އަދިވެސް އޮތީ ކުރިއަށް ގެންދެވޭ ގޮތަށް ކަމަށެވެ. އެ މައްސަލަތައް ހުރީ ތަހުގީގު ނިމި، ޝަރީއަތަށް ފޮނުވޭ ހިސާބުގައިކަމަށް ސޯލިހު ވިދާޅުވިއެވެ.
"އެ ފައިސާ ހޯދުމުގެ މައްސަލަ މި ސަރުކާރަށްވެސް ކުރިއަށް ގެންދެވޭނެ. ނަމަވެސް އެކަން ނުކުރަނީ ކީއްވެތޯ ސުވާލު އުފެދޭ،" ސޯލިހު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ދައުލަތަށް ގެއްލުނު ފައިސާ ހޯދުމުގެ މަސައްކަތަކީ އެއްވެސް އިރެއްގައި ހުއްޓިފައި އޮންނަންޖެހޭނެ މަސައްކަތެއް ނޫނެވެ.
އެ މަނިކުފާނުގެ ވެރިކަމަކީވެސް ރައްޔިތުން އެންމެ އެދޭ ގޮތަށް ފުރިހަމައަށް ކުރެވުނު ވެރިކަމަށް ނުވެދާނެ ކަމަށާއި، ބައެއް ކަންކަމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރެދާނެކަމަށް ގަބޫލުކުރައްވާކަމަށް ސޯލިހު ވިދާޅުވިއެވެ.
އަދީބުގެ އިތުރުން އެހެން ބައެއް ފަރާތްތަކަށްވެސް ގާނޫނީ އިމުގެ ތެރެއިން ލުއިތައް ދީފައިވާނެ ކަމަށާއި، އެ ހުރިހާ ކަމެއްގައިވެސް އަމަލުކޮށްފައިވަނީ ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށްކަމަށް ސޯލިހު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު