މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ނައިބު ރައީސް އަހުމަދު އަދީބުގެ އަތުގައި ހުރީ ދައުލަތް ލޫޓުވައިގެން ހޯދާފައިވާ ފައިސާކަމެއް އެ ފައިސާ ލިބުނު މީހުނަށް ނޭނގޭ ކަމަށާއި އެ ފަދަ މީހުނަށް ދައުވާ ނުކުރެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، އެ ޕާޓީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި ހިމެނޭ މީހުންގެ މައްސަލަތައް ތަހުގީގުކުރަން ވާނެ ކަމަށެވެ. ގާސިމް ވިދާޅުވީ މުޅި އެ ކޮރަޕްޝަން ބިނާވެފައިވަނީ ދައުލަތުގެ ތެރޭގައި އެއިރު ތިބި ދެތިން ހަތަރު މީހެއްގެ މެދުގައި ކަމަށެވެ.
"އަދީބު އޭރު ނައިބު ރައީސަކަށް ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ. އެ މަނިކުފާނު އަދި ކިތަންމެ ބައިވަރު ފައިސާއެއް އަދި މީހުންނަށް ދެއްވި ކަމުގައިވީ ނަމަވެސް އެ ފައިސާއެއް ދެއްވާފައިވަނީ ވަނީ އެއްވެސް މީހަކަށް މި ދެންނެވި އެއީ ހިޔާނާތުގެ ގޮތުން ހޯއްދަވާފައި ހުރި ނުވަތަ ދައުލަތުގެ ފައިސާއެއް ނަހަމަ ގޮތުގައި ހޯއްދަވައިގެން، ހޯއްދަވާފައި ހުރި ލާރިއަކުން ކަމެއް އެއްވެސް މީހަކަށް ނޭނގެ. އެހެންވީމާ އެ ފައިސާ ލިބުނު މީހަކަށް ކިތަންމެ ބައިވަރެއް ލިބިފައިއޮތަސް އެ ބޭފުޅަކަށް ދައުވާ ކުރެވޭނެ އެއްވެސް ޖާގައެއް ދައުލަތުގައެއް ނެތް" ގާސިމް ވިދާޅުވިއެވެ.
"އެ ބޭފުޅުންނަކަށް ނޭނގެ އެއްގޮތަކަށް ވެސް ތިމަންނާމެންނަށް މި ލިބޭ ފައިސާއަކީ އަހުމަދު އަދީބު ނަހަމަ ގޮތުގަ ދައުލަތް ލޫޓުވާލައިގެން ހޯދާފައި ހުރި ފައިސާއެއްކަމެއް." ގާސިމް ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީ ކޮރަޕްޝަން ހިންގިއިރު އަދީބު ހުންނެވީ ވެރިކަންކުރަމުންދިޔަ ޕީޕީއެމްގެ ފައިސާގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެ ކަމަށް ގާސިމް ވިދާޅުވިއެވެ. އެހެންކަމުން ޕީޕީއެމްގެ މަޖިލިސް މެންބަރުންނަށް ކިތަންމެ ގިނަ ފައިސާއެއް އަދީބު ދެއްވި ނަމަވެސް އެ ފައިސާގެ ހަގީގަތް ނޭނގޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
އެއާ ހިލާފަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެ މަނިކުފާނުގެ ގެކޮޅަށް ފޮށިފޮށިގަނޑުގައި ވަތް ފައިސާއަކީ ހަލާލު ނޫން ފައިސާ ކަމަށް އިއުތިރާފުވެވަޑައިގެންފައި ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު