މާދަމާއިން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

ތިން މަސްދުވަހުގެ މުއްދަތަކަށް ފަހު މާލެ ސަރަހައްދުގެ މިސްކިތްތަކުގައި މާދަމާއިން ފެށިގެން ހުކުރު ނަމާދު ކުރަން ނިންމާފައިވާކަން އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައި ވަނީ މިއަދު ކުރި ޓުވީޓެއްގައެވެ.

މާލެ ސަރަހައްދަށް އިއުލާންކޮށްފައި އޮތް ލޮކްޑައުންގައި ހިފަހައްޓާފައި އޮތް ކަންކަމަށް ލުއިތަކެއް ދިނުމުގެ ތިން ވަނަ މަރުހަލާގެ ދަށުން މިމަހު އެއްވަނަ ދުވަހުގެ މަޣްރިބު ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ނަމާދު ކުރުމުގެ ހުއްދަ ވަނީ ދީފައެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު މާލޭގައި ހުކުރު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން އޭރު ނެރުނު ނޫސްބަޔާނުގައި ބުނީ ޖަމާއަތުގައި ނަމާދު ކުރަން ފެށި ނަމަވެސް ހުކުރު ނަމާދު ނުކުރުމަށް ނިންމީ ކޮވިޑް ފެތުރުން ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ.

މާލޭގައި ކޮވިޑް 19 ފެތުރުން ހުއްޓުވުމަށް މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގެ ނަމާދު ކުރުން މެދު ކަނޑާލީ، މިއަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހުގެ އަސްރު ނަމާދުން ފެށިގެންނެވެ.