ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން

ސަފާރީ ރޭޕް މައްސަލަ: ކޭސް ލޮގް ފުލުހުން ދީފައި ނުވާ ކަމަށް އެންއައިސީން ބުނެފި

އިބްރާހިމް ޒަކީ

ހުޅުމާލެ ފަޅު ތެެރޭގައި އޮތް ސަރާފީއެއްގައި މިދިޔަ ހުކުރު ދުވަހުގެރޭ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން ފުލުހުން މީހުން ހައްޔަރުކުރި ގޮތާއި ދޫކޮށްލި ގޮތާބެހޭ މައުލޫމާތު ހިމެނޭ ކޭސް ލޮގްކުރި ރިޕޯޓް ލިބިފައި ނުވާ ކަމަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ބުނެފިއެވެ.

ސަފާރީގައި ރޭޕްކުރިކަމަށް ބުނާ މައްސަލައިގެ ތުހުމަތުގައި 39 އަހަރުގެ ދިވެހި ފިރިހެނުން ފުލުހުން ހައްޔަރު ކުރިނަމަވެސް، އެމީހުން ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތްކަމަށް ބުނެ ފުލުހުން ވަނީ އެ މީހުން ދޫކޮށްލައިފައެވެ.

ނަމަވެސް މައްސަލަ އިތުރަށް ގޯސްވީ، އެކަން އިތުރަށް ތަހުގީގު ނުކޮށް ފުލުހުން އެމީހުން ދޫކޮށްލީ ސިޔާސީ ނުފޫޒުންކަމަށް ތުހުމަތުތަކެއް ކުރަން ފެށުމުންނެވެ.

އެކަމުގައި ފުލުހުން ކަންކޮށްފައިވާ ގޮތް ބެލުމުގެ މަސައްކަތް ނެޝަނަލް އިންޓަގްރީޓީ ކޮމިޝަން (އެއައިސީ)ން ކުރިއަށް ގެންދޭތޯ، އޮޅުން ފިލުވުމަށް އެ ކޮމިޝަންގެ މެންބަރުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ކޮމިޝަންގެ ރައީސް އަހުމަދު ސުލެއިމާނު ވިދާޅުވީ، އެކަން ބެލުމަށް އެ ކޮމިޝަންގެ ތިން މެންބަރުންގެ ކޮމިޓީއެއް އުލަވާލައި، އެ ކޮމިޓީއާ މަސައްކަތް ހަވާލު ކޮށްފައިވާ ކަމަށެވެ.

އެކޮމިޓީން ތަހުގީގު ކުރިއަށް ގެންދިއުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެ ކޭސް ލޮގް ރިޕޯޓް ފަދަ ތަހުގީގަށް ބޭނުންވާ ބައެއް ލިއެކިޔުންތައް ފުުލުހުން އަދި ދީފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ މައްސަލަޔަކީ ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށްބުނެ އެ މައްސަަލައިގެ ތަހުގީގާ ބެހޭ ބައެއް މައުލޫމާތުތައް އަދި ފުލުހުން ދީފައިނުވާ ކަމަށްވެސް ބުންޏެވެ. އިތުރު ތަފްސީލު ދެއްވަމުން އެ މައްސަލަ ބަލަން އެކުލަވައިލި ތިން މެންބަރުންގެ ކޮމިޓީގެ ޗެއާ ޖިހާދު ވިދާޅުވީ، އެ މައްސަލައިގެ ޑޮކިއުމެންޓްތައް ހޯދުމަށް އެ ބޭފުޅުން ހުޅުމާލެ ޕޮލިހަށްވެސް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

އެޒިޔާރަތުގައި، ރޭޕްގެ ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރީ ކިހިނެއްތޯއާއި، އެމީހުން ދޫކޮށްލީ ކިހިނެއްތޯ ބެލުމަށް އެކަމާބެހޭ ޑޮކިއުމެންޓްތަަކަށް އެދިފައިވާނެ ކަމަށްވެސް ވިދާވިއެވެ. ނަމަވެސް އެ ޑޮކިއުމެންޓްތައް އަދި ލިބިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެ ޒިޔާރަތުގައި ފުލުހުންގެ ހަތަރު މީހުންގެ ބަޔާންވެސް ނަގާފައިވާ ކަމަށެވެ. އެގޮތުން އެ ހާދިސާގެ ސީންއަށް ދިޔަ ތިން މީހަކާއި އެވަގުތު ޝިފްޓް އިންޗާޖުގެ ބަޔާން ނަގާފައިވާ ކަމަށާއި، ނަމަވެސް ތަހުގީގު ޓީމުން އެކަން ކުރިއަށް ގެންދާ ގޮތް އަދި އޮޅުން ފިލުވަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން އެ ހާދިސާގައި ހިމެނޭ ކެންޔާގެ އަންހެންމީހާ މިސް ޕައުލިން، ހުޅުމާލޭ ހޮސްޕިޓަލަށް ދައްކާފައިވާތީ އެކަމާބެހޭ މައުލޫމާތު ދިނުމަށް ހުޅުމާލެ ހޮސްޕިޓަލްގައި އެދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޖިހާދު ވިދާޅުވީ، އެ މައްސަލައިގައި އެ އަންހެން މީހާގެ ބަޔާން މިއަދު ނަގާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އެންއައިސީގެ ތަހުގީގަށް ބޭނުންވާ ބައެއް ލިޔުންތައް ނުލިބި ލަސްވާ މައްސަލަ 241 ކޮމިޓީއަށް ފޮނުވަން، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ވަނީ ނިންމައިފަ އެވެ.